އާމިރުގެ ކޮއްކޮ ފައިސަލް އާއިލާއާ ގުޅުން ކަނޑާލައިފި

އާމިރު ޚާން އަދި ކޮއްކޮ ފައިސަލް ޚާން--ފޮޓޯ/ޕިންކްވިލާ

އިންޑިއާގެ މަޝްހޫރު އެކްޓަރު އާމިރު ޚާންގެ ކޮއްކޮ ފައިސަލް ޚާން އާއިލާއާ އެކު އޮތް ގުޅުން ނިމުމަކަށް ގެނެސް މީގެ ފަހުން އެއީ އާމިރު ޚާންގެ އާއިލާއަށް ނިސްބަތްވާ މީހެއް ކަމަށް ދެކިގެންނުވާނެ ކަމަށް ބުނެ އެކަން އިއުލާނުކޮށްފިއެވެ.

އާމިރާ އެކު ފިލްމު "މޭލާ"ގެ ރޯލަކުން ފެނުނު އެކްޓަރު އާއިލީ ގުޅުން ކަނޑާލިކަން އިއުލާނުކޮށްފައިވަނީ އެ އާއިލާއާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއްކޮށް އެ ވާހަކަތައް ޕަބްލިކް ޕްލެޓްފޯމެއްގައި ހިއްސާކުރިތާ ދުވަސްތަކެއް ފަހުންނެވެ.

ދާދި ފަހުން ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ފައިސަލް ޚާން ބުނެފައިވަނީ، ފާއިތުވި އަހަރުތަކުގައި އާމިރުގެ އާއިލާގެ މެންބަރުން އޭނާއާ މެދު ކަންތައްކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.

އެގޮތުން، އަހަރުތަކެއް ވަންދެން ފައިސަލް ގޭގައި ބަންދުކޮށްފައި ބެހެއްޓި ކަމަށާއި ނަފުސާނީ ބައްޔަށް ފަރުވާދޭ ހޮސްޕިޓަލެއްގައި އެޑުމިޓުކޮށް އެ ތަނުގައި ވެސް ދުވަސްތަކެއް ވަންދެން އާއިލާއިން އޭނާ ގެންގުޅުނު ކަމަށް ފައިސަލް ވަނީ ބުނެފައެވެ.

ފައިސަލް ޚާން އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާންއާ އެކު އާމިރުގެ އަންހެން ދަރިފުޅު އިރާ ޚާންގެ ކައިވެނީގެ ހަފްލާގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފައިސަލްގެ މި އިންޓަވިއުއާ ގުޅިގެން އާމިރުގެ އާއިލާއިން ވަނީ ފައިސަލް ދެއްކި ވާހަކަތަކާ މެދު ކަންބޮޑުވުން ފާޅުކޮށް އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އާމިރުގެ އާއިލާގެ ވަރަށް ގިނަ ބަޔަކު ހިމެނޭހެން ނެރުނު މި ބަޔާނުގައި ބުނެފައިވާ ގޮތުގައި ފައިސަލަށް ފަރުވާ ދިނީ އޭނާއަށް ދިމާވި ސިއްހީ މައްސަލަތަކާ ގުޅިގެން ޑޮކްޓަރުންގެ އިރުޝާދުގެ ދަށުންނެވެ. އާމިރުގެ އާއިލާއިން ބަޔާނެ ނެރުނުތާ މާ ގިނަ ދުވަހެއް ނުވަނީސް އިއްޔެގެ ވަގުތެއްގައި ފައިސަލް ވަނީ އެ އާއިލާއާ އެކު އޮތް ގުޅުން ކަނޑާލިކަން އިއުލާނުކޮށް އާއިލާގެ މުދަލުން ވެސް ބައެއް ބޭނުންނުވާ ކަމަށް ބުނެ ބަޔާނެ ނެރެފައެވެ.

އެއީ މިހާރު ދުނިޔެ ދޫކޮށްފައިވާ އޭނާގެ ބައްޕަ ތާހިރު ހުސައިނާއި މަންމަ ޒީނަތު ތާހިރު ހުސެއިންގެ ދަރިއެއް ނޫން ކަމަށާއި އެ އާއިލާއިން އޭނާއަށް ލިބެންޖެހޭ އެއްވެސް ހައްގެއް އަދި ތަރިކަ މުދަލެއް ހޯދުމަށް އޭނާ ދައުވާ ނުކުރާނެ ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ފައިސަލްގެ މި ނިންމުމަކީ މީގެ ކުރިން އެ އާއިލާގެ މެންބަރުން އޭނާއާ މެދު އަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށާއި އާއިލާއާ އެކު އޮތް ގުޅުން ދާއިމަށް ކަނޑާލަން ނިންމީ އެކަމާ މެދު ވަރަށް ފުންކޮށް ވިސްނުމަށް ފަހު ކަމަށް ފައިސަލް ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން އާމިރުގެ އާއިލާއިން މިހާތަނަށް ރަސްމީ އަދި ނުރަސްމީ ސިފައެއްގައި ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް