ލ. ކައްދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް ކައްދޫ އެއަޕޯޓަށް ދާން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން މިރޭ 19:18 ހާއިރު ރިޕޯޓުކުރި ކަމަށެވެ.
މި އެކްސިޑެންޓުގައި ކަފިހި ހުރަހުން މަގު ހުރަސްކުރި ދެ އަންހެނުންނަށާއި ސައިކަލުގައި ތިބި ދެ މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިރޭ މަރުވެފައިވާކަމަށެވެ. މަރުވި އަންހެން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.
އަދި އެކްސިޑެންޓު ހިނގިއިރު ސައިކަލު ދުއްވަން ތިބި ދެ މީހުންނާ ގުޅޭ ތަފްސީލު ވެސް ފުލުހުން ހާމައެއް ނުކުރެެއެވެ.
ފުލުހުން އެ މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ.
މި ފަހުން ލ. ލިންކު ރޯޑުގައި ނުރައްކާތެރި އެކްސިޑެންޓުތަކެއް ވަނީ ހިނގައިފައެވެ.
އެގޮތުން އިއްޔެ ވަނީ އެ އަތޮޅު ގަމުގައި މިދިޔަ މަހުގެ ހަވަނަ ދުވަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައެވެ.