އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރުސަތެއް ހޯދުމުގެ ގޮތުން ކުވެއިތުގެ އަލް އަރާބީއާ ދެކޮޅަށް މާދަމާ މާލޭގައި ކުޅޭ މެޗަށް މާޒިޔާ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި މިއީ ރާއްޖޭގެ ފުޓުބޯޅައަށް މުހިންމު މެޗެއް ކަމަށް މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުވެއިތުގެ އަލް އަރާބީއާ ދެކޮޅަށް ކުޅޭ ޕްލޭއޮފް މެޗުން މޮޅުވާ ޓީމަކަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭއިރު، މި ދެ ޓީމުގެ ހާލަތު ތަފާތެވެ.
ގަލޮޅު ދަނޑުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ބުނީ، 2021 ވަނަ އަހަރުން ފެށިގެން އެ ޓީމާ ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި، ކުރިން ގޯސްކޮށް ގޮސްފައި ހުރި ކަންކަން ކުޅުމުގެ ތެރެއިން ރަނގަޅު ކުރަން މަސައްކަތްތަކެއް ކުރެވި، މިހާތަނަށް އައިއިރު ވެސް ޓީމެއްގެ ގޮތުގައި ކުރިއެރުން ފެނިފައިވާ ކަމަށެވެ.
ހެނާންޑޭޒް ބުނެފައިވަނީ މިއީ މާޒިޔާގެ އިތުރުން ރާއްޖޭގެ ފުޓްބޯޅައަށް ވެސް މުހިންމު މެޗެއް ކަމަށެވެ. އަދި، މި މެޗާ ކުރިމަތިލަނީ މާޒިޔާގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުގެ ވެސް ޒިންމާއެއް ކަމަށް ދެކިގެން މޮޅުވުމުގެ އަޒުމުގައި ކަމަށެވެ.
ކޯޗު ބުނީ، މާޒިޔާއާއި އަލް އަރާބީ މި މެޗަށް ނުކުންނައިރު ފުރުސަތު އޮތީ ހަމަހަމަކޮށް ކަމަށް ހެނާންޑޭޒަށް ގަބޫލުކުރެވޭ ސަބަބެއް އެބައޮތް ކަމަށެވެ. އެގޮތުން، ދެ ޓީމު ވެސް މި މެޗާ ކުރިމަތިލަނީ އާ ކޯޗަކާ އެކު ކަމަށާއި ތައްޔާރީތަކުގައި އެ ތަފާތު ފެނުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން އެ އުނދަގޫ ދެ ޓީމަށް ވެސް ކުރިމަތިވާނެ ކަމަށް ގަބޫލުކުރާ ކަމަށް ކޯޗު ބުންޏެވެ.
ހެނާންޑޭޒް ބުނީ، މާޒިޔާގެ އެޓޭކް ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށާއި އޭގެ އެޑްވާންޓޭޖް ނަގަން ޖެހޭނީ ރަނގަޅަށް ޑިފެންސްކުރަން ޖެހޭކަން ވެސް ދަނެގެން ކަމަށެވެ.
އޭއެފްސީ ޗެލެންޖް ލީގުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން މާޒިޔާއާއި އަލް އަރަބި ކުޅޭ މެޗު ފަށާނީ މާދަމާ މެންދުރު ފަހު 15:00 ގައެވެ.