މީގެ ބަރާބަރު އެއް މަސް ކުރިން ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން އެންމެ 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދު މަރުވީއެވެ. ބާރަށް ދުއްވި ސައިކަލެއް، ކަފިހި ހުރަސް މަތިން ދިޔަ މީހަކާއި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓު މަތިން ގިނަ މީހުން މިހާރު ހަނދާނެއް ނެތެވެ.
އެކަމަކު، އަލްސަންގެ މައިންބަފައިންނަށް މިއީ "އުފުލޭ ވަރަށް ވުރެ މާ ހައިބަ ބޮޑު ހިތްދަތިކަމެ"ކެވެ.
އަލްސަންއަކީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ އަހުމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ. މިއަދަކީ އެ ހިތާމަވެރި ހާދިސާއަށް ބަރާބަރު އެއް މަސް ދުވަސްވީ ދުވަހެވެ. އެ ހިތްދަތިކަން އަޝްފާ ބަންޑުންކޮށްލީ "އަލްސަން ދަރިފުޅާ..." އޭ ކިޔައި ސޯޝަލް މީޑިއާއަށް ދޫކޮށްލި އަސަރުގަދަ ޕޯސްޓަކުންނެވެ.
"މަންމައާއި ބައްޕަގެ ހިތާމަތަކާއި ރިހުންތަކަށް ކިރިޔާ ވެސް ލުޔެއް ލިބިގެންމިދަނީ اللہ سبحانہ وتعالی އާއި ދަރިފުޅު ދެކެ ވާ ލޯބީގެ ޙައްޤުގައި މި ކުރާ ނަމާދާއި، ދުޢާއާއި ޒިކުރުތަކާއި ކީރިތި އާޔަތްތަކުގެ އެހީއާއި މަދަދުންކަން އިހުސާސްކުރެވޭ،" އަޝްފާ ލިޔެފައިވެއެވެ.
"މަންމައާއި ބައްޕަ އަދި ދެ ފަރާތުގެ މުޅި އާއިލާ ވެސް ދަރިފުޅުދެކެ އިންތިހާ ލޯބިވޭ،"
އެންމެ ގާތް ކުދިންނާއި އެކުވެރިން ވެސް ހަމަ އެހާ ލޯބިވެއެވެ. އަޝްފާއަށް ދަރިފުޅުގެ ޖަނާޒާއިން ފެނުނީ އެ މަންޒަރެވެ. އެ ހުރިހާ އެންމެންގެ ހިތުގައި އަލްސަނަށްޓަކައި ޚާއްސަ ޖާގައެއް އޮތް ކަމެވެ.
އެ ހިތްދަތިކަމާ އެކު ވެސް އެ ޖަނާޒާއަށްޓަކައި އަޝްފާގެ ހިތުގައި އޮތީ ޝުކުރާއި ޙަމްދެވެ.
"އަލްސަން ދަރިފުޅާ .... ތިޔައީ މަންމައާއި ބައްޕަގެ މުޅި ދުނިޔެ. މި ލޯތަކުން ކަރުނަފޫދެނީ ދަރިފުޅުދެކެވާ އިންތިހާ ދަރަޖައިގެ ލޯތްބަށްޓަކާ. މި ނޭވާތައް ހިނގަނީ ދަރިފުޅަށްޓަކާ. މި ނިތްތައް ތިރިވަނީ ތިޔަ ޙައްޤުގައި. ހަމަ ދަރިފުޅަށްޓަކާ. މި އަތްތައް އުފުލެނީ ދަރިފުޅަށްޓަކާ. މި ދޫތައް ޙަރަކާތްތެރިވަނީ ދަރިފުޅުގެ އާޚިރަތް ބާއްޖަވެރިވުމަށްޓަކާ،" ދަރިފުޅުގެ ހަނދާނުގައި މަންމަ ކުރި ޕޯސްޓުގައިވެއެވެ.
"ދަރިފުޅަކީ މަންމައާއި ބައްޕައަށް اللہ سبحانہ وتعالی ދެއްވި އަމާނާތެއް. އަނބުރާ ގެންދެވިފައިތިޔަވަނީ އެކަލާނގެ ޙަޟްރަތަށް. އެކަލާނގެ ހުރިހާ ކަމެއް ވެސް އެންމެ މޮޅަށް ދެނެވޮޑިގެންވޭ،"

އަޝްފާއާ އެކު ދަރިފުޅު އަލްސަން: އަލްސަން މަރުވީ މިދިޔަ މަހު 13 ގައި -- ފޮޓޯ/ އަޝްފާ، ފޭސްބުކް
އަޝްފާއާއި ތޭރަވާގެ ދުޢާއަކީ ބަރުޒަޚުގެ ޢާލަމަކީ ދަރިފުޅަށް ރައްކާތެރި، އަމާން، ތަނަވަސް، ފިނިކަމާއި އަލިކަން ލިބިގެންވާ ތަނެއް ކަމުގާވުމެވެ. ދަރިފުޅުގެ އެންމެހާ ކުށް ފާފަތައް ފުއްސަވާދެއްވުމެވެ. ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތުގައި ދަރިފުޅު ލެއްވުމެވެ.
"ދަރިފުޅާ އެކު ސުވަރުގޭގައި ވުމަށްޓަކައި މިދަނީ ތާއަބަދު ގަދައަޅާ މަސައްކަތް ކުރަމުން. ވަރަށް ވަރަށް ވަރަށް ލޯބިވޭ އަލްސަން ދަރިފުޅާ،" އަޝްފާގެ އަސަރުގަދަ ޕޯސްޓު ނިންމާލަމުން ލިޔެފައިވެއެވެ.
ޖުލައި 13 ވަނަ ދުވަހުގެ ރޭ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް އެ ތަނުގައި އޮންނަ ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި މީހެއް ގައިގައި ޖެހުނީއެވެ. އެއަށް ފަހު ޕިކަޕެއްގައި ވެސް ޖެހުނީއެވެ. އެކްސިޑެންޓުގައި އަލްސަން މަރުވީއެވެ. މަގުހުރަސްކުރި 40 އަހަރުގެ މީހާ އަދިވެސް ރާއްޖޭން ބޭރުގައި ފަރުވާ ހޯދަނީއެވެ. އެ މީހާގެ ސިކުނޑިއަށް ލޭ އެޅި، ބޮޑެތި އަނިޔާތަކެއް ލިބުނެވެ.
އެ އެކްސިޑެންޓުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ ކަސްރަތަށް ދުވަން އުޅުނު މީހަކު މަގު ހުރަސް ކުރަން ކަފިހި ހުރަސް މަތިން ދަނިކޮށް ބާރަށް ދިޔަ ސައިކަލު އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. އެ މީހާ ވިއްސައިގެން ދިޔައިރު ސައިކަލު ވެއްޓެއެވެ. އެއް ކުއްޖަކު ޕިކަޕު ދަށުވިއިރު، ދެވަނަ ކުއްޖާ ޕިކަޕުގެ އެއް ފަރާތަަށް ވިއްސައިގެން ދިޔައީއެވެ.
މި ފަހުން ރާއްޖޭގެ އެކި ހިސާބުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް އިތުރުވެފައިވެއެވެ. އޭގެ ތެރޭގައި ކަފިހި ހުރަސް މަތިން މީހުން ހިނގައިފައި ދަނިކޮށް، އުޅަނދުތަކުން ޖެހި އަނިޔާވާ މައްސަލަތައް ވެސް ގިނައެވެ.