އދ. މާމިގިލީ ސިއްހީ މަރުކަޒުގައި އެކްސްރޭ މެޝިނެއް ހުރެ، ޚިދުމަތް ނުފަށާ ގިނަ ދުވަސްވާތީ ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެއްޖެއެވެ.
'ސަން'އަށް އެނގިފައިވާ ގޮތުން، އެ ރަށު ސިއްހީ މަރުކަޒަށް އެކްސްރޭ މެޝިން ގެންދިޔަތާ މިހާރު ހަތަރު މަސްވެއްޖެއެވެ.
އާބާދީގައި ދެހާހަށް ވުރެން ގިނަ މީހުން ހިމެނޭ, މާމިގިލީ ކައިރީގައި އޮންނަ ރަށްތަކާއި ރިސޯޓުތަކުގެ މީހުން އެ ރަށު ސިއްހީ މަރުކަޒުން ވަރަށް ފަރުވާ ހޯދައެވެ. އެހެންކަމުން އެއީ ގާތްގަނޑަކަށް 5،000އެއްހާ މީހުންނަށް ޚިދުމަތް ދޭ މަރުކަޒެކެވެ.
ކަންބޮޑުވުން ފާޅުކުރައްވައި، މާމިގިލީ ކައުންސިލް މެންބަރަކު 'ސަން'އަށް ވިދާޅުވީ، އެރަށު ސިއްހީ މަރުކަޒުން އެކްސްރޭގެ ޚިދުމަތް ނުލިބޭ ކަމަށެވެ. އެ މަރުކަޒަށް މެޝިނެއް ލިބިފައި ހުއްޓަސް އެ ޚިދުމަތް ދޭނެ ޓެކްނިކަލް ސްޓާފުން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ އެ މެޝިން އިންސްޓޯލް ނުކޮށް ހުރީ މަރުކަޒުގެ ފެންޑާގައި ބަހައްޓާފައެވެ.
ކައުންސިލް މެންބަރު ވިދާޅުވިގޮތުގައި އެ ރަށުގެ ބޮޑު އާބާދީ އެ ޚިދުމަތް ހޯދަން ދާން ޖެހެނީ އެ އަތޮޅު މަހިބަދޫއަށް ނުވަތަ މާލެއަށް ކަމަށެވެ.
އިތުރަށް އެ މެންބަރު ވިދާޅުވީ، މީގެ ފަސް މަހެއް ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެރަށަށް ވަޑައިގެން މަރުކަޒުގެ ހާލަތު ބެއްލެވި ކަމަށެވެ.
އެގޮތުން، މިހާރުން މިހާރަށް އެ މަރުކަޒަށް ބޭނުންވާ ވަރަށް ގިނަ ޚިދުމަތްތައް ހުރި ކަމަށާއި އެ ޚިދުމަތްތައް ފަށަން ސަރުކާރުން މަގުފަހިކޮށްދެއްވާނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވި ކަމަށް އެ މެންބަރު ވިދާޅުވިއެވެ. އޭރު ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި ޚިދުމަތްތަކުގެ ތެރޭގައި، އެކްސްރޭގެ ޚިދުމަތް ހިމެނެއެވެ.
އެކަމުގެ އިތުރަށް މާމިގިލީގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އޭގެން އެއްވެސް ކަމެއް ނުފެށި ލަސްވާތީ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން މިހާރު އެބައޮތް ކަން އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން އެރަށުގެ ސިއްހީ މަރުކަޒާ ހަވާލުވެ ހުންނެވި ބޭފުޅާއާ ގުޅުމުން ތަފްސީލެއް ނުދެއްވިއެވެ.