އާލިއާ އާއި މަންމަ ސޯނީ ގުޅިގެން ފިލްމެއް އުފައްދަނީ

ބޮލީވުޑް ބަތަލާ އާލިއާ ބަޓް--ފޮޓޯ/ބޮލީވުޑްހަންގާމާ

މިހާތަނަށް ދެ ފިލްމެއްގައި ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ބޮލީވުޑް ބަތަލާ އާލިއާ ބަޓް، އޭނާގެ މަންމަ ސޯނީ ރަޒްދާން ޑައިރެކްޓްކުރާ ފިލްމެއް ޕްރޮޑިއުސްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕީންގް މޫންގައި ބުނެފައިވާ ގޮތުން ފުރާވަރަށް އަރަމުން އަންނަ ކުދިންނަށް ޚާއްސަ މި ފިލްމު އުފައްދާނީ އާލިއާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި އެޓާނަލް ސަންޝައިން ޕިކްޗާސް އާއި އެމޭޒަން ޕްރައިމް އަދި ޗޯކްބޯޑް އެންޓަޓެއިންމަންޓް ގުޅިގެންނެވެ.

މި ފިލްމަކީ މަޝްހޫރު ލިޔުންތެރިޔާ މަންޖޫ ކަޕޫރު ލިޔެފައިވާ "ޑިފިކަލްޓް ޑޯޓާސް" އަސްލަކަށް ބަލައިގެން ސޯނީ ޑައިރެކްޓްކުރަން ނިންމާފައިވާ ފިލްމެކެވެ. މި ފިލްމުގައި ގެނެސްދޭ ވާހަކަ ބިނާކޮށްފައި ވަނީ އިންޑިއާގެ ކޮލެޖް އަދި ކެމްޕަސްތަކުގައި ތައުލީމު އުނގެނެމުން ދާ ދަރިވަރުންގެ ހަޔާތުގެ މައްޗަށެވެ.

އާލިއާ މަންމަ ސޯނީ ރަޒްދާންއާ އެކު--ފޮޓޯ/އިންޑިއާފޯރަމްސް

އާލިއާއާ އެކު ފިލްމު "ރާޒީ"ގެ މުހިއްމު ރޯލަކުން ފެނިފައިވާ ކުރީގެ ބަތަލާ ސޯނީއާ އެކު މި ފިލްމުގައި ޑައިރެކްޓަރެއްގެ ގޮތުގައި ދެން ހިއްސާވާނީ ފިލްމު "ޔޭ ޖަވާނީ ހޭ ދިވާނީ" އަދި "ބްރައްމަސްތުރާ"ގައި ޑައިރެކްޓަރުގެ އަޔާން މުކަރުޖީއާއެކު މަސައްކަތްކޮށްފައިވާ ސްރީތީ މުކަރުޖީއެވެ. މި ފިލްމަކީ ސްރީތީ ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި އިންޑަސްޓްރީއަށް ތައާރަފުވާނެ އޭނާގެ އަލަތު ފިލްމަށެވެ.

މި އަހަރުގެ އޮކްޓޯބަރު މަހުތެރޭ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ މި ފިލްމަކީ އެމޭޒަންއާ އެކު އާލިއާ ފީޗާ ފިލްމެއްގައި ވެސް މަސައްކަތްކުރާނެ ފުރަތަމަ ފިލްމެވެ. އާލިއާ ވަނީ އެމޭޒަން ޕްރައިމްއިން ގެނެސްދިން ރިޗީ މެހެތާގެ ޑޮކިއުމެންޓްރީ ފިލްމު "ޕޯޗާ"ގައި އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ.

އާލިއާ ބުނެފައިވާ ގޮތުގައި ފިލްމުތަކުގައި އެކްޓު ކުރުމުގެ އިތުރުން ކެމެރާގެ ފުރަގަހުގައި މަސައްކަތް ކުރުމަކީ އޭނާ ގަބޫލުކުރާ ގަބޫލުކުރުންތަކާ އެކު މިނިވަން ޚިޔާލާ އެކު ބެލުންތެރިންނަށް ފިލްމު ގެނެސްދިނުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެކެވެ.

މިދިޔަ އަހަރު އާލިއާ ޕްރޮޑިއުސްކުރި ފިލްމު "ޖިގްރާ 4"އަށްފަހު ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ޔަޝް ރާޖް ފިލްމްސްގެ ސްޕައި ޔުނިވާސްއިން ގެނެސްދޭ "އަލްފާ"އިންނެވެ. މީގެއިތުރުން އާލިއާ އަންނަނީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގައި ވެސް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް