ޔަޝްރާޖް ފިލްމްސްގެ ކާސްޓިންގް ޑައިރެކްޓަރަށް ފިލްމީ ތަރިންގެ ތުހުމަތުތަކެއް

ކާސްޓިންގް ޑައިރެކްޓަރު ޝަނޫ ޝަރުމާ، ފިލްމީ ތަރިން ކަމަށްވާ ބީޖޯ ތާންގްޖަމް އަދި އީޝާ ތަލްވާރު--ފޮޓޯ/ބޮލީވުޑްހަންގާމާ

މަޝްހޫރު ފިލްމު ކާސްޓިންގް ޑައިރެކްޓަރު ޝަނޫ ޝަރުމާ ފިލްމުތަކަށް އޮޑިޝަންތަކަށް ދާ ތަރިންނާ ދޭތެރޭ ކަންތައްކުރާ ގޮތާ މެދު ހިތްހަމަނުޖެހި އެ ވާހަކަތައް ބައެއް ފިލްމީ ތަރިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.

އިންޑިއާގެ އެންމެ ބޮޑު ފިލްމު ޕްރޮޑަކްޝަން ކުންފުނި ޔަޝް ރާޖް ފިލްމްސްގައި ކާސްޓިންގް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝަނޫ ޝަރުމާއަށް ތުހުމަތުތަކެއްކޮށް ވާހަކަ ދައްކާފައި ވަނީ ބައެއް ވެބް ސީރީސްތަކުންނާއި ޓީވީ ޝޯތަކުން އަދި ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ބަތަލާ އީޝާ ތަލްވާރެވެ.

އީޝާ ތަލްވާރުގެ އަމިއްލަ ތަޖުރިބާ ސޯޝަލް މީޑިއާގައި ހިއްސާކުރުމާ އެކު ފިލްމު "މެރީ ކޮމް"ގެ ރޯލަކުން ފެނުނު އެކްޓަރު ބީޖޯ ތާންގްޖަމް ވެސް ވަނީ އޭނާ ޝަނޫ ޝަރުމާއަށް ދިން އޮޑިޝަންގައި ކުރެވުނު ތަޖުރިބާތައް ހިއްސާކޮށްފައެވެ.

އީޝާ ތަލްވާރު ސޯޝަލް މީޑިއާގައި ބުނެފައި ވަނީ ޝަނޫ ޝަރުމާއަށް ދިން އޮޑިޝަންގައި އަމިއްލަ ނަފުސަށް އޮތް އިތުބާރު ވަރަށް ބޮޑަށް ގެއްލުނު ކަމަށެވެ.

އެކްޓަރުު ބީޖޯ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓު--ފޮޓޯ/ބޮލީވުޑްހަންގާމާ

އެކި ރޯލްތަކަށް ދިން އޮޑިޝަން ސެޝަންއެއްގައި ޝަނޫ އެދުނީ މީހުން ގިނަ ހަލަބޮލި ރެސްޓޯރެންޓެއްގެ މޭޒުގައި ކާން އިނދެ ރޯން ކަމަށް އީޝާ ވަނީ ބުނެފައެވެ. ބޮމްބޭގެ އެ ރެސްޓޯރެންޓުގައި އީޝާ ޖެހިގެން އިން މޭޒުގައި ވެސް ގިނަ ބަޔަކު ތިބި ކަމަށާއި އަލަށް ފިލްމީ ދާއިރާއާ ގުޅެން ދިޔަ މީހަކަށް އެއީ ފަސޭހަ ކަމެއް ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އެ ވަގުތު އީޝަ ކުރިމަތީގައި ކާސްޓިންގް ޑައިރެކްޓަރު ޝަނޫ އާއި އޭނާގެ އެސިސްޓެންޓުން ވެސް ތިބިއިރު ކުއްލިއަކަށް އެފަދަ ސީންއެއްގެ އޮޑިޝަން ދިނުމަށް އެދުމުން ވަރަށް އެހެންކަހަލަ އިހުސާސްތަކެއް ކުރުވި ކަމަށް ބަތަލާ ބުނެފައިވެއެވެ.

ފިލްމު އިންޑަސްޓްރީގެ ސީނިއަ ކާސްޓިންގް ޑައިރެކްޓަރަކު އަލަށް ފިލްމީ ދާއިރާއާ ގުޅެން އަންނަ ޒުވާނަކާ މެދު އެގޮތަށް އަމަލުކުރަން ޖެހުނީ ކީއްވެކަން އޭރު ނުވިސްނުނު ކަމަށާއި އެފަދަ ސީންތަކަށް އޮޑިޝަން ނަގަންވާނީ އެކަމަށް އެކަށީގެންވާ މާހައުލެއްގައި ކަމަށް ދެކޭ ކަމުގައި އީޝާ ވަނީ ބުނެފައެވެ.

އީޝާގެ ސޯޝަލް މީޑިއާ ޕޯސްޓާ އެކު ފިލްމު "މެރީ ކޮމް"ގެ ރޯލަކުން ފެނުނު ބީޖޯ ބުނެފައި ވަނީ އީޝާ އެކޭ އެއްގޮތަށް އޭނާއަށް ވެސް ޖެހުނީ ކެފޭއެއްގައި ހިންދީ ބަހުން އޮޑިޝަން ދޭން ކަމަށެވެ.

އޭރު ބީޖޯއަށް ރަނގަޅަށް ހިންދީ ބަހުން ވާހަކަ ދައްކަން ނޭނގޭ ކަމަށާއި އެކަން ކާސްޓިންގް ޑައިރެކްޓަރަށާއި ޓީމަށް ވެސް އެނގޭނެ ކަމަށް ބީޖޯ ވަނީ ބުނެފައެވެ. އެ ކެފޭގައި އޮޑިޝަން ދިނުމަށް ދެކޮޅު ހެދުމުން ޝަނޫގެ ޓީމުން އެދުނީ ސްޓޫޑިއޯގައި އޮޑިޝަން ދިނުމަށް ކަމަށާއި އޭރު ބީޖޯއަށް ފިލްމު "މެރީ ކޮމް"އިން ފުރުސަތު ލިބިފައިވާތީ ފަހުން އެ އޮޑިޝަނަށް ނުދާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

މި ދެތަރިންގެ ތުހުމަތުތަކާ އެކު ބައެއް އެހެން ފިލްމީ ތަރިން ވެސް ވަނީ ފިލްމުތަކަށް ދޭ އޮޑިޝަން ސެޝަންތަކުގައި ޝަނޫގެ ޓީމުން އެ ފިލްމީ ތަރިންނަށް މަލާމާތްކޮށް އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލޭފަދަ އަމަލުތައް ހިންގާފައި ކަމަށެވެ.

މި ތުހުމަތުތަކާ ގުޅިގެން ޝަނޫގެ ޓީމުން އަދި ވައިއާރްއެފްއިން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް