ފިލްމު 'ކޫލީ' ކުޅެން އެއްވެސް ފީއެއް ނުނަގާ ކަމަށް އާމިރު ބުނެފި

ބޮލީވުޑް އެކްޓަރު އާމިރު ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކަށް ގެނައި ތަމަޅަ ފިލްމު "ކޫލީ"ގައި ކުޅުނު ރޯލަށް އެއްވެސް ފީއެއް ނުނަގާ ކަމަށް ބޮލީވުޑް އެކްޓަރު އާމިރު ޚާން ބުނެފިއެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި އާމިރު ބުނީ އިންޑިއާގެ ސައުތު ސިނަމާގެ ލެޖެންޑު އެކްޓަރު ރަޖްނީކާންތާ އެކު ކުޅޭ ފިލްމަކަށް އަގުކިޔުމުގެ ހައިސިއްޔަތެއް އޭނާގެ ނެތް ކަމަށެވެ.

އެ ފިލްމުގައި އާމިރުގެ ކެރެކްޓާ އަކީ ކުޑަ ވަގުތުކޮޅަކަށް ދައްކާލި ކެރެކްޓާއެއް ނަމަވެސް ފިލްމުގެ ޕްލޮޓަށް އެއީ ވަރަށް މުހިއްމު ރޯލެކެވެ. ރަޖްނީކާންތު ފަދަ ބެލުންތެރިންގެ ލޯތްބާއި އިހުތިރާމް ލިބިފައިވާ އެކްޓަރަކާ އެކު ސްކްރީން ހިއްސާކޮށްލަން ލިބޭ ފުރުސަތަކީ އެއީ ފައިސާއަށް ވުރެ މާ އަގުބޮޑު ފުރުސަތެއް ކަމަށް އާމިރު ވަނީ ބުނެފައެވެ.

އާމިރު ފިލްމު "ކޫލީ"ގައި ކުޅެފައިވާ ކެރެކްޓާ ފެންނަ ޕޯސްޓަރެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ފިލްމުގެ މުހިއްމު ޕްރޮމޯޝަނަލް ހަފްލާތަކުން އާމިރު ނުފެނުމާ ގުޅޭގޮތުން އެކްޓަރު ބުނީ ރަޖްނީކާންތު އަދި ތެލުގޫ އެކްޓަރު ނާގަރުޖުނާ އަކީ ފިލްމުގެ ލީޑް ތަރިން ކަމަށެވެ.

އާމިރަކީ ފިލްމުގައި ހާއްސަ ފެނިލުމަކުން ދައްކާލި އެކްޓަރެއް ކަމަށާއި ފިލްމު ޕްރޮމޯޝަންތަކަށް އާމިރު ދިއުން މުހިއްމު ނުވީ އެ ސަބަބާ ހެދި ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އެހެންކަމުން އެ ފިލްމުގެ ހަގީގީ 'ކޫލީން'ނަކީ ރަޖްނީ އާއި ނާގް ކަމަށް އާމިރު ވަނީ ބުނެފައެވެ.

ނަމަވެސް މީޑިއާތަކުން ބުނެފައި ވަނީ އާމިރު ފިލްމުގެ ޕްރޮމޯޝަންތަކުން ނުފެނުމުގެ ހަގީގީ ސަބަބަކީ އެކްޓަރުގެ ކޮއްކޮ ފައިސަލް ޚާން އެ އާއިލާއާ ގުޅޭގޮތުން މީޑިއާގައި ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން ކަމަށެވެ.

މީޑިއާތަކުން އެ ތުހުމަތުތަކާ ގުޅޭގޮތުން އާމިރާ ސުވާލުކުރާނެކަމަށް ބަލައި އާމިރު ނިންމީ "ކޫލީ"ގެ ޕްރޮމޯޝަންތަކަށް ނުދިއުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިލްމު "ކޫލީ" ރިލީޒްކުރިތާ މާގިނަ ދުވަހެއް ނުވެ އާމިރު ވަނީ އެކްޓަރުގެ ލޯބިވެރިޔާ ގޯރީއާ އެކު ޗުއްޓީ ހޭދަކުރުމަށް އިންޑިއާއިން ބޭރު ޤައުމަކަށް ފުރާފައެވެ.

comment ކޮމެންޓް