ޓެކްނޮލޮޖީގެ ދާއިރާގެ ދުނިޔޭގެ އެންމެބޮޑު އެއް ކުންފުނި ސެމްސަންގުން، ޓީވީގެ ދުނިޔެއަށް އިންގިލާބެއް ގެނެސް، "މައިކްރޯ އާރްޖީބީ" ޓެކްނޮލޮޖީ ބޭނުންކޮށްފައިވާ ދުނިޔޭގެ ފުރަތަމަ ޓީވީ ކަމަށްވާ، "ސެމްސަންގް މައިކްރޯ އާރްޖީބީ ޓީވީ (2025)" ދެކުނު ކޮރެއާގެ މާކެޓަށް ނެރެފިއެވެ.
މިއީ 115 އިންޗީގެ ސްކްރީނެއްގައި މައިކްރޯ-ސްކޭލް އާރްޖީބީ އެލްއީޑީ ބެކްލައިޓް ހިމެނޭ ފުރަތަމަ ޓީވީ ކަމަށްވާއިރު، މިއީ އެކުންފުނީގެ "އަލްޓްރާ-ޕްރީމިއަމް" ސީރީޒް ޓީވީއެކެވެ.
މި އާ ޓީވީގެ އަގު ދެކުނު ކޮރެއާގައި ހުރީ 44,900,000 ކޮރެއަން ވޮން (ގާތްގަނޑަކަށް 32,300 ޑޮލަރު) ގައެވެ. މިވަގުތު މި ޓީވީ ލިބެން ހުރީ 115 އިންޗީގެ ސައިޒުން އެކަނި ނަމަވެސް، ކުރިމަގުގައި އެހެނިހެން ސައިޒުތަކުން ވެސް މި ޓީވީ ނެރެން ސެމްސަންގުން ރާވާފައިވެއެވެ.
މިވަގުތު ހަމައެކަނި ދެކުނު ކޮރެއާގައި ލިބެން ހުއްޓަސް، ވަރަށް އަވަހަށް އެމެރިކާގެ މާކެޓަށާއި، އޭގެ ފަހުން ދުނިޔޭގެ އެހެން ގައުމުތަކަށް ވެސް މި ޓީވީ ނެރުމަށް ހަމަޖެހިފައިވާ ކަމަށް ސެމްސަންގުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ޓީވީގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އޭގެ "މައިކްރޯ އާރްޖީބީ" ޓެކްނޮލޮޖީއެވެ. މި ޓެކްނޮލޮޖީގެ ދަށުން، 100 މައިކްރޯމީޓަރުގެ ކުޑަކުޑަ ރަތާއި، ފެހި އަދި ނޫ ކުލައިގެ އެލްއީޑީތައް ސްކްރީންގެ ފަހަތުގައި ބަހައްޓާފައިވާއިރު، މި ކޮންމެ އެލްއީޑީއެއް ވަކިވަކިން ކޮންޓްރޯލް ކުރެވެއެވެ. މީގެ ސަބަބުން ކުލަތައް ވަރަށް ސާފުކޮށް އަދި ގުދުރަތީ ގޮތަކަށް ދައްކުވައިދެއެވެ.
މި ޓީވީއަކީ 4ކޭ (3,840x2,160 ޕިކްސެލް) ރިޒޮލިއުޝަންގެ ޑިސްޕްލޭއެކެވެ. އަދި 144Hz ގެ ވެރިއަބަލް ރިފްރެޝް ރޭޓަކާއި، "މައިކްރޯ އާރްޖީބީ އެޗްޑީއާރް+" އަށް ވެސް ސަޕޯޓްކުރެއެވެ.
ޓީވީގައި "އޭއައި 4ކޭ އަޕްސްކޭލިން ޕްރޯ" ނަމަކަށް ކިޔާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޕްރޮސެސަރެއް ހިމެނެއެވެ. 128 ނިއުރަލް ނެޓްވޯކް ބޭނުންކުރާ މި ޕްރޮސެސަރަކީ ދައްކާ ކޮންޓެންޓް ވަގުތުން ދިރާސާކޮށް، މަންޒަރުގެ ފެންވަރު ރަނގަޅުކޮށްދޭ އެއްޗެކެވެ. މީގެ އިތުރުން، އޭއައި އިންޖީނަކުން ކޮންމެ ފްރޭމެއް ވަގުތުން ދިރާސާކޮށް ކުލަތައް ރަނގަޅުކޮށްދިނުމުގެ އިތުރުން، އޭއައި ބޭނުންކޮށްގެން ވޯލްޕޭޕަރު ވެސް އުފެއްދިދާނެއެވެ.
ގޭމަރުންނަށް ޚާއްސަކޮށް، ޓީވީގައި "ގޭމް މޯޑް" އާއި އޮޓޯ ލޯ ލޭޓެންސީ މޯޑް އަދި "ފްރީސިންކް ޕްރީމިއަމް ޕްރޯ" ސަޕޯޓް ހިމެނެއެވެ. މީގެ އިތުރުން، ފިލްމުތައް އުފައްދާ ފަރާތުން ބޭނުންވާ ގޮތަށް ކުލަތައް ދައްކުވައިދޭ "ފިލްމްމޭކާ މޯޑް" އެއްވެސް މި ޓީވީގައި ހިމެނެއެވެ.
އަޑުގެ ނިޒާމަށް ބަލާއިރު، 70 ވޮޓްގެ 4.2.2 ޗެނަލް ސްޕީކަރުތަކެއް ހިމެނޭއިރު، ޑޮލްބީ އެޓްމޮސް އާއި ސެސަންގުގެ ކިއު-ސިމްފޮނީ ޓެކްނޮލޮޖީއަށް ވެސް ސަޕޯޓްކުރެއެވެ.
މި ޓީވީ މަސައްކަތްކުރަނީ ސެސަންގުގެ ޓައިޒެން ސްމާޓް ޓީވީ އޮޕަރޭޓިން ސިސްޓަމުންނެވެ. އެ ކުންފުނިން ވަނީ ހަތް އަހަރު ދުވަހުގެ އޯއެސް އަޕްޑޭޓްތައް ހިލޭ ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައެވެ. ސެކިއުރިޓީއަށް ޓަކައި ސެމްސަންގް ނޮކްސް ހިމަނާފައިވެއެވެ.
ކަނެކްޓިވިޓީއަށް ބަލާއިރު، ވައި-ފައި 5، ބްލޫޓޫތު 5.3، ހަތަރު އެޗްޑީއެމްއައި ޕޯޓް އަދި އެތަނެޓް ޕޯޓެއް ހިމެނެއެވެ. އަދި ސްމާޓް ހޯމް އާއި ސްމާޓްތިންގްސްއަށް ސަޕޯޓްކުރާތީ، އެހެނިހެން ސްމާޓް ހޯމް ޑިވައިސްތަކާވެސް މި ޓީވީ ގުޅާލެވޭނެއެވެ.
ޓީވީއާއެކު އިރުގެ އަލިން ޗާޖުކުރެވޭ ސްމާޓް ސޯލާ ސެލް ރިމޯޓް ކޮންޓްރޯލްއެއް ލިބެއެވެ. މި ޓީވީއަށް ޖަރުމަނުގެ ވީޑީއީ އިން "މައިކްރޯ އާރްޖީބީ ޕްރިސިޝަން ކަލާ" ގެ ސެޓްފިކެޓް ލިބިފައިވާއިރު، ބީޓީ.2020 ކުލައިގެ 100 އިންސައްތަ ދައްކުވައިދެއެވެ.