ޔޫކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެކޮޅު ހައްދަވައިފިނަމަ ނަތީޖާ ހިތިވާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޕުޓިން ދެކޮޅު ހައްދަވައިފިނަމަ، ނަތީޖާ ހިތިވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައި -- ފޮޓޯ/އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވުލަމީޑިއާ ޕުޓިން އާއިއެކު މާދަމާ އަލަސްކާގައި ބާއްވާ ބައްދަލުވުމަށް ފަހު ޔޫކްރޭންގެ ހަނގުރާމަ ނިންމާލަން ޕުޓިން ދެކޮޅު ހައްދަވައިފިނަމަ "ވަރަށް ހިތި ނަތީޖާތަކެއް" ކުރިމަތިވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ ބުދަ ދުވަހު ޔޫރަޕްގެ ލީޑަރުންނާ އެކު ބައްދަލުވުމެއް ބޭއްވުމަށްފަހުއެވެ. އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ބޭފުޅުންގެ ތެރޭގައި ޔޫކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ ވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެ ކުރިން ވެސް މޮސްކޯއާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.

އަދި ހުކުރު ދުވަހު ޕުޓިންއާއެކު ބާއްވާ ބައްދަލުވުން ރަނގަޅަށް ކުރިއަށް ހިނގައްޖެނަމަ، އެމަނިކުފާނާއި ޕުޓިން އަދި ޒެލެންސްކީއާއެކު ބައްދަލުވުމެއް ބޭއްވުމަށް ހުށަހަޅުއްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އޮންލައިން ބައްދަލުވުން ނިންމާލުމަށްފަހު، ގުޅިގެން ނެރުނު ބަޔާނެއްގައި ޖަރުމަނުގެ ޗާންސެލަރު ފްރިޑްރިކް މާޒްއާއި އިނގިރޭސި ބޮޑުވަޒީރު ކޭއާ ސްޓާމާ އާއި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވީ ހުކުރު ދުވަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސް ނުވެއްޖެނަމަ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށާއި ޔޫކްރެއިނަށް ވެސް ހަރުދަނާ އަދި އިތުބާރު ހުރި ސަލާމަތީ ޔަގީންކަން ދޭން ޖެހޭނެ ކަމަށެވެ.

ޔޫރަޕްގެ ލީޑަރުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޔޫކްރޭންގައި ސުލްހައިގެ މަގު ޔޫކްރޭނާ ނުލައި ނުނިންމޭނެ ކަމަށް އެބޭފުޅުންނަށް ޔަގީންވާ ކަމަށެވެ.

ރަޝިޔާއިން ޔޫކްރޭނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް 10 ނުވަތަ 12 ދުވަހުގެ މުއްދަތެއް ކަނޑައަޅާފައިވާ ކަމަށް ޓްރަމްޕް މިދިޔަ ޖުލައި މަހު ފަހުކޮޅު ވެސް ވަނީ ވިދާޅުވެފައެވެ. އަދި ހަނގުރާމަ ނުހުއްޓައިފިނަމަ، ހަރުކަށި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހަނގުރާމަ ނިންމުމަަށް 50 ދުވަހުގެ މުއްދަތެއް ވެސް ޓްރަމްޕް މީގެ ކުރިން ވަނީ ދެއްވާފައެވެ.

ރަޝިޔާއިން 2022ވަނަ އަހަރުގެ ފެބްރުއަރީ މަހު ޔޫކްރެއިނަށް އަރައި ހަމަލާ ދޭން ފެށި ފަހުން އެތައް ހާސް ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ.

ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމު ކުރުމަށް އެމެރިކާ، ޗައިނާއިން އަދި އިންޑިއާއިން ވެސް މަސައްކަތްކުރެއެވެ.

comment ކޮމެންޓް