އެއީ ބުރާސްފަތި ދުވަހެކެވެ. އިރުއޮއްސި މާ ގިނައިރުތަކެއް ނުވެއެވެ. ޖުމްހޫރީ މައިދާން ސަރަހައްދަށް މީހުން އެއްވަމުން ދިޔައީ އެކެއްގެ ކިބައިން އަނެކަކު ހިތްވަރު ނެރެގެންނެވެ. އޭރު ގަދަފަދަކޮށް ވެރިކަމުގައި ހުންނަވާތާ 26 އަހަރު ވެފައިވާ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރާ ދެކޮޅަށް, ބަޑިއާއި ކަރުނަ ގޭހުގެ ކުރިމައްޗަށް ނުކުތީ އާއްމު ރައްޔިތުންނެވެ. އެތައް ހާސް ބައެކެވެ.
އޭރު އިންސާނީ ހައްގުތަކާއި ގާނޫނީ ރައްކާތެރިކަންތަކެއް ނޯވެއެވެ. އެކަމަކު ވެސް ކޮންމެފަދަ އަނިޔާވެރި ކަމަކާ ކުރިމަތިލާން ޖެހުނަސް ވަރިހަމަކޮށްގެން އެތައް ހާސް ބަޔަކު ނުކުތީ, ހައްދު ފަހަނަ އަޅާފައިވާ ކޮރަޕްޝަނާއި އެކެއްގެ އަތްމައްޗަށް ޖަމާވެފައިވާ ބާރުވެރިކަމާއި ރައްޔިތުންގެ ފައިސާ އާއި މުދާ ދެފުށްނުފެންނަ ގޮތަކަށް ބޭނުން ކުރަން ހުޅުވާލެވިފައިވާ ދޮރުތައް ބަންދު ކުރުމުގެ ހެޔޮ ނިޔަތާއެކުއެވެ. އޮޅުވާނުލާ އިންތިޚާބުތަކެއްގެ ބޭނުމުގައެވެ.

އޮގަސްޓް 12, 13 ނުވަތަ ކަޅު ހުކުރު މުޒާހަރާގެ ތެރެއިން: މިއީ މައުމޫންގެ ވެރިކަމާ ދެކޮޅަށް ފާޅުގައި ނުކުތް ފުރަތަމަ ދުވަސް---
ދެހާސް ހަތަރުވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުގެ ރެ އާއި ޖެހިގެން އައި 13 ވަނަ ހުކުރު ދުވަހަށް ދެމިގެން ދިޔަ, މަޝްހޫރު "ކަޅު ހުކުރު" މުޒާހަރާއަކީ މައުމޫންގެ ގަދަފަދަ ވެރިކަމާ ދެކޮޅަށް ފާޅުގައި އެގޮތަށް ރައްޔިތުން ނުކުތް ފުރަތަމަ ފަހަރެވެ. އެ މުޒާހަރާ ކުރި 200 އެއްހާ މީހުން ހައްޔަރުކޮށް, ކަނު ބަނދެ, އެތައް ދުވަހަކު ކުޑަ ގޮޅިތަކުގައި އަދަބުތައް ދިނެވެ. ނަމަވެސް އެކަންވީ ރަނގަޅު ފެށުމަކަށެވެ. ނަތީޖާއަކަށްވީ އެ ސަރުކާރުން އިސްލާހީ އެޖެންޑާއަށް އަމަލު ކުރަން މަޖުބޫރުވުމާއި އެ ދިގު ވެރިކަން ނިމުމަކަށް އައުމެވެ.
ދިގު 30 އަހަރު ވެރިކަން ކުރެއްވި މައުމޫންގެ ވެރިކަމުގައި މި ގައުމަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި އެބަހުއްޓެވެ. ޚާއްސަކޮށް ދިވެހީންނަށް ތައުލީމު ފޯރުކޮށް ދެއްވުމާއި ޓޫރިޒަމް ފުޅާ ކުރެއްވުމުގެ އިތުރުން ގައުމުގައި އަމާންކަން ގާއިމު ކުރެއްވިއެވެ. މެދުމިނުގެ އިސްލާމީ ރަނގަޅު އުސޫލުތަކަކުން ގައުމު ހިންގެވިއެވެ. ޚާއްސަކޮށް މަޖުބޫރުވެގެން ނަމަވެސް، ފަހުން ބާރުތައް ދޫކުރެއްވި ހިކުމަތްތެރި ގޮތަކީ ދުނިޔެއަށް ވެސް ނަމޫނާއެކެވެ.
