ފުވައްމުލައް ސިޓީގައި ތަަރައްގީ ކުރާ 400 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ފުވައްމުލަކުގެ 400 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ބިންގާ އަޅުއްވައި ދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަރިހުގައި ފުވައްމުލައް ސިޓީ ދާއިރާތައް ތަމްސީލުކުރާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަތެވެ.
އެ މަސައްކަތުގެ ދަށުން ތިން ކޮޓަރީގެ 400 ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވަނީ ފްލެކްސްއިންކް ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން 470 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓްގެ އިތުރުން، އަތޮޅު ތައުލީމީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތާއި ކުނި މެނޭޖުކުރާ ސެންޓަރުގެ މަސައްކަތާއި ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތުގެ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފައެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތް ވަނީ ފަށާފައެވެ.
ފުވައްމުލަކުގެ އާބާދީ 14،000އަށް އަރާއިރު، އެ ސިޓީއަށް ގެދޮރުގެ ދަތިކަމުގެ މައްސަލަ ދިމާވެފައިވާ ކަމަށް މިއަދު ވެސް ކައުންސިލުން ވަނީ ރައީސާ ހިއްސާކޮށްފައެވެ.