ސްކޭރީ މޫވީގެ އާ ބައެއް، އޮރިޖިނަލް ކާސްޓާ އެކު

މަޝްހޫރު ބޮޑެތި ބިރުވެރި ފިލްމުތަކަށް ޖޯކު ޖަހައި ކޮމެޑީ ފިލްމު ފްރެންޗައިޒް ކަމަށްވާ "ސްކޭރީ މޫވީ"ގެ އާ ބަައެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

އަނާ ފާރިސްއާއި ރެޖީނާ ހޯލް ލީޑުން ފެނިގެންދާ މި ފިލްމު ފްރެންޗައިޒްގެ ހަވަނަ ބައެއް ނެރެން އުޅޭކަން ދާދިފަހުން ޕްރޮޑަކްޝަން، ޑައިމެންޝަން ފިލްމުން ވަނީ ހާމަކޮށްފައެވެ.

އެ ދުވަސްވަރު ނެރޭ ބިރުވެރި ފިލްމުތަކަށް ހަޖޫ ޖަހައި ގިނަ ފިލްމުތައް އެއްކޮށްލައިގެން ނެރޭ މި ކޮމެޑީ ފިލްމު ފްރެންޗައިޒްއަކީ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފްރެންޗައިޒެކެވެ. މިހާރު ވެސް ގިނަ ބަޔަކު ބަލަމުން އަންނަ މި ފްރެންޗައިޒްގެ އެންމެ ފަހުން ބައެއް ނެރެފައިވަނީ 2013 ވަނަ އަހަރެވެ.

ނަމަވެސް، މިހާރު ތައްޔާރުވަނީ އަންނަ އަހަރަށް އާ ފިލްމެއް ނެރުމަށެވެ. ފިލްމު ނެރޭނެ ސީދާ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި ފިލްމުގެ މަސައްކަތް ފަށާފައިވާއިރު އަނާއާއި ރެޖީނާ މި ފިލްމުން ފެންނާނެކަން ޕްރޮޑަކްޝަނުން ކަށަވަރުކޮށްދީފައިވެއެވެ.

ސްކޭރީ މޫވީގެ އެންމެ ފުރަތަމަ ފިލްމެއް ރިލީޒްކޮށްފައިވަނީ 2000 ވަނަ އަހަރެވެ. އެއާއެކު އެތައް ބަޔަކު މުޅި ފްރެންޗައިޒަށް ތައުރީފުކުރިއެވެ. މި ފްރެންޗައިޒްގައި ހޮލީވުޑްގެ ބޮޑެތި ބިރުވެރި ފިލްމު ފްރެންޗައިޒްތަކަށް ފާޑުކިޔައި ޖޯކު ޖަހާފައިވެއެވެ. އޭގެ ތެރޭގައި "އީވިލް ޑެޑް"އާއި "ޕެރަނޯމަލް އެކްޓިވިޓީ" ފަދަ ފްރެންޗައިޒްތައް ހިމެނެއެވެ. އޭގެ އިތުރުން، "ބްލެކް ސްވޯން" އާއި "އެކްސިޒަމް ފަދަ ފިލްމުތަކަށް ވެސް މި ފްރެންޗައިޒްގައި ހަޖޫ ޖަހާފައިވެއެވެ.

comment ކޮމެންޓް