މީރާއިން ކުރަނީ ދޮގު ތުހުމަތެއް, ސިޔާސީ ނުފޫޒެއް ނެތީމަ ޓާގެޓް ކުރޭ: ހޯޕް ޓްރެވަލްސް

މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު: ހޯޕް ޓްރެވެލްސްއިން ވަނީ މީރާއިން ކުރި ތުހުމަތުތައް ދޮގުކޮށްފައި --

ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ފުޅާ ދާއިރާއެއްގައި ލޯންޗު ފެރީގެ ޚިދުމަތްދޭ "ހޯޕް ޓްރެވަލްސް"ގެ މައްޗަށް މީރާއިން ކޮށްފައިވާ ޓެކުހަށް މަކަރު ހެދުމުގެ ތުހުމަތުތައް އެ ކުންފުނިން މިއަދު ދޮގުކޮށްފިއެވެ.

އިއްޔެ މީރާއިން ނެރުނު ބަޔާނެއްގައި ވަނީ ހޯޕް ޓްރެވެލްސްއިން ޖުލައި 1، 2020އިން މެއި 31، 2023ގެ ނިޔަލަށް ހުށަހަޅައިފައިވާ ޖީއެސްޓީ ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނައިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި 2020އާއި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ވެސް ދޮގު މައުލޫމާތު ހުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ މައްސަލައިގައި، ހޯޕް ޓްރެވެލްސް ހިންގާ ހޯޕް ހޯލްޑިންގްސް ވިޔަފާރީގެ އިތުރުން ވިޔަފާރީގެ އެއް ޕާޓްނަރު ކަމަށްވާ ޝަހުދު އިބްރާހީމްމަނިކާއި ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވެފައިވާ މީހެއް ކަމަށްވާ މުޙައްމަދު ޢަލީގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ ކަމަށް މީރާއިން ބުންޏެވެ.

https://sun.mv/210058

އެ މައްސަލައާ ގުޅިގެން ހޯޕް ޓްރެވެލްސްގެ މެނޭޖްމެންޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ މައްސަލަ ފެށުނީ ފަސް އަހަރު ކުރިން ކަމަށް މީރާއިން ބުނާއިރު މައްސަލަ ބަލަންް ނިންމީ އޭގެ ތިން އަހަރު ފަހުން ކަމަށެވެ.

"ކުންފުނީގެ ސީސީއޯ އަދި ޖީއެމްއަށް ޓެކްސް ފްރޯޑް ތުހުމަތުކޮށް ދައުވާ ކުރީ އެއްވެސް އަސާސެއްނެތް ދޮގު ތުހުމަތުތަކެއްގެ މައްޗަށް ކަމުގައި މެނޭޖްމެންޓުން ދެކެމެވެ. އަދި މި ތުހުމަތުތަކަކީ، އަޅުގަނޑުމެންގެ މުޅި ގުރޫޕުގެ 300 އެތައް މުވައްޒަފުންނަކާ އެ މީހުންގެ އާއިލާއަށް ލިބޭ ނުހަނު ބޮދު ހިތްދަތިކަމެއް ކަމުގައި ދެކެމެވެ." އެ ބަޔާނުގައިވެއެވެ.

ހޯޕް ޓްރެވެލްސްއިން ބުނީ އެ ކުންފުނީގެ ޓެކްސް އޮޑިޓްތަކުގައި އެއްވެސް އިރެއްގައި މައްސަލައެއް އުޅޭނަމަ މީރާއަށް އެއްބާރުލުންދޭ ކަމަށެވެ. ނަމަވެސް މީރާގައި ހޯޕް ޓްރެވެލްސްގެ މައްސަލަ ބެލީ އެ އޮތޯރިޓީގެ އާންމު އުސޫލުތަކާ ޚިލާފަށް ކަމުގައި ދެކޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ހޯޕް ޓްރެވެލްސްއިން ވަނީ މީރާއާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި، މީރާއިން އެ ކުންފުނީގެ އޮފީސް ބަލައި ފާސްކުރީ އެއްވެސް އަސާސެއް ބުނެ ނުދީ، ކުއްލިއަކަށް ގޮސް، 'ތުރެޓް ލެވެލް' މަތި ކަމަށް ބުނެ އޮގަސްޓު 2023ގައި ކަމަށް ބަޔާނުގައިވެއެވެ.

