ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ދޫކުރާ ޖަޕާން ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) ސްކޮލަޝިޕްގެ ފުރުޞަތުތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން ސެންޓަރު (ޖައިސް) އަކީ ތަރައްްްގީވަމުން އަންނަ ގައުމުތަކުގެ އެކި ދާއިރާތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެހެން ގައުމުތަކަށް ސްކޮލަޝިޕްގެ އިތުރުން މަސައްކަތުގެ ތަޖުރިބާ ބަދަލުކުރެވޭ، ތަމްރީންތައް ދޭ ޖަމިއްޔާއެކެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާއިން ބުނީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން ސެންޓަރު (ޖައިސް)ގެ ބޭފުޅުންނާއި އެކު، ޖޭޑީއެސް ސްކޮލަޝިޕާ ގުޅޭގޮތުން މަޝްވަރާތަކެއް ކޮށްފައިވާކަމަށެވެ.
އެ ވުޒާރާއިން ބުނި ގޮތުގައި މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަދި ޖައިސްގެ މިންގަނޑުތަކާއި ޝަރުތުތަކާ ހުރި ތަފާތުތަކާ ބެހޭ ގޮތުންނެވެ.
މީގެ އިތުރުން ޖޭޑީއެސްގެ ރިޕޯޓު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް މަތީ ތައުލީމާއި ބެހޭ ވުޒާރާއަށް ދައުވަތު ދިނުމާއެކު، އެ ރަސްމިއްޔާތުގެ އެޖެންޑާ އާއި ގުޅޭގޮތުން ހިޔާލުބަދަލުކޮށް މަޝްވަރާވަނީ ކޮށްފައެވެ.
ޖަޕާންގެ ފަރާތުން ދޭ ޖޭޑީއެސް، ސްކޮލަޝިޕްގެ ދަށުން، 2020ވަނަ އަހަރުން ފެށިގެން 22 ދިވެހި ދަރިވަރުންނަށް ވަނީ ޖަޕާނުގެ އެކި ޔުނިވާސިޓީތަކުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިފައެވެ.