ބޮލީވުޑް އެކްޓަރު އަދި ފިލްމު ޑައިރެކްޓަރު އަނޫޕަމް ހޭރްއަށް, ރާޖް ކަޕޫރު އެވޯޑާއެކު ލިބުނު ފައިސާގެ އިނާމު ގާތް އެކުވެރިޔާ އަދި ކުރީގެ އެކްޓަރު ސަތީޝް ކޯޝިކްގެ ހަނދާނުގައި ހޭދަކުރަން ނިންމައިފިއެވެ.
އަނޫޕަމް ބޭނުންވަނީ އެކުވެރިޔާ ސަތީޝްގެ ނަމުގައި 'ސަތީޝް ކޯޝިކް ސްކޮލަޝިޕް' ޕްރޮގްރާމެއް ތައާރަފްކޮށް އެ ފައިސާ ބޭނުންކޮށްގެން ތައުލީމު އުނގެނުމުގެ ފުރުސަތު ލިބުނު ނަމަވެސް މާލީގޮތުން އެކަން ކުރުމުގެ ކުޅަދާނަކަން ނެތް ކުދިންނަށް އެހީވުމަށެވެ.
މި ސްކޮލަޝިޕްގެ ދަށުން އަނޫޕަމް ހިންގާ އެކްޓިންގް ސްކޫލްގެ 'އެކްޓަ ޕްރިޕެއާ' ޕްރޮގްމްގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވިގެންދާނެ ކަމަށް އަނޫޕަމް މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

ބޮލީވުޑް އެކްޓަރު އަނޫޕަމް ހޭރު އަދި އެކްޓަރުގެ ގާތް އެކުވެރިޔާ ކުރީގެ އެކްޓަރު ސަތީޝް ކޯޝަކް--ފޮޓޯ/ޕިންކްވިލާ
މިއީ ފާއިތުވެދިޔަ 20 އަހަރު ދުވަހުތެރޭ ވެސް އަނޫޕަމްގެ އެކްޓިންގް ސްކޫލްއިން ހިންގަމުން އަންނަ ޕްރޮގްރާމަކަށް ވިޔަސް އެކްޓަރެއްގެ ނަމުގައި ފައިސާ އިންވެސްޓްކޮށްގެން މިއީ އެ ޕްރޮގްރާމް ހިންގާ ފުރަތަމަ ފަހަރު ކަމަށް އަނޫޕަމް ވަނީ ބުނެފައެވެ.
ފިލްމު އިންޑަސްޓްރީގައި ތަޖުރިބާހުރި ހުނަރުވެރި އެކްޓަރެއްގެ އިތުރުން އަނޫޕަމްގެ އެންމެ ގާތް އެކުވެރިޔާ ސަތީޝް ކޯޝިކް އަކީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް ކަމަށް އަނޫޕަމް ވަނީ ސިފަކޮށްފައެވެ.
ފިލްމު އިންޑަސްޓްރީގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯދާފައިވާ އެކްޓަރު ސަތީޝް ކޯޝިކް މަރުވެފައި ވަނީ 2023 ވަނަ އަހަރުގެ މާޗް މަހު ހާޓް އެޓޭކެއް ޖެހި ފަރުވާ ހޯދަމުން ދަނިކޮށެވެ.
ސަތީޝް އަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުންގެތެރެއިން އަނޫޕަމްގެ އެންމެ ގާތް އެކުވެރިޔާއެވެ. ސަތީޝް މަރުވުމަށްފަހު އަނޫޕަމް ވަނީ އެކްޓަރުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅާ އެކު ވަގުތު ހޭދަކޮށް އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.