އަންނަ ހުކުރު ދުވަހަކީ އިންޑިއާގެ ފިލްމުތަކަށް ލޯބިކުރާ މީހުންގެ ތެރެއިން ޚާއްސަކޮށް ސައުތު އިންޑިއާގެ ފިލްމުތައް ބަލަން ޝައުގުވެރިވާ އޯޑިއަންސަށް ބޮޑު ދުވަހެކެވެ. ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެ ތެރޭ ހިމެނޭ ލެޖެންޑު އެކްޓަރު ރަޖްނީކާންތުގެ ފިލްމު "ކޫލީ" އަދި ޖޫނިއަ އެންޓީއާރުގެ ފުރަތަމަ ބޮލީވުޑް ފިލްމު "ވޯ 2" ސިނަމާތަކަށް ގެންނަން ވަނީ ތައްޔާރުވެފައެވެ.
ތެލުގޫ މި ދެ އެކްޓަރުންނަކީ ވެސް އިންޑިއާގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެ އެކްޓަރުންނަށް ކަމަށްވެފައި ދެ ތަރިންގެ ފިލްމުތައް އަޅުވާނެ ސިނަމާތަކާ ގުޅިގެން މިހާރު ވަރަށް ވަރުގަދަ ބަހުސެއް ވަނީ ފެށިފައެވެ. ޚާއްސަކޮށް އަންދްރަޕްރަދޭޝް އަދި ތެލަންގަނާގެ ސިނަމާތަކުގެ ޕްރައިމް ޝޯތަކުން ޖާގަ ހޯދާނެ ފިލްމަކާ މެދު ސިނަމާތައް ހިންގާ ވެރިންގެ މެދުގައި ވެސް އަންނަނީ ބަހުސްތަކެއް ކުރެވެމުންނެވެ.

ރަޖްނީކާންތުގެ ފިލްމު "ކޫލީ" އަދި ޖޫނިއަ އެންޓީއާރުގެ ފުރަތަމަ ބޮލީވުޑް ފިލްމު "ވޯ 2"ގެ ޕޯސްޓަރު--ފޮޓޯ/މިޑް-ޑޭ
އެގޮތުން، އޭޝިއަން ސިނަމާސް އަދި ސިތާރާ އެންޓަޓެއިންމަންޓްގެ މެދުގައި ވަރުގަދަ ހަނގުރާމައެއް ފެށިފައިވާއިރު މި ދެ ސިނަމާ ހޯލްގެ ވެސް ޕްރައިމްޓައިމް ކާމިޔާބުކުރާނީ މި ދެ ފިލްމުގެ ތެރެއިން ކޮން ފިލްމެއްކަން އަދި ޔަގީންކޮށް ބުނާކަށް ނޭނގެއެވެ.
މިކަމުގެ ފޯރި ނަގަމުން އަންނަ ގިނަ ބަޔަކު ބުނަމުން އަންނަނީ ތެލުގޫއަކީ ޖޫނިއަ އެންޓީއާރްގެ ގިނަ ސަޕޯޓަރުން ތިބި ސްޓޭޓަކަށްވުމުން ޕްރައިމްޓައިމް ޝޯތައް ކާމިޔާބުކުރާނެ ކަމަށް ބެލެވެނީ އެކްޓަރު މުހިންމު ރޯލް ކުޅޭ ފިލްމު "ވޯ 2" ކަމަށެވެ.
އެހެންނަމަވެސް، އޭޝިއަން ސިނަމާސްގެ ފަރާތުން އެ ސިނަމާގެ ޕްރައިމްޓައިމް ޝޯގެ 40 އިންސައްތަ ލެޖެންޑު އެކްޓަރު ރަޖްނީކާންތުގެ ފިލްމު "ކޫލީ"އަށް ކާމިޔާބުކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
މި ދެ ފިލްމަކީ ވެސް ވަރަށް ވަރުގަދަ އެކްޝަން ތުރިލާއަށްވެފައި ފިލްމުގެ ކާސްޓުންނަށް ބަލާއިރު ވަކި އެކްޓަރަކަށް ދޫކުރާނެ އެއްވެސް އެކްޓަރަކު ކާސްޓުގައި ނުހިމެނޭތީ ބޮކްސް އޮފީހުގައި މި ދެ ފިލްމުން ހޯދާނެ ނަތީޖާއަކާ މެދު ވެސް ގިނަ ބަޔަކު އަންނަނީ ބަހުސްތަކެއް ކުރަމުންނެވެ.
ރަޖްނީކާންތުގެ ފިލްމު "ކޫލީ"އިން އެކްޓަރު އާމިރު ޚާންގެ އިތުރުން ސައުތު ސިނަމާގެ ތަޖުރިބާކާރު އެކްޓަރު ނާގަރުޖުނާ އަދި ބަތަލާ ޝްރުތީ ހަސަން މުހިއްމު ރޯލަކުން ފެންނާނެއެވެ.