ޝާހިދުގެ ފިލްމު 'ރޯމިއޯ'އަށް ތަމަންނާ

ޝާހިދުގެ ފިލްމު "ރޯމިއޯ"ގެ ކާސްޓާ އެންމެފަހުން ގުޅުނު ސައުތު ސިނަމާގެ ބަތަލާ ތަމަންނާ ބާޓިއާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްއާ އެކު އެކްޓަރު ޝާހިދު ކަޕޫރު މަސައްކަތް ފަށާފައިވާ ފިލްމު "ރޯމިއޯ"ގެ ބަތަލާގެ ރޯލަށް ތަމަންނާ ބާޓިއާ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މީގެކުރިން "އަރުޖުން އުސްތާރާ"ގެ ނަމުގައި އުފައްދަން ނިންމި ފިލްމު "ރޯމިއޯ"އަކީ ޝާހިދުއާ އެކު ބަތަލާ ތަމަންނާ އެކީގައި މަސައްކަތް ކުރާނެ ފުރަތަމަ ފިލްމެވެ.

ތަމަންނާ މި ފިލްމަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ފިލްމުގެ ވަރަށް މުހިއްމު ރޯލަކުން ބަތަލާ ތުރިޕްތީ ދިމްރީ ފެންނާނެއެވެ.

މީގެއިތުރުން ބަތަލާ ދިޝާ ޕަޓާނީ ވެސް ފިލްމުގެ ހާއްސަ ރޯލަކުން ފެންނާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. އެހެންކަމުން ތަމަންނާ ފިލްމުގައި ފެންނާނީ ކޮންކަހަލަ ރޯލަކުން ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ފިލްމު "ރޯމިއޯ"އިން އެކްޓަރު ޝާހިދު ކަޕޫރާ އެކު ފެންނާނެ ބަތަލާއިން ކަމަށްވާ ތުރިޕްތީ ދިމްރީ އަދި ތަމަންނާ ބާޓިއާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމު "ރޯމިއޯ"އަކީ ޑައިރެކްޓަރު ވިޝާލް ބަރަދްވާޖް މީގެކުރިން އުފައްދާފައިނުވާ ފަދަ ތަފާޓު ޖޯންރާއެއްގެ ފިލްމެކެވެ. ޝާހިދު ކަޕޫރު ގޭންގްސްޓާއެއްގެ ރޯލްއިން ފެންނާނެ ކަމަށް ބެލެވޭ މި ފިލްމަކީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެއް ކަމަށާއި މިއީ ވިޝާލް މި ފަހުން ގެނެސްދޭނެ އެންމެ ވަރުގަދަ ކޮމާޝަލް ފިލްމަށްވާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ޝާހިދުއާ އެކު މި ފިލްމުން ފެންނާނެ އިތުރު ތަރިންގެތެރޭ ވިކްރާންތު މަސީ، ދިއާ މިރުޒާ، ނާނާ ޕަޓޭކަރު، ރާމް ކަޕޫރު، ޝަކްތީ ކަޕޫރު އަދި ރަންދީޕް ހޫޑާ ހިމެނެއެވެ. ސައުތު ސިނަމާގެ ފިލްމުތަކުން ފެނިފައިވާ ބަތަލާ ތަމަންނާ އެންމެފަހުން ބެލުންތެރިން ފެނިފައި ވަނީ ތެލުގޫ ފިލްމު "އޮޑެލާ 2"އިންނެވެ.

މީގެއިތުރުން މި އަހަރުގެ މެއި މަހު ރިލީޒްވި ފިލްމު "ރެއިޑް 2"ގެ ހާއްސަ ލަވަޔަކުން ވެސް ތަމަންނާ ވަނީ ބެލުންތެރިންނަށް ފެނިފައެވެ. ފިލްމު "ރޯމިއޯ"ގެ އިތުރުން ތަމަންނާ ވަނީ އިތުރު ތިން ބޮލީވުޑް ފިލްމަކަށް ސޮއިކޮށްފައެވެ.

comment ކޮމެންޓް