އިންޑިއާގެ މަގުބޫލު އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ލިޔެ ޑައިރެކްޓްކޮށްފައިވާ ސީރީސް "ބޭޑްސް އޮފް ބޮލީވުޑް"ގެ ފަސްޓް ލުކް ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ސީރީސްގެ ޓީޒާ ދައްކާލުމާއެކު ގިނަ ބަޔަކު ބުނެފައި ވަނީ އަރިއަން އަކީ އެކްޓިންގް ހުނަރުން ވެސް ފައްކާވެ އެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެވިދާނެ ޒުވާނެއް ކަމަށެވެ.
ޝާހްރުކް ޚާން އެކްޓަރަށް ސަޕޯޓުކުރާ ފަރާތްތަކާ އެކު އެކްސް އެކައުންޓު މެދުވެރިކޮށް ކުރިއަށްގެންދިޔަ 'އާސްކްއެސްއާރުކޭ' ސެޝަނެއްގައި ވެސް ގިނަ ބަޔަކު ޝާހުއާ ސުވާލުކުރީ ދަރިފުޅު އެކްޓަރެއްގެ ގޮތުގައި ފެންނާނެ އިރަކާ ބެހޭގޮތުންނެވެ.
މި ސެޝަންގައި ސަޕޯޓަރަކު ވަނީ އަރިއަން އެކްޓަރެއްގެ ގޮތުގައި ލޯންޗުކުރުމަށް ޝާހު ޕްލޭންކުރަންތޯ އަހާ ސުޕަހީރޯ ފިލްމަކުން އަރިއަން ފެނުމަކީ އޭނާ ވަރަށް ދެކެން ބޭނުންވާ ދުވަހެއް ކަމަށް ބުނެފައެވެ.

ޝާހް ދަރިފުޅު އަރިއަން، ސުހާނާ އަދި އަންހެނުން ގޯރީ ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ
އެ ސުވާލަށް ޖަވާބު ދެމުން ޝާހު ބުނީ، މިވަގުތު ހަމައެކަނި ބެލުންތެރިންގެ ލޯބި އަރިއަން ދޭންވީ "ބޭޑްސް އޮފް ބޮލީވުޑް"ގެ ޑައިރެކްޓަރުގެ ހައިސިއްޔަތުން ކަމަށާއި އިތުރު އެކްޓަރަކު އާއިލާއިން ތައާރަފްކޮށްފިނަމަ ގޭތެރޭގައި އޮންނަ ވާދަވެރިކަން މާބޮޑުވާނެ ކަމަށެވެ.
ގޭތެރޭގައި އެކަކު އަނެކަކުގެ މެދުގައި އިތުރަށް ވާދަވެރިކަމެއް ބޭނުންނުވާ ކަމަށް ޝާހު ބުނިއިރު އެކްޓަރު އަންނަނީ ދަރިފުޅު ސުހާނާ ޚާންގެ ފުރަތަމަ ބޮޑު ސްކްރީން ފިލްމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަރިއަންގެ "ބޭޑްސް އޮފް ބޮލީވުޑް"ގެ ސީރީސް އަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ވަރަށް ގިނަ ފިލްމީ ތަރިން ފެންނާނެ ސީރީސްއެއް ކަމަށާއި އެ ސީރީސްގެ ކެމޯއަކުން ޝާހު ފެންނާނެ ކަމަށާއި އެއީ ބައްޕައަކަށް ވުމުން އޭނާއަށް ލިބިފައިވާ ހައްގެއް ކަމަށް ޝާހު ވަނީ މި ސެޝަންގައި ބުނެފައެވެ.
ޝާހުގެ މަޝްހޫރު ފިލްމު "މުހައްބަތޭން"ގެ މަޝްހޫރު ލަވަ 'ހަމް ކޯ ހަމީ ސޭ ޗުރާލޯ'ގެ މިއުޒިކާ އެކު އަރިއަންގެ ސީރީސްގެ ޓީޒާ ފެށިގެން އަންނައިރު އިވިގެން ދަނީ ވެސް ބައްޕަ ޝާހުގެ އަޑެވެ.
މި ސީރީސްގެ ލީޑް ރޯލްއިން ފެންނާނީ ދަރުމާއިން ގެނެސްދިން ފިލްމު "ކިލް"ގެ ލީޑް އެކްޓަރު ލަކްޝް ލަލްވާނީ އަދި ބަތަލާ ސަހެރް ބާމްބާއެވެ. ބޮލީވުޑްގެ ވާހަކަތަކެއް ކިޔައިދޭނެ މި ސީރީސް ޕްރީމިއާ ކުރާނެ ތާރީޚެއް އިއުލާނުކޮށްފައި ނުވާއިރު މީގެ ހާއްސަ ޕްރިވިއުއެއް މި މަހުގެ 20 ވަނަ ދުވަހު ގެނެސްދޭނެކަން ނެޓްފްލިކްސްއިން ވަނީ އިއުލާނުކޮށްފައެވެ.