މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު މާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ މުތުމަގޭޝް މުރުގާން (32އ) އާއި ދޭވާރާޖް ޖެބްރާޖް (42އ) އާއި ޒެނިތް ފްރެންސިސް (38އ)ގެ އިތުރުން ބަންގްލަދޭޝްގެ އަބްދުލް މަންނާން (37އ) އެވެ.

ބަނގުރާ އަޅާފައިވާ ފުޅިތަށް-- ފޮޓޯ/ ދިވެހި ފުލުހުން ޙިދުމަތް
އެ އޮޕަރޭޝަން ހިންގާފައިވަނީ ފުލުހުންގެ ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެންނެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 511 ފުޅިއާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނުގައި ހިމެނުމުގެ މަސައްކަތްތަކެއް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފައެވެ.