އާރްޔަންގެ ވެބް ސީރީސްގެ 'ފަސްޓް ލުކް' ދައްކާލުމަށް މުމްބާއީގައި ބޮޑު ހަފްލާއެއް ބާއްވަނީ

ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން--ފޮޓޯ/މިޑްޑޭ

ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ފިލްމީ ދާއިރާއަށް ޑައިރެކްޓަރެއްގެ ގޮތުގައި ތައާރަފްވާ ވެބް ސީރީސްއާ ބެހޭ މައުލޫމާތު މީޑިއާއާ ހިއްސާކުރުމަށް ވަރަށް ބޮޑު ހަފްލާއެއް މުމްބާއީގައި ބާއްވަން ނިންމައިފިއެވެ.

މިހާތަނަށް މި ވެބް ސީރީސްއާ ބެހޭ މައުލޫމާތު މީޑިއާ ތަކަށާއި އާއްމުންނަށް ވަންހަނާކޮށްގެން ޝޫޓިންގްތައް ކުރިއަށްގެންދާއިރު މި ސީރީސްގެ ކާސްޓުގައި ހިމެނޭ ތަރިންގެ މައުލޫމާތު ވެސް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

"ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ ނަމުގައި ގެނެސްދޭ މި ވެބް ސީރީސްގެ ފަސްޓް ލުކް ދައްކާލުމަށް ބާއްވާ ހަފްލާ އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު މުމްބާއީގައެވެ. ނެޓްފްލިކްސް އާއި ޝާހުގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓް ގުޅިގެން ބާއްވާ މި ހަފްލާގައި އާރްޔަން ނުފެންނާނެއެވެ.

ޝާހްރުކް އަދި އާރްޔަން ޚާން. ދެބަފައިން އެކީގައި ވަނީ އާރްޔަންގެ އަމިއްލަ ފެޝަން ލައިންގެ އިޝްތިހާރެއްގެ މަސައްކަތް ވެސް ކޮށްފައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި ވެބް ސީރީސްގެ އެއްވެސް ޕްރޮމޯޝަނަލް އިވެންޓަކުން އާރްޔަން ނުފެންނާނެކަން މީގެކުރިން ވެސް އެ ޓީމުން ވަނީ ހާމަކޮށްފައެވެ.
ފިލްމު އިންޑަސްޓްރީގައި ހިނގާ ހާދިސާތަކެއް ދައްކުވައިދޭނެ މި ވެބް ސީރީސްއިން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާ ތަރިންގެތެރޭ މޯނާ ސިންގް، ބޮބީ ޑިއޯލް، ރަންބީރު ކަޕޫރު އަދި ފިލްމު "ކިލް"ގެ އެކްޓަރު ލަކްޝްޔަ ހިމެނެއެވެ.

މި ވެބް ސީރީސްގެ ކާސްޓިންގް ޑައިރެކްޓަރު ޒޫމްއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، އާރްޔަންގެ ވެބް ސީރީސްގެ ކޮންމެ ކެރެކްޓާ އަކީ ވެސް އެ ސީރީސްއަށް ވަރަށް މުހިއްމު ކެރެކްޓާއެއް ކަމަށެވެ. އާރްޔަން ޚާން އަދި ބިލާލް ސިއްދީގީގެ ސްކްރިޕްޓަކަށް ލިޔެ ތައްޔާރުކުރާ މި ވެބް ސީރީސް ގެނެސްދޭނީ ނެޓްފްލިކްސްއިންނެވެ.

comment ކޮމެންޓް