ނަމަވެސް ދުނިޔެ ދުށް ގިނަ ދިގު ވެރިކަންތައް ހިންގާފައި ވަނީ އެހާ ރަނގަޅަކަށް ނޫނެވެ. ގިނަ ވެރިން ވެރިކަމުގައި ދިފާއުގައި އެންމެ އިސްކުރަނީ އަނިޔާވެރިކަމެވެ. ބަސްބުނުމުގެ މިނިވަންކަން ނުދިނުމެވެ. އެއްވެސް ހައްގަކާ ނުލައި މީހުންނަށް ވޭންދެނިވި އަނިޔާތައް ކުރުމެވެ. ދައުލަތުގެ ވަސީލަތްތަކާއި މުދާތައް ވަކި, މަދު ބައެއްގެ މަންފާއަށް ބޭނުން ކުރުމެވެ. މިއީ ދުނިޔޭގެ ދިގު އެހެން ވެރިކަންތަކުން ފެނުނު މަންޒަރެވެ. ދިވެހީން ވެސް މައުމޫންގެ ވެރިކަމުގައި މިފަދަ ހިތި ތަޖުރިބާތަކެއް ކުރަން ޖެހުނެވެ. ދިވެހީންނަށް ލިބުނު އެންމެ ބޮޑު ދެރައަކީ އިގްތިސާދީ ހަރަކާތްތައް މަދުވެ, ގައުމުގެ ތަރައްގީގެ ދުވެލި އިންތިހާއަށް ލަސް ދުވެއްޔެއްގައި ކުރިއަށް ގެންދިޔަ ގެންދިއުމެވެ. ސިންގަޕޫރުގައި ވެސް ހައްގުތަކެއް ނުލިބެއެވެ. އެކަމަކު ލީކުއާން ޔޫ ވަނީ މާބޮޑު ވަސީލަތްތަކެއް ނެތް އެ ގައުމު, އިހުލާސްތެރިކަމާއެކު ހިންގަވައި ދުނިޔެއަށް ނަމޫނާ ދައްކައިފައެވެ.

ރައީސް މުޙައްމަދު ނަޝީދާއި ރައީސް މައުމޫން-- ފޮޓޯ:ވީނިއުސް
ޒަމާނީ ޑިމޮކުރަސީއާއެކު ވީ ކިހިނެއް؟
މިއަދުގެ ޒުވާނުންނާއި ކުޑަ ކުދިންނަށް އޭރުގެ ސިޔާސީ ހާލަތު ވަޒަން ކުރަން ހަގީގަތުގައި ވެސް ދަތިވާނެއެވެ. މިއަދު ސޯޝަލް މީޑިއާގަޔާއި ކޮފީ މޭޒުތަކުގައި ބޭނުން ވާހަކައެއް ދެއްކެއެވެ. އަޅުގަނޑު މި ރިޕޯޓް ވެސް މި ލިޔަނީ އެއްވެސް ބިރެއް ނެތިއެވެ. ކުރިންނަމަ ސިޔާސީ ވާހަކަ ދެއްކުމާއި މިފަދަ ލިޔުންތައް ލިޔެފައި ދާން އޮތްތަނަކީ ޖަލުގެ ކުޑަ ގޮޅިއެވެ. އެހެންކަމުން ޒަމާނީ ޑިމޮކްރަސީއާއެކު މިއީ ދިވެހީންނަށް ލިބުނު ނަސީބެކެވެ.
އަނެއްކަމަކީ ނިކަމެތިންނަށާއި އާއްމު ރައްޔިތުންނަށް ވެރިންގެ ކައިރިން އާދޭސް ނުކޮށް ލިބެން ފެށި މަންފާތަކެވެ. މިހާރު ވަރަށް ބޮޑު ކަމެއް ކުރިމަތި ވުމުން ނޫނީ, ބޭސް ސިޓީ ހިފައިގެން ސަލާން ޖަހާކަށް ނުޖެހެއެވެ. އާސަންދައާއެކު ހިލޭ ބޭސްފަރުވާ ލިބެއެވެ. ސަރުކާރުން ހިފީ ހަމައެކަނި ސްކޫލު ކުދިންގެ ފޮތް ލިސްޓުގެ ޚަރަދުގައި އެކަންޏެއް ނޫނެވެ. ޑިގްރީއާ ހަމައަށް ހިލޭ ކިޔަވަންވީއެވެ. އެކަނިވެރި މައިންނާއި ބަފައިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޮންމެ މަހަކު އަސާސީ އެލަވަންސެއް ލިބެއެވެ. މިހެން ގޮސް ދައުލަތުން އެތައް އެތައް ކަމެއް އެބަ ކޮށްދެއެވެ. މިއީ ދުނިޔޭގެ ވަރަށް މަދު ގައުމަކުން ނޫނީ ނުލިބޭފަދަ ނަސީބުތަކެވެ.
ޒަމާނީ ޑިމޮކްރަސީއާއެކު ދިވެހީންނަށް ލިބުނު އަނެއް ބޮޑު ނިއުމަތަކީ ވެރިން ކަނޑައެޅުމުގެ ބާރު ސީދާ ރައްޔިތުންނަށް ލިބުމެވެ. މިއަދު ރަށު ފެންވަރުން ފެށިގެން ގައުމުގެ އެންމެ އިސް މަގާމަށް އަންނަ މީހާއަކީ ވެސް ސީދާ ރައްޔިތުންގެ ވޯޓުން ކަނޑައަޅާ މީހެކެވެ. ރައްޔިތުންގެ ރުހުމާއި, ލޯބި ނުލިބި މަގާމުތަކަކަށް ނާދެވޭނެއެވެ. އެހެންކަމުން ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް ރައްޔިތުންގެ ބާރުވެރިކަން މި ވަނީ އިތުރުވެފައެވެ.
ކުރުކޮށް ބުނާނަމަ އެތައް ހާސް ދިވެހީންނެއް, ލެއާއި ފުރާނައިން ގުރުބާން ވެގެން ގެނައި ޑިމޮކްރަސީގެ ސަބަބުން ދިވެހީންނަށް ލިބުނު ނިއުމަތްތައް ގިނައެވެ. ނަމަވެސް ކަމެއް އަޅާ ކިޔާއިރު އޭގެ ތެރޭގައި ގިނައީ ހެޔޮތޯ ނުވަތަ ނުބައިތޯ ބަލަން ޖެހެއެވެ. އެގޮތަށް ބަލާއިރު ދިވެހީންވީ ގުރުބާނީ އާއި ކުރި އުންމީދަށް ބަލާއިރު, ނަތީޖާ ފެންނަނީ ރަނގަޅަކަށް ނޫނެވެ.

އާސަންދަ ކައުންޓަރު-- ފޮޓޯ: އާސަންދަ
އެންމެ ދެރައީ އެމްޑީޕީއަށް މިވީ ގޮތުން!
ޝެއިހަކު, ނުވަތަ ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ކުށެއް ކުރުމާއި އެފަދަ ހައިސިއްޔަތެއް ނެތް އާއްމު މީހަކު އެ ކުށް ކުރުމާ ވަރަށް ތަފާތެވެ. އެ ދެ މީހުން ވެސް ކުރީ ކުށެވެ. އެކަމަކު ޝެއިހް ނުވަތަ ޒިންމާދާރު މަގާމުގައި ހުރި މީހަކު ކުށް ކުރީމައި ވާ ގެއްލުން މާ ބޮޑުވާނެއެވެ. ސިޔާސީ ކަންކަމުގައި ވެސް އޮތީ ހަމަ އެ ގޮތެވެ.
ޑިމޮކްރަސީ ވިއްކައިގެން އެމްޑީޕީ ދިވެހީންނަށް ތައާރަފުވީ "ޑިމޮކްރެޓިކް" ޕާޓީގެ ގޮތުގައެވެ. އެ ޕާޓީގެ ރޫހަކީ ކޮރަޕްޝަނާއި ވައްކަން ހުއްޓުވުމާއި ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމެވެ. ޚާއްސަކޮށް ދައުލަތުގެ ވަސީލަތްތަކާއި މުދާ މަދު ބައެއްގެ ފައިދާއަށް ބޭނުން ކުރާ ކުރުން ހުއްޓުވުމެވެ. އެ ޕާޓީން ގައުމަށް ހެޔޮ ބަދަލުތަކެއް ނުގެންނަ ކަމަކަށް ނުވާނެއެވެ. އެކަމާ ދެކޮޅެއް ނުހަދަމެވެ. ޓެކްސްގެ ނިޒާމާއި އަސާސީ ޕެންޝަންތަކާއި ދަތުރުފަތުރުގެ ނިޒާމާއި ލާމަރުކަޒީ ނިޒާމު ފަދަ ރަނގަޅު ލައްކަ ކަންކަން ކޮށްދިނެވެ. އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމަށް ފުރުސަތު ދިނެވެ. އެކަމަކު އެ ޕާޓީއަށް ދެ ފަހަރެއްގެ މަތިން ރާއްޖޭގައި ވެރިކަން ކުރަން ފުރުސަތު ލިބި, އެންމެ ބޮޑު ވައުދުތަކެއް ނުފުއްދުނެވެ.