ހޯޕް ޓްރެވެލްސްގެ ލޯންޗެއް: ތިން އަހަރު ޓެކްސްއަށް މަކަރު ހެދި ކަމުގެ ތުހުމަތުގައި ހޯޕް ޓްރެވެލްސްއަށް ދައުވާކުރަން ވަނީ ފޮނުވައިފައި -- ފޮޓޯ/ ހޯޕް ޓްރެވެލްސް

އޭގެ އިތުރުން، މީރާގެ ތެރޭގައި އޮންނަ ވާދަވެރި ކަމުގެ ސަބަބުންނާއި މަގާމުގެ ކުރި އެރުން ހޯދުމުގެ ބޭނުމުގައި ބައެއް މުވައްޒަފުން، ސިޔާސީ ނުފޫޒެއް ނެތް ވިޔަފާރިތަކަށް އަމާޒުކޮށް މައްސަލަތައް ބަލާ ކަމަށް ހޯޕް ޓްރެވެލްސްއިން ތުހުމަތުކުރިއެވެ. އަދި މީރާގެ އޮފިސަރަކަށް މެސެޖަކުން ނުވަތަ ކޮފީ މޭޒުގައި ދެކެވޭ ވާހަކައަކުން ލިބޭ މައުލޫމާތަށް ބިނާކޮށް ވެސް މައްސަލަތައް ބަލާ ކަމަށް އެ ކުންފުނިން ތުހުމަތު ކުރިއެވެ.

ހަމައެއާއެކު، އެ މައްސަލަ ބަލަން ހުށަހެޅީ، މައްސަލަ ހުށަހެޅެން އޮތް އެންމެ ފަހު ދުވަހު ކަމަށް ވެސް ހޯޕް ޓްރެވެލްސްގެ ބަޔާނުގައިވެއެވެ.

"އޮގަސްޓު 17، 2025 އެއީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފަހު ދުވަސް ކަމުން، އަވަސް ކުރުމުގެ ގޮތުން ބަޔާންތައް ވެސް ހުށަހަޅާފައި ވަނީ ބަޔާން ކިޔާ އޭގައި ސޮއިކުރުމަށް އެކަށީގެންވާ ވަގުތު ނުދީ ކަމުގައިވުން،" އެ ކުންފުނިން ބުންޏެވެ.

ހޯޕް ޓްރެވެލްސްއިން ވަނީ ތަހުގީގު މަރުހަލާގައި، ނުރަސްމީ 'މީޓިން'ތަކަށް އެކި މީހުން މެދުވެރިކޮށް ދައުވަތު ލިބުނު ކަމަށާއި ތަހުގީގު ނުނިމެނީސް މައްސަލައާ ގުޅުންހުރި މައުލޫމާތުތަކެއް މީރާއިން ލީކުވެ، ކުންފުނި އިތުރަށް ބަދުނާމުވާ ގޮތަށް ވާހަކަ ފެތުރުނުކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައެވެ.

"މީރާ ކަހަލަ ދައުލަތުގެ ބޮޑެތި މުއައްސަސާތަކަށް އާންމުންގެ އިތުބާރު ގެއްލޭ ގޮތް ދިމާވަނީ، އަމިއްލަ އެދުމުން ކަމަށް ގާބިލުނޫން މީހުން އިސް ސަފުގައި ތިބުމުގެ ސަބަބުން ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ. ޒާތީ ތައައްސުބު ކުރިއަށްނެރެ ކޮރަޕްޝަނާ ފަސާދައިގެ ހާއްޔަކަށް މުއައްސަސާ ބަދަލު ވާނީ ކުއަލިޓީއެއް ނެތް މީހުންގެ ސަބަބުން ކަމަށް އެ ފަރާތްތަކުން ދެކެއެވެ." އެ ބަޔާނުގައިވެއެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް، އެނގިހުރެ، ގަސްދުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ. އަދި އެ ފަދަ ކުށެއް ކުރުމަށް ޓެކްސް ދައްކަންޖެހޭ މީހަކަށް އެހީތެރިވެދިނުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ވެސް ކުށެކެވެ.

އެ ގާނޫނުގައި ވަނީ، ޓެކުހާ ގުޅޭ ލިޔެކިޔުންތައް އޮޅުވާލުމުގެ ކުށް ސާބިތުވެއްޖެނަމަ އެ މީހެއްގެ އަދަބަކީ:

  • ދެ ލައްކަ ފަންސާސް ހާސް ރުފިޔާ އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން ނުވަތަ،
  • ތިން މަހާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން ނުވަތަ،
  • ޖޫރިމަނާއަކާއެކު ތިން މަހާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުން

ދައުލަތަށް ލިބެން އާމްދަނީގެ ބޮޑުބައެއް ޓެކްސްތަކުން ލިބޭ އާމްދަނީ ހިއްސާކުރާއިރު، ޓެކްސް ނުލިބުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ މައްސަލަ ހައްލުކުރުމަށް ޓަކައި، އެއްވެސް ގާނޫނެއްގެ ދަށުން ޓެކުހެއް ދައްކަން ޖެހޭކަން އެނގިހުރެ ގަސްދުގައި ރެކުމުގެ ނިޔަތުގައި، ޓެކްސް ދެއްކުމާ ގުޅޭގޮތުން އަންގަން ޖެހޭ އެންގުމެއް ނޭންގުމާއި އެއިން ގާނޫނެއްގެ ދަށުން ހުށަހަޅަން ޖެހޭ މައުލޫމާތެއް ހުށަނާޅައިފިނަމަ ގިނަވެގެން ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެ ގޮތަށް، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

comment ކޮމެންޓް