އަހަރުގެ މެދުތެރެއިން ބޮޑު ޗުއްޓީ ލިބޭތީ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދިރާސީ އައު އަހަރުގެ ބޮޑު ޗުއްޓީ، މި އަހަރުގެ ޑިސެމްބަރު މަހު ލިބޭ ގޮތަށް ބަދަލުކޮށްފިއެވެ.
ނިމިދިޔަ ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ފެށުން އަހަރު މެދަށް ބަދަލުކުރީ، ޓޫރިޒަމްގެ ޕީކް ސީޒަން ޑިސެމްބަރުގައި އަންނާތީ، ރިސޯޓު މުވައްޒަފުންނަށް އެ މީހުންގެ ދަރިންގެ ގާތުގައި ޗުއްޓީ ހޭދަކުރަން ދަތިވާ ކަމަށް ބުނެއެވެ.
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކުރިން ވިދާޅުވި ގޮތުގައި އެ ބަދަލު ގެންނެވީ ދިރާސާކުރުމަށްފަހުގައެވެ. ނަމަވެސް ބަދަލު ގެނައުމާއެކު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޖޫން، ޖުލައިގައި މޫސުމީ ވިއްސާރަ އަންނާތީ އެ ދުވަސްވަރު ދަތުރުފަތުރަށް ހުރަސް އެޅޭކަމަށް ބުނެއެވެ.
އެހެންވެ، ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީއަށް އަލުން ބަދަލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އެ ވައުދުފުޅުގެ ދަށުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހު ވަޒީރުންގެ މަޖިލީހުން ވަނީ މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ދިރާސީ އާ އަަހަރުގެ ކިޔެވުން 2026ވަނަ އަހަރުން ފެށިގެން ޖެނުއަރީގައި ފަށާ ގޮތަށް ބަދަލުކުރަން ނިންމައިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި އެކެޑަމިކް ކަލަންޑަރުގައި ވާގޮތުން، މިހާރު ކުރިއަށްދާ ދެވަނަ ޓާމު ޑިސެންބަރު 25ގައި ނިމޭނެއެވެ. އަދި އެ މަހު 28ގައި ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށޭނެއެވެ.
އެއަށްފަހު ދިރާސީ އައު އަހަރު ފަށައި، ޓީޗަރުން ނުކުންނަން ޖެހޭ ދުވަހަކީ ޖެނުއަރީ މަހުގެ 25އެވެ. އަދި ދަރިވަރުން ސްކޫލަށް ނުކުންނަންޖެހޭ ދުވަހަކީ ޖެނުއަރީ 27އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ، މި އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 84،000 އެއްހާ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަ ކަމަށެވެ.
އެ ދަރިވަރުންނަށް ކިޔަވައިދޭން 11،000 އެއްހާ ޓީޗަރުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރެއިން، 10،000 އެއްހާ ޓީޗަރުން މަސައްކަތްކުރަނީ ސަރުކާރު ސްކޫލުތަކުގައެވެ.