ދައުލަތުގެ ބަޖެޓުން ދޭ އެހީގައި ކައުންސިލްތަކުން ބޭކާރު ތަޖުރިބާ ދަތުރުކުރާތީ ރައީސްގެ ނުރުހުން

ބ. ކެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ: ތަޖުރިބާ ދަތުރުގެ ނަމުގައި ކައުންސިލްތަކުން ބޭކާރު ޚަރަދުކުރާތީ ރައީސް ވަނީ ނުރުހުން ފާޅުކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރާ ފައިސާއިން 'ތަޖުރިބާގެ ދަތުރުތަކަށް' ޚަރަދުކުރާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރުހުން ފާޅުކުރައްވައިފިއެވެ.

ބ. އަތޮޅަށް ރައީސް މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަމަދުއަށް ވަޑައިގެން މިއަދު ވިދާޅުވީ ބައެއް ކައުންސިލްތަކުން އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއާއި ބްލޮކް ގްރާންޓުގެ ގޮތުގައި ސަރުކާރުން ދޫކުރާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް ބްލޮކް ގްރާންޓަކީ ރައްޔިތުން ބޭނުންވާ ކަންކަމަށް އިންވެސްޓުކޮށް، ކައުންސިލްތަކަށް އާމްދަނީ ހޯދުމަށާއި، ރައްޔިތުންނަށް މުނިސިޕަލް ޚިދުމަތް ފޯރުކޮށްދިނުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާކަން ރައީސް ފާހަގަކުރެއްވިއެވެ.

...މުޅި ކައުންސިލް އޮތް ގޮތަށް، ރަށު ކައުންސިލް އެކަންޏެއް ނޫން، އަތޮޅު ކައުންސިލް އޮތް ގޮތަށް ތަޖުރިބާގެ ދަތުރޭ ކިޔާފައި އެއްވެސް ރަށެއްގެ ރައްޔިތަކަށް ނޫނީ އަތޮޅެއްގެ ރައްޔިތަކަށް ފައިދާ ނުވާނެ، ފައިދާ ނުހޯދޭނެ ތަންތަނަށް، ގައުމުތަކަަށް އެބަދޭ ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކޮށްގެން. ބައެއް ކައުންސިލްތަކުން،

ނުރުހުން ފާޅުކުރައްވައި ރައީސް ވިދާޅުވީ މިއަދު ވެސް ނޫހެއްގެ ސުރުޚީއަކުން ދެކެވަޑައިގަތީ، ކޮންމެވެސް އަތޮޅު ކައުންސިލެއް އެއްކޮށް ތަޖުރިބާ ހޯދަން ބޭރަށް ފުރައިފައިވާ ވާހަކަ ކަމަށެވެ.

ކައުންސިލްތަކުގެ ދައުރު ހަމަވާން އެހާ ގާތްވެފައި އޮއްވައި ތަޖުރިބާ ހޯދުމުގެ ނަމުގައި އެއީ ކޮން ދަތުރެއްތޯ އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ. އަދި ދައުރު ނިމެންދާއިރު މިހާރު ތިއްބަވަންވާނީ ތަޖުރިބާ ހޯއްދަވައިގެން ކަމަށް ވިދާޅުވެ އެމަނިކުފާނު ފާޑުވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ހދ. އަތޮޅު ކައުންސިލުން 2023 ވަނަ އަހަރު ތައިލޭންޑްގެ ބެންކޮކަށް ކުރި ދަތުރުން އެ އަތޮޅުގެ ކައުންސިލްތަކަށް މަންފާއެއް ލިބިފައިނުވާތީ، އެ މައްސަލައިގައި ފިޔަވަޅު އަޅަން އޮޑިޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ޑިސެމްބަރު މަހު އެންގިއެވެ.

ނަމަވެސް އޮޑިޓު ރިޕޯޓު އެކުލަވައިލީ ދަތުރުގެ މައުލޫމާތަށް ރިއާޔަތްނުކޮށް، ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް ހދ. އަތޮޅު ކައުންސިލުން ފަހުން ބުންޏެވެ.

https://sun.mv/199811

އެފަދަ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މިފަހުން ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގައި ވާގޮތުން، ކައުންސިލްތަކަށް އާމްދަނީ ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށްފަހު ބާކީވާ އަދަދެއް ކަމަށެވެ.

އަދި ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.

އެހެންނަމަވެސް ސަރުކާރުން ގެނައި މި އިސްލާހުތަކާ އިދިކޮޅު ފަރާތްތަކުންނާއި ބައެއް ކައުންސިލްތަކުން ދެކޮޅެވެ. އަދި އެ އިސްލާހުތަކަކީ ކައުންސިލްތަކަށް ލިބިދޭ ބާރުތައް ހަނިކޮށް، ސަރުކާރުން ކޮންޓްރޯލްކުރާ ބަޔަކަށް ކައުންސިލްތައް ހެދުމުގެ ތުހުމަތު ކުރެއެވެ.

comment ކޮމެންޓް