ޝާހިދުގެ 'ރޯމިއޯ'ގެ ކާސްޓަށް ކުޅަދާނަ އެކްޓަރު އަވީނާޝް ތިވާރީ

ފިލްމު "ރޯމިއޯ"ގެ ކާސްޓަށް ގެންނަން ނިންމާފައިވާ އެކްޓަރު އަވީނާޝް ތިވާރީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ޑައިރެކްޓަރު ވިޝާލް ބަރަދްވާޖްއާ އެކު އެކްޓަރު ޝާހިދު ކަޕޫރު ސޮއިކޮށްފައިވާ ފިލްމު "ރޯމިއޯ"ގެ ކާސްޓަށް އެކްޓަރު އަވީނާޝް ތިވާރީ ގެންނަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަވީނާޝް ފިލްމު "ރޯމިއޯ"ގެ ރޯލަކަށް ގެންނަން ނިންމާފައިވާކަން ރިޕޯޓުތަކުން ބުނެފައިވާއިރު އެކްޓަރު ދާދިފަހުން އިއުލާނުކުރި ފިލްމު "ގިނީ ވެޑްސް ސަނީ 2"ގެ ޝޫޓިންގް ނިންމާލިކަން ވެސް އަވީނާޝް ވަނީ އިއުލާނުކޮށްފައެވެ.

މިއީ ޝާހިދާ އެކު އަވީނާޝް އަލަށް ފެންނާނެ ފިލްމު ކަމަށް ވިޔަސް "ރޯމިއޯ"ގެ ބަތަލާއިންގެ ލިސްޓުގައި ހިމެނޭ ތުރިޕްތީ ދިމްރީއާ އެކު އަވީނާޝް ވަނީ ކުރިން މަސައްކަތްކޮށްފައެވެ. އެއީ ފިލްމު "ލައިލާ މަޖްނޫ"އެވެ.

ފިލްމު "ރޯމިއޯ"ގެ މުހިއްމު ތަރިން ކަމަށްވާ ތުރިޕްތީ ދިމްރީ އަދި ޝާހިދު ކަޕޫރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުން އަވީނާޝް ފިލްމަށް ސޮއިކުރުމަށްފަހު ޝާހިދާ އެކު ކުޅޭ މަންޒަރުތައް ޝޫޓް ކުރަން ސްޕެއިންއަށް ފުރަން ވަނީ ތާވަލުކޮށްފައެވެ.

ޝާހިދު ގޭންގް ސްޓައިލްގައި ފެންނާނެ "ރޯމިއޯ"ގައި އަވީނާޝް ފެންނާނެ ކެރެކްޓާއާ ގުޅޭގޮތުން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައި ނުވާއިރު ފިލްމުގައި އެކްޓަރު ކުޅެން ހަމަޖެހިފައި ވަނީ މީގެކުރިން ނުފެންނަ ކަހަލަ ވަރަށް ތަފާތު ކެރެކްޓާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަވީނާޝް އަކީ އަބަދުވެސް ވަރަށް ތަފާތު ރޯލްތައް ކުޅެ އާއްމުންގެ ތަރުހީބު ހޯދާފައިވާ އެކްޓަރެއް ކަމުން މި ފިލްމުގައި ވެސް އޭނާ ދައްކާލާނީ އެފަދަ ރޯލަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމުތަކުގެ އިތުރުން ބައެއް ޓީވީ ސީރީސްތަކުންނާއި ޑިޖިޓަލް ކޮންޓެންޓްތަކުން ފެނިފައިވާ އެކްޓަރުގެ ކެރިއަރުގެ މުހިއްމު ފިލްމުތަކުގެތެރޭ "ބުލްބުލް"، "ސިކަންދަރު ކާ މުގައްދަރު" އަދި "ކާކީ: ދަ ބިހާރު ޗެޕްޓާ" ހިމެނެއެވެ.

comment ކޮމެންޓް