ޝްރެކްގެ ފަސްވަނަ ބައި ތިންވަނަ ފަހަރަށް ޑިލޭކޮށްފި

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޑްރީމް ވޯކްސް އެންޓަޓެއިންމަންޓްގެ އެނިމޭޓަޑް ފިލްމު "ޝްރެކް 5" ރިލީޒްކުރުން އަނެއްކާ ވެސް ޑިލޭކޮށްފިއެވެ.

ފުރަތަމަ މި އަހަރުގެ ފަހުކޮޅަށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ޝްރެކްގެ ފަސްވަނަ ބަޔަކީ އެކި އުމުރުގެ މީހުން ބަލަން ކެތްމަދުވެފައިވާ ފިލްމެކެވެ. އެގޮތުން، ފުރަތަމަ ފިލްމު ޑިލޭކުރީ އަންނަ އަހަރުގެ ޖުލައި މަހަށެވެ. އެއަށް ފަހު ފިލްމު ޑިލޭކޮށްފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރަށެވެ.

ޑިސެމްބަރަށް ފިލްމު ޑިލޭކުރިކަން އިއުލާނުކޮށްފައިވަނީ މީގެ ފަސްވަރަކަށް މަސް ކުރީންނެވެ. މިހާރު އަނެއްކާ ވެސް ޑްރީމް ވޯކްސްއިން ފިލްމު ފަސްކޮށްފައިވެއެވެ. މިހާރު ފިލްމު ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ 2027 ވަނަ އަހަރުގެ ޖޫން 30 އަށެވެ.

މި ފިލްމު އެވަރަށް ފަސްކުރަމުން ގެންދާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ޝްރެކް ފްރެންޗައިޒްއަކީ ގިނަ ދުވަހެއް ވީއިރުވެސް މީހުން މެދު ކެނޑުމެއް ނެތި ބަލަމުން އަންނަ ފްރެންޗައިޒްއެކެވެ. އަލަށް ނެރުމަށް ހަމަޖެހިފައިވާ ފިލްމުގައި ފިލްމުގެ އޮރިޖިނަލް ކާސްޓު ބައިވެރިވާނެއެވެ. އެގޮތުން، ޝްރެކްގެ ރޯލުން މައިކް މަޔާސް ފެންނާނެ ކަމަށް ބުނެފައިވާއިރު، ޑޮންކީގެ ރޯލުން އެޑީ މާފީ ފެންނާނެއެވެ. އަދި، ފިއޯނާގެ ރޯލުން ކެމެރަން ޑިއާޒް ވެސް ފެންނާނެ ކަމަށް ވަނީ ޕްރޮޑަކްޝަނުން އިއުލާނުކޮށްފައެވެ.

ޝްރެކް، ފިއޯނާ އަދި ޑޮންކީގެ ރޯލުތައް އެ ފިލްމުން ފެންނާނެކަން ޔަގީންވެފައިވީ ނަމަވެސް ޝްރެކްގައި "ޕުސް އިން ބޫޓްސް"ގެ ފެނިލުމެއް ފެންނާނެކަމުގެ ޔަގީންކަމެއް ނެތެވެ.

އެންމެ ފަހުން ޝްރެކްގެ ފިލްމެއް އާއްމުންނާ ހަމައަށް އައިސްފައިވަނީ 2010ވަނަ އަހަރެވެ. އެ ފިލްމަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. މި ފްރެންޗައިޒްގެ ދަށުން ނެރުނު އޮރިޖިނަލް ހަތަރު ފިލްމުގެ އާމްދަނީ އެއް ބިލިއަން ޑޮލަރުން މައްޗެވެ. އަދި ފްރެންޗައިޒްގެ ސްޕިން އޮފް ފިލްމެއް ވަނީ 2022ވަނަ އަހަރު ނެރެފައެވެ. މި ފިލްމަށް ވަނީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

comment ކޮމެންޓް