އާއިލާއާ ގުޅޭގޮތުން އާމިރުގެ ކޮއްކޮ ދެއްކި ވާހަކަތައް ދޮގުކޮށްފި

އާމިރު ޚާން މަންމަ ޒީނަތު ހަސަން އަދި ދައްތަ ނިކަތް ޚާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ އެކްޓަރު އާމިރު ޚާންގެ ކޮއްކޮ ފައިސަލް ޚާން އެ އާއިލާގެ މެމްބަރުންނާ ގުޅޭގޮތުން ދެއްކި ވާހަކަތައް ދޮގުކޮށް އާމިރުގެ އާއިލާގެ މެމްބަރުން ހިމެނޭހެން ބަޔާނެއް ނެރެފިއެވެ.

އާމިރުގެ ކޮއްކޮ ފައިސަލް ޚާން ދާދިފަހުން ބައިވެރިވި ޕޮޑްކާސްޓް ޝޯއެއްގައި ބުނެފައި ވަނީ އޭނާއާ މެދު އެ އާއިލާއިން މިހާތަނަށް އަމަލުކޮށްފައި ވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ. ޕިންކްވިލާއިން ގެނެސްދިން މި ޝޯގައި ވާހަކަ ދައްކަމުން ފައިސަލް ޚާން ބުނެފައި ވަނީ އެއް އަހަރު ދުވަސް ވަންދެން އެކްޓަރު އާމިރު ޚާން ވަނީ އޭނާ ގޭގައި ބަންދުކޮށްފައި ބަހައްޓާފައެވެ.

މީގެއިތުރުން ފައިސަލް އަކީ ނަފުސާނީ ބަލީގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށް ބުނެ މުމްބާއީގެ ޖޭޖޭ ހޮސްޕިޓަލުގައި 20 ދުވަސް ވަންދެން ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ ބަލި މީހުންނާ އެކު އޭނާ ހޮސްޕިޓަލުގައި ބޭއްވި ކަމަށް ފައިސަލް ވަނީ ބުނެފައެވެ. އެއީ އާއިލާގެ ހުރިހާ މެމްބަރުން ގުޅިގެން އޭނާއަށް ދެކޮޅަށް ކުރި ކަމެއް ކަމަށް ފައިސަލް ވަނީ ތުހުމަތުކޮށްފައެވެ.

އާމިރު ޚާން، މަންމަ ޒީނަތު ހަސަން، ކޮއްކޮ ފައިސަލް ޚާން، ދައްތަ ނިހަތު ޚާން އަދި ފަރުހަތު ޚާންއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފައިސަލްގެ މި އިންޓަވިއު ވައިރަލްވިތާ މާ ގިނައިރުތަކެއް ނުވެ އާމިރުގެ އާއިލާގެ މެމްބަރުންގެ ފަރާތުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައި ވަނީ، ފައިސަލް ދެއްކި ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.

އާއިލާގެ މެމްބަރުންނާ ބެހޭގޮތުން ފައިސަލް ދޮގު ތުހުމަތުތަކެއްކޮށް ޕަބްލިކް ޕްލެޓްފޯމެއްގައި ވާހަކަދައްކާފައިވާތީ އެކަމާ ހިތާމަކުރާ ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެކުރިން ވެސް ފައިސަލް ވަނީ އާއިލާގެ މެމްބަރުންނާ ގުޅޭގޮތުން އެފަދަ ވާހަކަތައް ދައްކާފައި ކަމަށާއި، ނަމަވެސް ފައިސަލްއަށް ފަރުވާދީފައި ވާނީ ސިއްހީ ދާއިރާގެ މާހިރުންގެ ލަފާ އާއި އިރުޝާދުގެ ދަށުން ކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

އާމިރުގެ އާއިލާއާ ބެހޭގޮތުން ފައިސަލް ދެއްކި ވާހަކަތައް އެކި ގޮތްގޮތަށް ނުފެތުރުމަށާއި އެއީ މީޑިއާއިން އަމިއްލަ ފައިދާއަށް ބޭނުންކުރާ 'ގޮސިޕް ސްޓޯރީ'އަކަށް ނުހެދުމަށް އެކްޓަރުގެ އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.

އާމިރުގެ އާއިލާގެ މެމްބަރުންގެ ފަރާތުން ނެރުނު މި ބަޔާނުގައި ސޮއިކޮށްފައިވާ މީހުންގެ ތެރޭ އާމިރުގެ ކުރީގެ ދެ އަނބިން ކަމަށްވާ ރީނާ ދައްތާ، ކިރަން ރާއޯ، އާމިރުގެ ތިން ކުދިން އަދި އެއްބަނޑު އެއްބަފާ ދެ ދައްތައިންނާ އެކު އެމީހުންގެ ފިރިން ވެސް ހިމެނެއެވެ.

comment ކޮމެންޓް