ސިޔާސީ ގޮތުން, ހިތްވަރުގަދަ, ޖެހިލުން ކުޑަ, ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް ބާރުތައް އެއް ކުރައްވަން މަސައްކަތް ކުރެއްވި މަންޒަރު ވަރަށް ގާތުން ފެނުނެވެ. ޗާޓުގެ އެތެރެއިންނާއި ޗާޓުގެ ބޭރުން ކަންކަން ކުރައްވާނެކަން އިއުލާން ކުރައްވައި އެ ގޮތަށް އަމަލު ކުރެއްވިއެވެ. ތިން ބާރު ވަކިކުރައްވަން ވަކާލާތު ކުރެއްވި ނަމަވެސް އަމަލު ކުރެއްވީ އެގޮތަކަށް ނޫނެވެ. ސުޕްރީމް ކޯޓުގައި ތަޅުއެޅުވުމާއި އޭރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުالله މުޙައްމަދާ މެދު އަމަލު ކުރި ގޮތަކީ ގޯސްގޮތްތަކެވެ. އޭރުވެސް އަދި މިހާރު ވެސް ޝަރުއީ ދާއިރާ ރަނގަޅޭ އެއް ގޮތަކަށް ވެސް ބުނަނީއެއް ނޫނެވެ. އެހެން ބުނާކަށް ނެތީމެވެ. އެކަމަކު ގާނޫނާއި އުސޫލުތައް ބޮލާލާ ޖަހައިފައި ގަދަބާރުން ކަން ކުރުމަކީ ޑިމޮކްރަސީގެ ސިފައެއް ނޫނެވެ. އަނެއްކޮޅުން ރަށްރަށާއި ފަޅުފަޅު, ޕާޓީ މީހުންގެ މެދުގައި ބައްސަވާލެއްވިއެވެ. އެންމެ ފަހުން ދައުރުގެ މެދެއްހާ ހިސާބުން, ސަލާމާތީ ބާރުތަކުން ކުރި މުޒާހަރާއެއްގެ ތެރެއިން އެ ވެރިކަން ނިމުމަކަށް އައީ ލައްކަ ގޯސް ވެސް ހެދުނީތީއެވެ.

އެމްޑީޕީގެ އިސް ބޭފުޅުން ކަމަށްވާ ރައީސް ޞާލިޙާއި ފައްޔާޒާއި ނަޝީދު: -- ފޮޓޯ/ އެމްޑީޕީ
ރައްޔިތުންގެ ވޯޓަކުން ދެން ވެރިކަމަށް ވަޑައިގެންނެވި, މައުމޫންގެ ޑީއާރުޕީގެ ފިކުރު, ޕީޕީއެމްގެ ވެރިކަމުގައި ރައީސް އަބްދުالله ޔާމީން ވަނީ ރާއްޖެ ދުވަހަކު ވެސް ނުދެކޭ, އަދި ރާއްޖެއަށް ގެނެވިދާނެ ކަމަށް ގަބޫލު ވެސް ނުކުރެވޭ ވަރުގެ އުމްރާނީ ތަރައްގީތައް ގެނެސް ދެއްވައިފައެވެ. ޔާމީނަކީ ގިނަ ދިވެހީން އަދިވެސް ގަބޫލު ކުރާ, މޮޅު, ކަންކުރަން އެނގިވަޑައިގަންނަވާ ރައީސެކެވެ. ނަމަވެސް އެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަން އޮތީ އިންތިހާއަށެވެ. އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި 1.4 ބިލިއަން ރުފިޔާގެ ހިޔާނާތަކީ ރޯމާދުވާލު, ފާޅުގައި ކުރެއްވި ކަންކަމެވެ.
