ޓެރިފް އިތުރުކުރުމާ ގުޅިގެން އިންޑިއާގައި އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރަނީ

އިންޑިއާގައި ހުރި މެކްޑޮނަލްޑްސްގެ ފިހާރައެއް. އިންޑިއާގައި އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރަމުން އަންނަނީ ގޮވާލަމުން. ފޮޓޯ/ރޮއިޓާސް

އިންޑިއާއިން އެންމެ ގިނައިން މުދާ ފޮނުވާ ގައުމު ކަމަށްވާ އެމެރިކާއިން 50 ޕަސަންޓްގެ އިމްޕޯޓް ޓެކްސް ނަގަން ނިންމުމާ ގުޅިގެން އިންޑިއާގައި އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލަން ފަށައިފިއެވެ.

އިންޑިއާގެ ސޯޝަލް މީޑިއާގައި އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލާ ކެމްޕޭނެއް ފަށައިފައިވާއިރު، މެކްޑޮނަލްޑްސް އާއި ކޮކާކޯލާއިން ފެށިގެން އެމެޒޯން އަދި އެޕަލްގެ އުފެއްދުންތައް ވެސް ބޮއިކޮޓް ކުރުމަށް ދަނީ ގޮވާލަމުންނެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު، އިންޑިއާ އަކީ އެމެރިކާގެ އުފެއްދުންތަކުގެ މުހިންމު މާކެޓެކެވެ. އެގޮތުން އިންޑިއާ އަކީ މެޓާގެ ވަޓްސްއެޕް ބޭނުންކުރާ އެންމެ ބޮޑު އާބާދީއެވެ. އަދި އެމެރިކާގެ ޑޮމިނޯސް ރެސްޓޯރެންޓްތައް އެންމެ ގިނައީވެސް އިންޑިއާގައެވެ.

ޕެޕްސީ އާއި ކޮކާކޯލާ ފަދަ ބުއިންތައް ވެސް އިންޑިއާގައި މަގުބޫލުއިރު، އެޕަލްގެ އާ ފިހާރައެއް ހުޅުވާއިރަށް ކިޔޫ ދިގުވެއެވެ.

އެމެރިކާގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލައި، އިންޑިއާގެ ވާއު ސްކިން ސައިންސްގެ ކޯ ފައުންޑަރު މަނީޝް ޗައުދަރީ ވަނީ "މޭޑް އިން އިންޑިއާ" އަކީ ބައިނަލްއަގުވާމީ ވަރުގަދަ ބްރޭންޑަކަށް ހެދުމަށް ގޮވާލައިފައެވެ. އަދި ކާބޯތަކެއްޗާއި ރީތިވުމަށް ބޭނުން ކުރާ ސާމާނުވެސް އުފައްދާ ދެކުނު ކޮރެއާއިން ކަންތައްތައް ދަސްކޮށްގެން އަމިއްލަ ގައުމުގެ ތަކެތި ކުރިއެރުވުމަށް އޭނާގެ ވީޑިއޯ މެސެޖެއްގައި ބުނެފައިވެއެވެ.

"ބޭރުގެ ބްރޭންޑްތަކަށް ބޮޑު ޚަރަދެއް ކުރަމުން އަންނައިރު، އަޅުގަނޑުމެންގެ އަމިއްލަ އުފެއްދުންތަކަށް މާކެޓް ހޯދަން މި ވަނީ އުނދަގޫވެފައި،" އޭނާ ބުންޏެވެ.

އެ ކެމްޕޭނަށް ތާއިދުކޮށް، ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ޑްރައިވްޔޫގެ ސީއީއޯ ރަހްމް ޝާސްޓްރީ ބުނީ ޗައިނާއެކޭ އެއްގޮތަށް އިންޑިއާގެ އަމިއްލަ ޓްވިޓާއާއި ގޫގުލްއާއި ޔޫޓިއުބްއާއި ވަޓްސްއެޕްއާއި އެފްބީ ފަދަ އެޕްތައް އުފައްދަން ޖެހޭ ކަމަށެވެ.

އެ މައްސަލައިގައި މެކްޑޮނަލްޑްސް، ކޮކާކޯލާ، އެމެޒޯން އަދި އެޕަލް އިންވެސް ވަކި އެއްޗެކޭ ބުނެފައިނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އެކި ގައުމުތަކުގެ މުދަލުން ނަގާ ޓެރިފްތައް ބޮޑު ކުރައްވަމުންނެވެ. އެ ސަރުކާރުން އެންމެ ފުރަތަމަ އިއުލާންކުރީ އިންޑިއާގެ މުދަލުން ނަގާނީ 25 ޕަސަންޓް ޓެރިފް ކަމަށެވެ. ނަމަވެސް އިންޑިއާއިން ރަޝިޔާގެ ތެޔޮ ގަންނާތީ އަދަބު ދިނުމުގެ ގޮތުން އިންޑިއާގެ މުދަލުން އިތުރު 25 ޕަސަންޓް ނަގަން ޓްރަމްޕް ނިންމެވީ މި މަހުގެ ހަ ވަނަ ދުވަހެވެ.

comment ކޮމެންޓް