ސައޫދީ އަރަބިއްޔާއާއި ޕާކިސްތާނާއެކު އެކުލަވާލާފައިވާ މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓަށް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ރުހުން ދީފިއެވެ.
ސައުދީއާއި ޕާކިސްތާނާއި ތުރުކީން މައްކާ ދީފާއި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޯގަސްޓު މަހުގެ ހަތެއްގައެވެ. އެ އެއްބަސްވުން ތުރުކީގެ ޕާލަމެންޓަށް ހުށަހެޅީ މިދިޔަ މަހުގެ 20 ގައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 592 މެންބަރުން ހިމެނޭ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ 398 މެންބަރުން ބައިވެރިވި މި ވޯޓުގައި އެއްބަސްވުން ފާސްވީ 279 މެންބަރުންގެ ތާއީދާއެކުގައެވެ. އެ އެއްބަސްވުމާ ދެކޮޅަށް ވޯޓު ދިނީ 119 މެންބަރުންނެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، 16 މާއްދާގެ މައްޗަށް އެކުލެވޭ މި އެއްބަސްވުމުގައި ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ) ގެ ފަސްވަނަ މާއްދާއާ އެއްގޮތަށް، ގުޅިގެން ދިފާއުވުމުގެ މާއްދާއެއް ހިމެނެއެވެ. އެ އެއްބަސްވުމުގެ ފުރަތަމަ މާއްދާގައިވާ ގޮތުން، ބައިވެރިވާ ގައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި ސަރަހައްދީ ރައްކާތެރިކަމަށް ކުރިމަތިވާ ނުރައްކާތައް ނައްތާލުމަށް ހުރިހާ ވަސީލަތެއް ބޭނުންކުރަން ޖެހެއެވެ. އަދި ދެވަނަ މާއްދާގައިވާ ގޮތުން، އެއްވެސް ގައުމަކަށް ހަތިޔާރުއެޅި ހަމަލާއެއް ނުވަތަ އަސްކަރީ އުދުވާނެއް ކުރިމަތިވެއްޖެ ނަމަ، ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ވަގުތުން އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.
މީގެ އިތުރުން، ތިންވަނަ މާއްދާގެ ދަށުން ދިފާއީ ސިނާއަތާއި ސަލާމަތީ ކަންކަމުގައި ގުޅުން ބަދަހިކޮށް، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމާއި، ޓެކްނޮލޮޖީގެ އާ އީޖާދުތައް ހޯދުމާއި، ލޮޖިސްޓިކްސް އަދި އިންޓެލިޖެންސް ހިއްސާކުރުން ހިމެނެއެވެ. ދިހަ އަހަރުގެ މުއްދަތަށް ދެމިއޮންނަ މި އެއްބަސްވުމުގައި، މިހާރު ތިބި މެންބަރުންގެ ރުހުމާއެކު އެހެން ގައުމުތަކަށް ވެސް ބައިވެރިވެވޭނެ ކަމަށް އޮތްއިރު، ސީރިއާގެ ސަރުކާރުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނޭޓޯގައި ހިމެނޭ ތުރުކީން މި އެއްބަސްވުމުގައި ބައިވެރިވުމުން، އަސްކަރީ ވަސީލަތްތައް ބެހުމުގައި މަސްލަހަތު ފުށުއަރާފާނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވެއެވެ. ނަމަވެސް ތުރުކީގެ އޮފިޝަލުން ވަނީ އެކަން ދޮގުކުރައްވާފައެވެ.
ތުރުކީގެ ޑިފެންސް މިނިސްޓަރު ޔާޝާރު ގުލާ ވިދާޅުވި ގޮތުގައި، ސައޫދީ އަރަބިއްޔާއަށް ދޭނެ އެހީތެރިކަމުގެ ދާއިރާ ކަނޑައަޅާނީ އެއްބަސްވުން ތަސްދީގުކުރުމަށްފަހުގައި ކަމަށެވެ. އަދި ހޫޘީންނާ ދެކޮޅަށް އެއްވެސް ކުރިމަތިލުމަކަށް ދިއުމަށް ނުވިސްނަވާ ކަމަށާއި، ތުރުކީގެ އެހީތެރިކަން އޮންނާނީ ހަމަލާތައް ހުއްޓުވުމުގެ ގާބިލުކަން ވަރުގަދަކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ އެއްބަސްވުން ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައި މިވަނީ، ހޫޘީން ސައުދީއަށް ދޭ ހަމަލާތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.