މާޒިޔާއަށް މި މެޗުން ނެގޭނެ އެޑްވާންޓޭޖުތަކެއް އެބަހުރި: އަލް އަރަބި ކޯޗު

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލް އަރަބިގެ ކޯޗު ވާހަކަދައްކަނީ-- ފޮޓޯ: ސަން

އޭއެފްސީ ޗެލެންޖް ލީގުގެ ޕްލޭއޮފް މެޗަށް ތައްޔާރުވާން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އެޑްވާންޓޭޖުތަކެއް ނެގުމުގެ ފުރުސަތު އެބައޮތް ކަމަށާއި މި މެޗު ފަސޭހަނުވާނެ ކަމަށް އަލް އަރަބި ޓީމުގެ ކޯޗު މާކޯ އަލްވޭސް ބުނެފިއެވެ.

ރާއްޖެގަޑިން މިއަދު 15:00 ގައި ކުޅޭ މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ބުނީ އަލް އަރަބި މެޗު ނޫން މެޗެއް މާޒިޔާއަށް ނެތް ކަމަށާއި އެހެންކަމުން އޭގެ ފައިދާ މާޒިޔާއަށް ފުރިހަމައަށް ނެގޭނެކަމަށް ގަބޫލުކުރާ ކަމަށެެވެ.

މާޒިޔާ މެޗަށް ރާއްޖެ އައުމުގެ ކުރިން އަލް އަރަބި ވަނީ އަބޫދާބީގައި ކޭމްޕުކޮށްފައެވެ. އަދި އެކުވެރިކަމުގެ ތިން މެޗުވެސް ކުޅެފައެވެ. ކޯޗު ބުނީ މެޗުގެ ކުރިން ލިބުނު ކޭމްޕާއެކު ޓީމަށް ފައިދާތަކެއް ކުރާނެކަމަށާއި މިދިޔަ އަހަރުގެ ޗެލެންޖް ލީގުގައި މާޒިޔާ އިން ކުޅުނު ތިން މެޗުވެސް ބަލައި ދިރާސާކޮށްފައިވާނެ ކަމަށެވެ. އަދި މާޒިޔާއަކީ ރަނގަޅަށް ކުޅޭ މޮޅު ޓީމެއް ކަމަށްވެސް ކޯޗު ބުންޏެވެ.

މިދިޔަ ޖުލައި މަހު އަލް އަރަބިއާ ހަވާލުވި އަލްވޭސް ގަލޮޅު ދަނޑުގެ ވިނަގަނޑާ ގުޅޭގޮތުންވެސް ވާހަކަދައްކާފައެވެ. ކޯޗު ބުނީ ގަލޮޅު ދަނޑުގެ ވިނަގަނޑަކީ އޭނާއަށް ދުނިޔޭގެ އެހެން ތަނަކުން ފެނިފައިނުވާ ޕިޗެއް ކަމަށާއި އެފަދަ ދަނޑެއްގައި ކުޅޭއިރު ވިސްނަންޖެހޭ ކަންކަމަށް އަހުލުވެރިވާން ކުޅުންތެރިންނަށް ވިސްނައިދޭނެ ކަމަށެވެ.

އޭއެފްސީ ޗެލެންޖް ލީގުގައި އަލް އަރަބިން ހާސިލްކުރަން ބޭނުންވާ ޓާގެޓްތަކެއް އެބަހުރި ކަމަށާއި އެކަންކަން ކުރުމަށް މިވަގުތު އޮތް ޗެލެންޖަކީ މާޒިޔާ ބަލިކޮށް ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމަށް ކަމަށެވެ.

މިދިޔަ އަހަރު އަލް އަރަބި އާއި ދެކޮޅަށް މާޒިޔާ ކުޅުނީ ކުވެއިތުގައި ސެންޓްރަލައިޒްކޮށެވެ. އެ މެޗުން މާޒިޔާ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ.

comment ކޮމެންޓް