ދެ ދުވަސް ކުރިން ހައްޔަރުކުރި މީހަކު ބަންދުގައި ހުއްޓައި މަރުވެއްޖެ

ޝަހީދު ހުސައިން އާދަމް ބިލްޑިން: ދެ ދުވަސް ކުރިން ހައްޔަރުކޮށް، ބަންދުކުރި މީހަކު ޖަލުގައި މަރުވެއްޖެ-- ސަން ފޮޓޯ/ ނާޢިޝް ނާހިދު

މީގެ ދެ ދުވަސް ކުރިން ހައްޔަރުކުރި މީހަކު ފުލުހުންގެ ބަންދުގައި ހުއްޓައި މިއަދު ހެނދުނު މަރުވެއްޖެއެވެ.

ބަންދުގައި ހުއްޓައި މަރުވީ، ގ. ޒާމިޔާ، އުމުރުން 48 އަހަރުގެ އަހުމަދު އަފްރާހެވެ. އޭނާ ހައްޔަރުކޮށް ބަންދުކުރީ މީގެ ދެ ދުވަސް ކުރިން މި މަހުގެ 15 ގައެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، އަތޮޅުވެހީގެ ހަތް ނަމްބަރު ގޮޅީގައި ބަންދުގައި ހުރި އަފުރާހުގެ ހާލަތު ފަތިހު 05:50 ހާއިރު ބެލިއިރު، ހަރާކާތް ހުއްޓިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.

އެހެންވެ، އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އޭރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާ މިހާރު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެއިތުރަށް ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ކުރިއަށް ގެންދާ ކަމަށް ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަނުންނެވެ.

މީގެކުރިން ވެސް ޖަލު ބަންދުގައި ތިބި މީހުން މަރުވެފައި އެބަހުއްޓެވެ.

އެގޮތުން އަންހެނަކު ރަހީނު ކުރި މައްސަލައިގައި ހައްޔަރުކޮށްފައި ހުއްޓައި އާދަމް އަތުހަރު ވަނީ ސެޕްޓެމްބަރު ހައެއް، 2024ގައި މަރުވެފައެވެ.

ފުލުހުން ބުނީ، އަތުހަރު މަރުވީ ދަންޖެހިގެން ކަމަށް އޭނާގެ އޮޓޮޕްސީގެ ނަތީޖާއިން ދައްކައިފައިވާ ކަމަށެވެ.

https://www.sun.mv/196893

ފާހަގަކުރެވޭ ގޮތުގައި، ޖަލުގައި މަރުވާ މީހުންގެ އާއިލާއިން ގަބޫލުނުވިޔަސް ޕޯސްޓްމޯޓެމް ހަދަން މީގެ ކުރިން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް