ލޯނު އެއްބަސްވުމެއްގެ ދަށުން ގްރީލިޝް އެވަޓަންއަށް ސޮއިކޮށްފި

ލޯނު އެއްބަސްވުމެއްގެ ދަށުން ގްރީލިޝް އެވަޓަންއަށް ސޮއިކޮށްފި

އިންގްލިޝް ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއަށް ކުޅެމުންދިޔަ އިންގްލަންޑްގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޖެކް ގްރީލިޝް އެލީގުގެ އެވަޓަންއަށް ލޯން އެއްބަސްވުމެއްގެ ދަށުން ސޮއިކޮށްފިއެވެ.

އުމުރުން 29 އަހަރުގެ ގްރީލިޝްއަކީ ކުރިއަށް އޮތް އާސީޒަނަށް އެވަޓަންއިން އެޓީމަށް ގެންދިޔަ ހަވަނަ ކުޅުންތެރިޔާއެވެ. ގްރީލިޝްގެ ކުރިން އެވަޓަންއިން ވަނީ ކިއެނަން ޑޫސްބެރީ ހޯލް، ޗާލީ އަލްކަރާޒް، ތިއާނޯ ބެރީ، މާކް ޓްރެވާސް އަދި އެޑަމް އަޒްނޫ އެޓީމަށް ގެންގޮސްފައެވެ.

ގްރީލިޝް ބުނިގޮތުގައި އޭނާ އެވަޓަން އިހްތިޔާރު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެވަޓަންގެ ކޯޗާ ޑޭވިޑް މޮއެސް އާއެކު ބޭއްވި މަޝްވަރާތަކެވެ. އަދި އެ މަޝްވަރާތަކަށްފަހު އޭނާ ދާންބޭނުންވި ހަމައެކަނި ކްލަބަކީ އެވަޓަން ކަމަށް އޭނާ ބުންޏެވެ.

ގްރީލިޝް ބުނީ އޭނާ ހުރީ ވަރަށް އުފަލުން ކަމަށާއި މިއީ އޭނާއަށް ނިންމުނު ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ. އަދި އެވަޓަންއަކީ އިންގްލަންޑްގައި ފާހަގަ ކޮށްލެވޭ ބޮޑު ކްލަބެއް ކަމަށާއި މިކްލަބްގެ ސަޕޯޓަރުންގެ މިހާރު ވެސް އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާއަށް މަރްހަބާ ކިޔަމުންކަމަށެވެ. އަދި އެކަމަށްޓަކައި އެވަޓަންގެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން ބޭނުންވާކަމަށް ވެސް ގްރީލިޝް ވަނީ ބުނެފައެވެ.

ގްރީލިޝް އެވަޓަންއަށް ކުޅޭ ފުރަތަމަ މެޗަކަށް މިއަންނަ ހޯމަދުވަހު ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ވުމުގެ ފުރުސަތު ބޮޑެވެ. ގްރީލިޝް އެވަޓަންއަށް ބަދަލުވެފައި ވަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ޕްލޭންތަކުގައި ގްރީލިޝް ހިމެނިފައިނެތްކަން އޭނާއަށް ވަރަށް އެނގުމުންނެވެ.

ދެހާސް އެކާވީސްވަނަ އަހަރު ގްރީލިޝް އެސްޓަންވިލާއިން ސިޓީއަށް ބަދަލުވީ އިނގިރޭސިވިލާތުގެ ރިކޯޑް ފީއެއް ކަމަށްވާ 100 މިލިއަން ޕައުންޑްގެ އަގަކަށެވެ. އަދި މިހާތަނަށް އޭނާވަނީ 150އަށް ވުރެ ގިނަ މެޗު ސިޓީއަށް ކުޅެފައެވެ. އަދި އެޓީމާއެކު ކާމިޔާބު ތިން ސީޒަން ހޭދަކޮށްފައެވެ. މިދިޔަ ސީޒަންވީ ގްރީލިޝްގެ އިތުރުން ސިޓީއަށް ވެސް ވަރަށް ނާކާމިޔާބު ސީޒަނަކަށެވެ.

މިދިޔަ ސީޒަންގައި ގްރީލިޝްއަށް ފުރަތަމަ އެގާރައިގައި ހިމެނިގެން ޕްރިމިއާ ލީގުގައި ކުޅެވިފައިވަނީ ހަތް މެޗެވެ. މީގެ ސަބަބުތަކުގެ ތެރޭގައި އޭނާއަށް އަނިޔާ ވުމާއި ފޯމް ގެއްލުން ހިމެނެއެވެ. އޭނާވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރި ސިޓީ ޓީމުން ބާކީ ކޮށްފައެވެ.

ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި އެވަޓަން އަކީ އޭނާގެ ކެރިއަރު އަލުން އަނބުރައިލާ ކުރީގެ ފެންވަރަށް ދިއުމަ އޭނާއަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. މިކަން ގަބޫލުކުރާ ފަރާތްތަކުގެ ތެރޭގައި އެވަޓަންގެ ކޯޗް މޮއެސް ވެސް ހިމެނެއެވެ.

މިއެސް ފާހަގަ ކުރިގޮތުގައި ގްރީލިޝް އެވަޓަންއަށް ގެނެވުނީ ރަނގަޅު ވަގުތެއްގައި ކަމަށާއި އޭނާގެ ކުރީގެ ފެންވަރަށް އަނބުރާ ގެންދިއުމަށް އޭނާ ފުރިހަމައަށް އެހިތެރިވެދޭނެއެވެ. އަދި ގްރީލިޝް އަކީ ތަޖުރިބާކާއި ޕްރިމިއާ ލީގަށް ފަރިތަ ކުޅުންތެރިއެއް ކަމުން އެކަމުގެ ފައިދާ އެވަޓަންއަށް ވަރަށް ބޮޑަށް ކުރާނެކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް