ތުރުކީއާ އެކު ދިފާއީ ގުޅުން ވަރުގަދަކުރަން މަޝްވަރާކޮށްފި

ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރ، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން--ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއާއި ތުރުކީއާ ދެމެދު ދިފާއީ ގުޅުން އިތުރަށް ބަދަހިކުރަން މިއަދު މަޝްވަރާކުރައްވައިފިއެވެ.

ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރް ޔިލްޑްޒް މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. ރައީސް އޮފީހުން ބުނީ، އެ ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދިފާއީ ގުޅުން ހަރުދަނާކުރަން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ތުރުކީން ރާއްޖެއަށް ހަދިޔާކުރެއްވި މަނަވަރާއި، ދިފާއީ ދާއިރާއަށް ތުރުކީން ދޭ އެއްބާރުލެއްވުން ފާހަގަކުރައްވައި އެ ކަމަށް ޝުކުރުއަދާކުރައްވާފައެވެ. ތުރުކީން ހަދިޔާކުރި މަނަވަރަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ރަމްޒެއް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުން--ފޮޓޯ/ ރައީސް އޮފީސް

ތުރުކީ ނޭވީގެ ފްލީޓް ކޮމާންޑަރު އެޑްމިރަލް ކާދިރް ޔިލްޑްޒް ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި، ރާއްޖޭގެ ސަލާމަތީ ބާރުތައް ހަރުދަނާކުރަން ތުރުކީން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އަބަދު ވެސް ތައްޔާރަށް ތިއްބެވި ކަމަށް އެޑްމިރަލް ޔިލްޑްޒް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުން އަންނަނީ ތުރުކީއާ އެކު ގާތްގުޅުމެއް ބާއްވަމުންނެވެ. ރައީސް މުއިއްޒު ހުވާކުރެއްވުމަށް ފަހު ފުރަތަމަ ވަޑައިގެންނެވީ ވެސް ތުރުކީއަށެވެ.

comment ކޮމެންޓް