ބޯހިޔާވަހިކަމަށް ޕޮއިންޓް ދޭގޮތުގެ ތަފުސީލު ހާމަކުރަން ޖެހޭ އިސްލާހެއް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ): ސޯޝަލް ހައުސިންގެ ދަށުން ޕޮއިންޓް ލިބޭގޮތުގެ ތަފުސީލު ހާމަކުރަން ޖެހޭގޮތަށް ހެދުން ބޯހިޔާވަހިކަމުގެ ބިލުގައި ހިމެނުމަށް ވަނީ ހުށަހަޅުއްވައިފަ -- ފޮޓޯ/ މަޖިލީސް

ސަރުކާރުން ހިންގާ ސޯޝަލް ހައުސިން ސްކީމެއްގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދޭ އުސޫލު ހިމެނޭހެން، ހައުސިން ސްކީމްތަކަށް ކުރިމަތިލާ މީހުންގެ ތަފުސީލު ހާމަކުރަން ޖެހޭ ގޮތަށް ހެދުމަށް އެދި، ބޯހިޔާވަހިކަމުގެ ބިލަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ބޯހިޔާވަހިކަމުގެ ބިލަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)އެވެ.

ކުޑޫ ހުށަހެޅުއްވީ ސޯޝަލް ހައުސިން ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ލިސްޓެއް އާންމުކޮށް، އެ ލިސްޓުގައި ސްކީމަކަށް ކުރިމަތިލާ މީހާގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި، ޝަރުތު ހަމަވެފައިވޭތޯ އާއި ނުވޭތޯ އާއި، ޕޮއިންޓް ލިބުނު ގޮތުގެ ތަފުސީލު އާންމުކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށެވެ.

މިދިޔަ އޭޕްރިލް މަހުގެ 22ވަނަ ދުވަހު ސަރުކާރުގެ ފަރާތުން މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދު ހުށަހެޅުއްވި ބޯހިޔާވަހިކަމުގެ ބިލުގައިވާ ގޮތުން، ބޯހިޔާވަހިކަމަށް ބޭނުންވާ މީހުންގެ ދަފުތަރެއް އެކުލަވާލަންވާނެއެވެ. އަދި ދަފުތަރުކުރެވިފައިވާ މީހުންގެ މައުލޫމާތު އާންމުކުރަންވާނީ ޒާތީ މައުލޫމާތު ނުހިމެނޭ ގޮތަށް ކަމަށް، އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

މިވަގުތު ކޮމިޓީ މަރުހަލާގައި އޮތް އެ ބިލާ ގުޅޭގޮތުން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން ދަ ޑިމޮކްރެޓްސްގެ ފަރާތުން މިދިޔަ މޭ މަހުގެ 20ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ބިލަކީ ހަމަހަމަ ކަމާއެކު ދެމެހެއްޓެނިވި މަގެއްގައި ދުރުރާސްތާގެ ބޭނުންތަކަށް އަދި މަސްލަހަތުތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން އެކުލަވާލާފައިވާ ބިލެއް ނޫން ކަމަށެވެ.

އެގޮތުން، ލާމަރުކަޒީ ގާނޫނާއި އެ ބިލު ފުށުއެރުމާއި ބޯހިޔާހިކަން ލިބޭ ފަރާތްތަކުގެ ހައްގުތައް އެކަށީގެންވާ ގޮތެއްގައި އެ ބިލުން ރައްކާތެރިކޮށްނުދޭ ކަމަށް، އެ ބަޔާނުގައިވެއެވެ. އެއާއެކު، އެ ބިލުގައި ހުރި މައްސަލަތަކެއް ކަމަށް ޑިމޮކްރެޓްސްއިން ފާހަގަކޮށްފައިވަނީ:

  • ލޯކަލް ކައުންސިލްތަކަށް ހައުސިން މަޝްރޫއުތައް ކޮމިޝަންކުރުން އެ ބިލުން މަނާކުން
    މިނިސްޓްރީން ހިތުހުރި ގޮތަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކޮމިޝަންކޮށް ހިންގޭނެ ގޮތަށް ބިލު އޮތުން
  • ފެންވަރު ދެރަ ބޯހިޔާވަހިކަމުގެ މިންގަނޑެއް އެ ބިލުން ލާޒިމުކުރުން
  • ދިރިއުޅުމުގެ ފެންވަރު ބަދަލުވުމުގެ ސަބަބުން އެހެން ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ގްރެޖުއޭޓުވެވޭނެ ފަދަ ސޯޝަލް މޮބިލިޓީގެ މަގުތަކެއް ބިލުގައި ނެތުން.
  • ވަގުތީ ގޮތުން ހާލަތު ރަނގަޅުވަންދެން ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކައުންސިލް ހައުސިން ފަދަ ނިޒާމެއް ބިލުގައި ނެތުން
  • ސޯޝަލް ހައުސިން ލިބޭ ފަރާތްތަކުގެ ކިބައިން އެ ތަން އަތުލާނަމަ، ޝަރުއީ މަރުހަލާއެއް ފުރިހަމަކުރަން ނުޖެހޭ ގޮތަށް އޮތުން
  • ފައިސާ ދައްކައި ޚަލާސްކޮށް، މިލްކުވުމުން ވެސް އެ ތަނެއް ކުއްޔަށް ދޫކުރުން އެ ބިލުން މަނާކުރުން
  • ބޯހިޔާވަހިކަމުގެ ދަފުތަރު ހާމަކުރަން ނުޖެހޭ ގޮތަށް ބިލު އޮތުން

މީގެ އިތުރުން ވެސް، ސޯޝަލް ހައުސިން ޕްރޮގްރާމް ތަފުސީލުކޮށްފައި ނެތުމާއި، ބިލުގައި ގިނަ އަދަދަކަށް "އެކަށީގެންވާ" ބޭނުންކޮށްފައިވާއިރު، އެ ލަފުޒު ތަފުސީލުކޮށްފައި ނެތުން ފަދަ ކަންބޮޑުވުންތައް ޑިމޮކްރެޓްސްއިން ފާހަގަކޮށްފައިވެއެވެ.

ކުޑޫ މި އިސްލަހު ހުސަހެޅުއްވީ، ސަރުކާރުން އެފްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާންމުނުކުރާތީ އެކަމުގެ ކަންބޮޑުވުން ވެސް ބޮޑުވެފައި ވަނިކޮށެވެ.

comment ކޮމެންޓް