ނަޝީދަށް ވާދަ ނުކުރެއްވުމުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގެންނެވީ ޔާމީންގެ ސަރުކާރުން ހިންގެވި ކޮރަޕްޝަންތަކާ ދެކޮޅަށް އެތައް ވައުދަކާއެކުއެވެ. ޚާއްސަކޮށް ގެއްލުނު ފައިސާ އަނބުރާ ހޯދުމާއި އެ ކުށްކުރި މީހުންނަށް ހައްގު އަދަބު ދޭނެ ވައުދެވެ. ނަމަވެސް އެ ވެރިކަން ނިމިގެން ދިޔައީ އޭގެން އެންމެ ފައިސާ ފޮއްޗެއް ނުހޯދޭތާ, އެކަން ކުރުމުގައި އިސްކޮށް ހުންނެވި ކަމަށް "އިއުތިރާފުގެ އެއްބަސްވުން ހެއްދެވި" ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި ބައިވެރިން މިނިވަން ވެސް ކޮށްދެއްވައިފައެވެ. ވައުދު ނުފުއްދެވިތާ ދިމާ އިދިކޮޅަށް ކަންކަން ކުރައްވައިފައެވެ.
ވަރަށް އޯގާތެރި, އެކި ހިޔާލުގެ ގިނަ މީހުން ގޮވައިގެން އުޅެން އެނގިވަޑައިގަންނަވާ ޞާލިޙްގެ ވެރިކަމުގައި ވެސް ހިލޭ ޑިގްރީއާއި އާރުޓީއެލް ފެރީގެ ޚިދުމަތާއި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުންފަދަ މުހިންމު ގިނަ ކަންތައްތަކެއް ކޮށްދެއްވިއެވެ. ޚާއްސަކޮށް މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިވި, ކޮވިޑްގެ ހާލަތުން އަރައިގަތީ ރައްޔިތުންނަށް މާ ބޮޑު ތަކުލީފެއް ނުޖައްސައެވެ.
ނަމަވެސް އެ ވެރިކަމުގައި ވެސް އެމްޑީޕީގެ އެންމެ ބޮޑު ވައުދު ކަމަށްވާ ކޮރަޕްޝަން އޮތީ އިންތިހާއަށެވެ. ޚާއްސަކޮށް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ހޯދި ނުހައްގު މުއްސަނދިކަން ސާބިތު ނުވިޔަސް އެ އޮތީ ފެންނާށެވެ. ކުއްލިއަކަށް ބޮޑެތި ވިޔަފާރިތައް ފަށައި މާލޭން ބިންތައް ގަނެ އުޅެމުން އެ ދަނީ ކުއްލިއަކަށް ހޯދި ތަނަވަސް ކަމުގައެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގީ ކުރަން ނުވާނެ ހުރިހާ ކަމެއްހެން ކޮށްގެންނެވެ. ފެނަކައާއި އާރުޑީސީއަށް އެކަނި ބަލާލިޔަސް އެކަން ފެންނާނެއެވެ.
އެވަރުން ނިމުނީއެއް ނޫނެވެ. އެމްޑީޕީން ޒަމާނުންސުރެ ވަކާލާތު ކުރަމުން ދަނީ ރައްޔިތުންގެ މެދުގައި ހަމަހަމަ ވާން ޖެހޭނެ ކަމަށެވެ. ސިޔާސީ ގޮތުން ވަކި ކުލައަކަށް ބަލައިގެން ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ އެ ވެރިކަމުގައި އެޅި 4000 ފްލެޓް ބަހާލި ލިސްޓަށް އެކަނި ބަލާލި ނަމަވެސް ކަން ހިނގީ އެގޮތަކަށް ނޫންކަން ޔަގީން ވާނެއެވެ. މާ ސިންގާ "އިއްތިފާގަކުން" ނަމަވެސް ޕާޓީގެ އިސް ބޭފުޅުންގެ އާއިލާތަކާއި ދޭން ބޭނުންވި މީހުންނަށް އޮތީ މަތިން މާކުސް ދީފައެވެ. މާލޭގައި އުޅުނަސް, ނޫޅުނަސް ހެޔޮ ކަމަށެވެ. އަދި ތުހުމަތު ކުރެވޭ ގޮތުގައި ހިތްޕުޅާ ނުވާ, އަދި ކަޓުވާލަން ބޭނުންވި މީހުން އޮތީ ކަޓުވާލާފައެވެ. ނުލާހިކު ރަނގަޅު ޕްލޭނެއްގެ ދަށުން ތަރައްގީ ކުރަމުން ދިޔަ ހުޅުމާލޭގެ ބިންތަކާއި ހިއްކާ ނުނިމޭ މާލެ ކައިރި ފަޅުތަކެއް, އިންތިޚާބަށް ދެތިން ދުވަސް ވެފައި އޮއްވައި ބަހާލި ބަހާލުމަކީ އެމްޑީޕީއަށް ވެސް ލަދުވެތި ކަންކަމެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު (ކ) އަދި ޝާހިދު (މ): -- ފޮޓޯ/ އެމްޑީޕީ
އެމްޑީޕީގެ އިސްލާހީ ހަރަކާތްތަކުގައި އެންމެ ކުރީކޮޅުގައި އުޅެ, ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި ދުވަސްތައް ހޭދަކުރައްވައި, އެތައް އަނިޔާއެއް ތަޖުރިބާ ކުރައްވާފައިވާ, ޝާޒް ވަލީދު ވިދާޅުވަނީ މިދައްކަން އުޅޭ ވާހަކައެވެ. އޭނާ މިދިޔަ އަހަރު "ދައުރު" ނޫހަށް ދެއްވި އިންޓަވިއޫއެއްގައި ވިދާޅުވީ އޭރު އޭނާ އުއްމީދުކުރެއްވި ފަދަ ތެދުވެރިކަމެއް ފަހުން އައި ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގައި ނެތް ކަމަށެވެ.
"ހީވެސް ނުކުރާ ވަރުގެ ބޮޑެތި ވައްކަން ސަރުކާރުތަކުން ކުރަނީ،" ވަލީދު ވިދާޅުވިއެވެ.
"އެއެއް ނޫން އަސްލު އަޅުގަނޑުމެން އުއްމީދުކުރި ބަދަލަކީ. އަޅުގަނޑުމެން އުޅުނީ ކޮރަޕްޝަން ނައްތާލަން. ގައުމަށް ތެދުވެރިވާން. އެ ސިފައެއް ނޫނެއްނު ފެންނަނީ."
އެއީ ވަރަށް ބޮޑު ހަގީގަތެކެވެ. ވެރިކަމަށާއި ސިޔާސީ މަގާމުތަކަށް ގިނަ ބަޔަކު އަންނަނީ ހަމަ ސީދާ ވައްކަން ކުރާށެވެ. ރައްޔިތުން ގުނބޯ ހައްދައި, މަގާމުތަކަށް އައިސް, ނުފޫޒު ބޭނުންކޮށްގެން ހޯދަނީ ނުހައްގު މުއްސަނދިކަމެވެ. ދައުލަތުގެ ވަސީލަތާއި މުދާ ބޭނުން ކުރަނީ މަދު ބައެއްގެ އަމިއްލަ މަންފާއަށެވެ. ވައްކަން ނުކުރާ ހަމަ އެއްކަމެއް ވެސް ނެތީއެވެ. ސަލާމަތީ ބާރުތަކުން ފެށިގެން ޝަރުއީ ދާއިރާއަށް ވެސް އެތައް ތުހުމަތުތަކެއް ކުރެވެނީއެވެ. ޕްލޭނެއް, އަމާޒެއް ނެތެވެ. ހުރިހާ ކަމެއްހެން ކުރަނީ އޭރަކު ބޭނުންވާ ސިޔާސީ މަންފާއަށް އެކަނި ވިސްނައިގެންނެވެ.
މި ކަންކަމުގެ ނަތީޖާއަކީ ދުނިޔޭގެ ބޮޑު ކުންފުންޏެއްގެ މުވައްޒަފުންގެ އަދަދަށް ވުރެން އާބާދީ މަދު މި ރާއްޖެ ދަރާ ވިކިފައި ވުމެވެ. ދުނިޔެ މަތީގެ ސުވަރުގޭގެ ގޮތުގައި މަޝްހޫރު އަދި އަހަރެއްގެ މައްޗަށް އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީއެއް ލިބޭ މި ގައުމު މި ހާލަތަށް ދިޔައީ މިސް މެނޭޖުވުމުގެ ސަބަބުންނާއި ވައްކަން ގިނަ ވުމުންނެވެ.
ކަޅު ހުކުރަށް 21 އަހަރު ފުރި, މިއަދުގެ ހާލަތާމެދު ވިސްނާއިރު ހަގީގަތުގައި ގަންނަނީ ލަދެވެ. ވަނީ ދެރައެވެ. އެތައް ބަޔަކު ފުރާނައިން ގުރުބާން ވެގެން ގެނައި ބަދަލުގެ އެންމެ ބޭނުންވާ ނަތީޖާއެއް ނުފެނެއެވެ. އިންސާފުވެރިކަމެއް ގާއިމެއް ނުވެއެވެ. އޭގެ ބަދަލުގައި އިތުރުވީ ވަގުންނެވެ. ހަމަ ފާޅުގައި ވައްކަން ކުރުމެވެ.