ކަންކަމަށް ސަމާލުކަން ދިނުން ކުޑަވެ، ހަލަނިވުން ފަދަ ކަންކަން ފެންނަ އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ)ގެ ފަރުވާއަށް ބޭނުންކުރާ ބޭހެއް، މަސްތުވާއެއްޗެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައި އޮތުމުން އެ ބޭސް އެތެރެކުރަން ހުރަސްތައް ހުރި ކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ ތެރަޕީ ނުލިބޭ މައްސަލައިގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހަޅުއްވާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީއާއި އެމްއެފްޑީއޭއާ ބައްދަލުކޮށްފައެވެ.
ކުޑޫ، 47 ބެލެނިވެރިންގެ ސޮޔާއެކު ހުށަހެޅުއްވި އެ ޕެޓިޝަނުގައި ވަނީ އޯޓިޒަމްއާއި އޭޑީއެޗްޑީ ފަދަ ޚާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި، ސިއްހީ އެކިއެކި އާލާތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ މައްސަލައިގައި އެމްއެފްޑީއޭގެ ޑިރެކްޓާ އޮފް ފާމަސޫޓިކަލްސް އައިޝަތު ޖަލީލާ ވަނީ، ނުލިބޭ ބޭހަކީ 'މީތައިލްފެނިޑޭޓް' ކަން ފާހަގަކުރައްވައި އެކަމާ ގުޅޭ ޝަކުވާތައް ބަލިމީހުންނާއި ޑޮކްޓަރުންގެ ފަރާތުން ލިބެމުންދާ ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ މީތައިލްފެނިޑޭޓަކީ އޭޑީއެޗްޑީއަށް ފަރުވާކުރަން ރަނގަޅު ބޭހެއްކަން ސައިންސުން ހެކިދޭ ކަމަށެވެ. ނަމަވެސް އެއީ މަސްތުވާތަކެތީގެ ގާނޫނުގައި މަސްތުވާއެއްޗެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖެއަށް އެތެރެކުރަން މަނާ އެއްޗެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށް ޖަލީލާ ވިދާޅުވިއެވެ. އެގޮތުން އެ ގާނޫނުގެ ޖަދުވަލު އެކަކާއި ދެއަކުގައި ވެސް މަސްތުވާއެއްޗެއްގެ ގޮތުގައި އެ ބޭސް ހިމަނައިފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، އެ ބޭސް އެތެރެކުރަން ހުއްދަ ހޯދުމަށް ގާނޫނު އިސްލާހު ކުރަން އެދިފައިވާ ކަމަށް ޖަލީލާ ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން އެމްއެފްޑީއޭ ސައިޑުން ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިއްޖެ ގާނޫނަށް މި އިސްލާހު ގެނައުމަށް، އެގޮތުން މިހާރު ވެސް އަޅުގަނޑުމެން ވާނެ މަޖިލީހަށް ވެސް ޖަދުވަލު އެކަކުން މި މޮލެކިއުލް ނުވަތަ މި ބޭހުގެ ނަން އުނިކޮށް ހަމައެކަނި ޖަދުވަލު 2 އަކަށް ބަދަލުކޮށްދިނުމަށް އެދި 13 ޖުލައި 2025ގައި ވެސް ވާނެ ސިޓީއެއް ފޮނުވައިފަ،" އޭނާ ވިދާޅުވިއެވެ.
ޖަލީލާ ވިދާޅުވީ މަސްތުވާތަކެތީގެ ގާނޫނުގައި މީތައިލްފެނިޑޭޓް އޮތް ނަމަވެސް، ރާއްޖެއަށް ކޮންމެހެން ބޭނުންވާ ބޭހުގެ ލިސްޓުގައި ވެސް މީތައިލްފެނިޑޭޓް އޮންނާނެ ކަމަށެވެ.
ކުޑޫ ހުށަހެޅުއްވި ޕެޓިޝަނުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ކިޔޫ ދިގުވެ، އަގު ބޮޑުވުމާއި ސަރުކާރުން ދޭން ޖެހޭ މާލީ އެހީތެރިކަން ފޯރުކޮށްނުދޭ ވާހަކަ ވެސް ފާހަގަކޮށްފައެވެ.
އެ ޕެޓިޝަންގައި ސޮއިކުރި ބެލެނިވެރިންގެ ފަރާތުން ވަނީ ތެރަޕީއާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންނަށް ބޭނުންވާ އެހެނިހެން ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންސްޕާ ނުކުޅެދިފައިވަނީ ކީއްވެގެންތޯ ބެލުމަށް ތަހުގީގެއް ހިންގައިދިނުމަށް އެދިފައެވެ. އަދި އެޗްއާރްސީއެމާއި، ފެމިލީ އެންޑް ސޯޝަލް މިނިސްޓްރީއާއި، އެންސްޕާއާއި ޑިސެބިލިޓީ ކޮމިޝަން ހިމަނައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ވަނީ އެދިފައެވެ.
މި ޕެޓިޝަންގެ ކުރިން ކުޑޫ ވަނީ، ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީން އެ މައްސަލަ ބޭރުކޮށްލީއެވެ.