ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ގާއިމުކުރުން އިތުރު ދެ އަހަރަށް ދަންމާލާ ބިލު ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މިދިޔަ މަހުގެ 22ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު, ފެނާއި ނަރުދަމާގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މީހުން ދިރިއުޅޭ ހުރިިހާ ރަށެއްގައި ލަސްވެގެން 2027 ވަނަ އަހަރު ނިމުމުގެ ކުރިން އެ ރަށަކާ އެކަށޭނަ ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖައްސަން ޖެހޭނެއެވެ.
މި އިސްލާހު މަޖިލީހުން ފާސްކުރީ މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. އޭގެ ހަފުތާއެއް ފަހުން މިއަދު ރައީސް ވަނީ، މި ބިލު ތަސްދީގުކުރައްވާފައެވެ.

ރައީސް މުއިއްޒު ބިލު ތަސްދީގުކުރައްވަނީ: މިއަދު އެމަނިކުފާނު ތަސްދީގުކުރެއްވީ ފެނާ ނަރުދަމާގެ ޚިދުމަތް ގާއިމުކުރުން އިތުރު ދެ އަހަރަށް ދަންމާލާ ބިލު ---- ފޮޓޯ/ ރައީސް އޮފީސް
ދެހާސް ވިހިވަނަ އަހަރު އަމަލުކުރަންފެށި ގާނޫނުގައި މިހާރު އޮތް ގޮތުން، ގާނޫނު އެކުލަވާލާ ތާރީހުން ފެށިގެން ފަސް އަހަރު ދުވަހުގެ ތެރޭ ފެނާއި ނަރުދަމާގެ ނިޒާމުތައް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށް ހިންގޭނެ އެންމެހާ އިންތިޒާމުތައް ހުންނަން ޖެހޭނީ ހަމަޖެހިފައެވެ.
އެހެންކަމުން ގާނޫނު އިސްލާހުކޮށް އެއަށް އަމަލުކުރަން ފެށުމާ ހަމައަށް ފެނާއި ނަރުދަމާގެ އެންމެހާ މަސައްކަތްތައް ނިމެން ޖެހޭނީ މި އަހަރުގެ ނިޔަލަށެވެ.
ކުޑަ ރަށެއް, ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް، އެ ވެރިކަން ނިމުނުއިރު އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިންމޭ ގޮތެއް ނުވިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހަޅާފައިވަނީ، ނަރުދަމާގެ މަސައްކަތްތައް ނިމިފައިވާ ގިނަ ރަށްރަށުގައި ޚިދުމަތް ނުދެވި ލަސްވަނީ ޔޫޒާ ރައިޓްސް އެގްރީމެންޓް (ޔޫއާރުއޭ)އަށް ބޭނުންވާ ލިޔެކިއުންތަކާއި ޓެންޑާ ބޯޑުން ނަގަން ޖެހޭ ހުއްދަތައް ނުނަގައި ހުރުމުން ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު މިދިޔަ ޖޫން މަހު މަޖިލީހުގައި ވިދާޅުވެފައި ވަނިކޮށެވެ.
މަޝްރޫއުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ނުހިނގާ ކަމުގެ ކަންބޮޑުވުމަކީ މި ސަރުކާރު އައުމަށްފަހު މިއަދާ ހަމައަށް ވެސް އޮތް ކަންބޮޑުވުމެކެވެ.
މި ސަރުކާރުން މިދިޔަ އަހަރު ރަށްރަށުގައި ކުރިއަށް ގެންދަންޖެހޭ މަޝްރޫއުތައް ކުރިއަށް ނުގެންދެވުނީ، 19ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި 2024ވަނަ އަހަރުގެ ބަޖެޓުގައި 'ޖެއްސުން ކޮށްފައި' އޮތުމުން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.