މިހިނގާ އޮގަސްޓު މަހުގެ ތެރޭގައި ފުވައްމުލަކު ސިޓީން މަސް ގަންނަންފަށާނެކަމަށް ސަރުކާރުގެ މަސްކުންފުނި މިފްކޯއިން ހާމަކޮށްފިއެވެ.
މިފްކޯއިން ބުނީ ފުވައްމުލައް ސިޓީން މަސްގަންނަން މިމަހުގެ ތެރޭގައި ފަށާ، އޭގެ ފަހުން ދާއިމީކޮން އެސިޓީން މަސް ގަންނަން ފަށާނެކަމަށެވެ. އަދި އެ ޔަގީންކަން، މިފްކޯގެ ސީއީއޯ ރިޓަޔަޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކޮށް ދެއްވާފައިވާކަމަށް މިފްކޯއިން ބުންޏެވެ.
ފުވައްމުލަކު ސިޓީގައި، މިފްކޯއިން ހަދަން ފަށާފައިވާ މަސް ޕްރޮސެސް ކުރާ މަރުކަޒުގެ މަސައްކަތް ނިންމާ މިއަހަރު ތެރޭގައި ޚިދުމަތްދޭން ފަށައި، ޕްރޮސެސް ކޮށްފައި ހުންނަ މަސް ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖެހޭނެކަމުގެ ޔަގީންކަން ވެސް މިފްކޯއިން ވަނީ ދީފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގެ މަސްވެރިން ބާނާމަސް ވިއްކާލުމުގައި، ޒަމާނުންސުރެން ދަތިތަކެއް ހުންނަކަން މަސްވެރިން ފާހަގަކުރެއެވެ. ސަބަބަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސް ކިރުވޭނެ އިންތިޒާމުތައް އެކަށީގެންވާ ގޮތެއްގައި ހަމަޖެހިފައި ނެތުމެވެ.
މި މައްސަލަތަކަށް ހައްލު ހޯދުމަށް އެކި ސަރަހައްދުތަކުން މަސް ގަނެވޭނެ، އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. އެގޮތުން އައްޑޫން ގަންނަ މަސް ހުވަދުއަށް ނުގެންގޮސް ސީދާ އައްޑޫން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭ ފަށަން ރާވާފައިވާ ކަމަށާއި، އެ ސިޓީގައި މަހަށް ވެލިއު އެޑްކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭ ފެށުމަށް މަސައްކަތްކުރަމުންދާ ކަމަށް މީގެ ހަފުތާއެއް ކުރިން މިފްކޯއިން ވަނީ ބުނެފައެވެ.