ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ މައުލޫމާތު ނުލިބިގެން އިއްޔެ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ފުށިދިއްގަރު ފަޅަށް ދިއުމާއެކު، މިއަދު ސަރުކާރު އެކްޓިވިސްޓުން އެ ތަނަށް ގޮސް ފެނުނު މަންޒަރުތައް ހިއްސާ ކުރަން ފަށައިފިއެވެ.
ރަސްމާލެ މަޝްރޫއު ކުރިއަށްދާ ގޮތް ސާފުކުރުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުން އިއްޔެ އެ ތަނަށް ވަޑައިގެން، ނޫސްވެރިންނާ ވަނީ ވާހަކަ ދައްކައިފައެވެ.
އެމްޑީޕީން ފެށުނީއްސުރެ ދެކޮޅު، މި މަޝްރޫއުގެ އަދާހަމަ ބަލަން ދިޔަ މެންބަރުންގެ ތެރެއިން އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ އަވަސް މަސައްކަތެއް ކޮށްގެން ނޫނީ ރަސްމާލޭގައި މީހުންނަށް ދިރިއުޅެވޭވަރު ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު މަސައްކަތް ހިނގާ މިންވަރުން ވެރިކަމުގެ ދެ ދައުރުގެ ތެރޭ ވެސް ރަސްމާލެ ހިއްކައި ނުނިމޭނެކަން ފާހަގަކުރައްވައި ފާޑު ވިދާޅުވެފައެވެ.
މީގެ އިތުރުން އެހެން މެންބަރުން ވެސް ވަނީ މަސައްކަތް ކުރިއަށްދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
އެއާއެކު މިއަދު ހެނދުނު ސަރުކާރުގެ އެކްޓިވިސްޓުންތަކެއް ވަނީ ރަސްމާލެ މަޝްރޫއު ބަލަން ފުށިދިއްގަރުފަޅަށް ގޮސްފައެވެ. އަދި އެ ތަނުގެ މަސައްކަތް ގޮސްފައި އޮތް މިންވަރުގެ އެކި ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާކުރަމުންނެވެ.
އެގޮތުން މި މަޝްރޫއުގެ އިންޖިނިއަރިން މަސައްކަތްކުރާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް މަގާމެއްގައި އަދައިކުރާ މަލްޝާ ޝަރީފު އާންމުކުރި ވީޑިއޯއަކާއެކު ވަނީ، ރަސްމާލޭގެ ޖުމްލަ 1009 ހެކްޓަރުގެ ތެރެއިން 129 ހެކްޓަރު ހިއްކައިފައިވާކަމަށް ވިދާޅުވެފައެވެ. އެއީ ހުޅުމާލެ ފޭސް އެކެއްހައި މިންވަރުގެ ބިން ކަމަށް އޭނާ ވިދާޅުވި ވެއެވެ.
މި ތަން ބަލަން ދިޔަ ސަރުކާރުގެ އެކްޓިވިސްޓުންނަށް ފެނުނީ، މަސައްކަތް "ބާރު ސްޕީޑު"ގައި ކުރިއަށްދާ މަންޒަރުކަމަށް ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި އަންނަނީ ލިޔަމުންނެވެ. އަދި މިހާރު މަސައްކަތް ގޮސްފައި އޮތް މިންވަރަކީ ކާމިޔާބީއެއްގެ ގޮތުގައި ވެސް އަންނަނީ ސިފަކުރަމުންނެވެ. އަދި މަސައްކަތް ނުހުއްޓި، ހިއްކަމުންދާކަމަށް ވެސް ބުނެއެވެ.
މި މަސައްކަތުގެ އެއްވެސް އަދާހަމައެއް ރަސްމީކޮށް، ސަރުކާރުން އަދި ހާމައެއް ނުކުރެެއެވެ.
ރަސްމާލެ ހިއްކަން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު 18ގައި އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލާށެވެ. ނަމަވެސް މުއްދަތު ފަހަނަ އަޅައި ދިޔައިރު ނިމުނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ.
އެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީސީ)އާ އެކުގައެވެ. އެކަމަކު، ސަރުކާރުން ވަނީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.
އެކި ސަބަބުތަކާ ހެދި، ރަސްމާލެ ހިއްކުން އެކި ފަހަރު މަތިން ހުއްޓިފައި ވެސް ވެއެވެ.
ރަސްމާލެ މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި، އެ މަނިކުފާނުގެ އެންމެ ބޮޑު މަޝްރޫއެވެ. ތިމާވެއްޓާ ރައްޓެހި އީކޯ ސިޓީއެއްގެ ގޮތުގައި މި ތަން ތަރައްގީކުރާއިރު، މި ތަނުގައި 11،000 އެއްހައި ސޯޝަަލް ހައުސިން ތަރައްގީކުރަން ރައީސް ވަނީ ނިންމަވައިފައެވެ.