އަންނަ އަހަރު ކަރަން ފިލްމެއް ޑައިރެކްޓްކުރާނެ

ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ކަރަން ޖޯހަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އާންމުކޮށް ލޯބީގެ ފިލްމުތައް ސިނަމާއަށް ގެނެސްދޭ ބޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ރީތި ވާހަކައެއްގެ މައްޗަށް ބިނާކޮށް ފިލްމެއް ޑައިރެކްޓްކޮށް ގެނެސްދޭނެކަން އިއުލާނުކޮށްފިއެވެ.

މިހާތަނަށް ކަރަން ޑައިރެކްޓްކޮށް ގެނެސްދީފައިވާ ފިލްމުތަކަކީ އޭގައި އާއިލީ ޑްރާމާތަކާ އެކު ލޯބީގެ ރަހަތައް ވަރަށް ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދީފައިވާ ފިލްމުތަކެކެވެ. ދާދި ފަހުން ކަރަން ކުރި ސޯޝަލް މީޑީއާ ޕޯސްޓެއްގައި ބުނެފައިވަނީ ފާއިތުވެދިޔަ އަހަރަކީ އޭނާއަށް ވަރަށް ގިނަ ކަންކަމުން އާ ތަޖުރިބާތަކެއް ކުރެވި ފިލާވަޅުތަކެއް ލިބި އާ ފެށުމަކުން އަނެއްކާ ވެސް ކަންކަން ފެށުމަށް ދަސްކޮށްދިން އަހަރެއް ކަމަށެވެ.

އެހެންކަމުން އަންނަ އަހަރަކީ އަނެއްކާ ވެސް އޭނާ ފިލްމު ޑައިރެކްޝަނަށް ނުކުންނާނެ އަހަރެއް ކަމަށާއި ފިލްމު އުފެއްދުމަކީ އޭނާއަށް އެންމެ ބޮޑު އުފަލެއް ލިބޭ އެއް މަސައްކަތް ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކަރަން ޑައިރެކްޓްކޮށްފައިވާ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގެ މަންޒަރެއްގައި ފިލްމުގެ ލީޑް ތަރިން ކަމަށްވާ އާލިއާ ބަޓް އަދި ރަންވީރު ސިންގް--ފޮޓޯ/އިންޑިއާފޯރަމް

ކަރަންއަށް 50 އަހަރު ފުރުމާ ދިމާކޮށް 2022ވަނަ އަހަރު ބުނެފައިވަނީ ދެން ޑައިރެކްޓްކުރާނީ ވަރަށް ވަރުގަދަ އެކްޝަން ފިލްމެއް ކަމަށެވެ. ނަމަވެސް، އެ ފިލްމަކީ އޭނާ އަންނަ އަހަރު ފަށާ ފިލްމުކަމެއް ހާމަކޮށްފައެއް ނެތެވެ.

މިހާތަނަށް ކަރަން ޑައިރެކްޓްކޮށް ގެނެސްދީފައިވާ ފިލްމުތަކުގެ ތެރެއިން ބެލުންތެރިންނަށް ބޮޑަށް ކަމުދަނީ އާއިލީ ޑްރާމާތައް އޭގައި އެކުލެވޭ ލޯބީގެ ފިލްމުތަކެވެ. އެހެންކަމުން ކަރަންގެ އެކްޝަން ފިލްމެއް ބެލުންތެރިން ބަލައިގަންނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.

މިހާތަނަށް ކަރަންގެ އަމިއްލަ ފިލްމު ކުންފުނި ދަރުމާ ޕްރޮޑަކްޝަންސްއިން ކަރަން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެ ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭ "ނާދާނިޔާން"، "އާޕް ޖޭސަ ކޯއި"، "ސަރުޒަމީން"، "ކޭސަރީ ޗެޕްޓަ 2" އަދި "ދަޅަކް 2" ހިމެނެއެވެ.

ކަރަން އެންމެ ފަހުން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށް ގެނެސްދިން ފިލްމަކީ 2023ވަނަ އަހަރު ރިލީޒްކުރި ލޯބީގެ ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"އެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު މި ފިލްމަށް މި އަހަރުގެ ނެޝަނަލް އެވޯޑުގެ ދެ ކެޓަގަރީއަކުން އެވޯޑު ލިބެއެވެ. އެއީ، ބެސްޓް ޕޮޕިއުލާ ފިލްމު ޕްރޮވައިޑިން ހޯލްސަމް އެންޓަޓައިންމަންޓް އެވޯޑާއި ފިލްމުގެ ލަވަތަކުގެ ތެރެއިން "ދިންޑޯރާ ބާޖޭ ރޭ"ގެ ނެށުން ތައްޔާރުކޮށް ދީގެން ވައިބާވީ މާޗަންޓަށް ލިބޭ އެންމެ މޮޅު ކޮރިއޮގްރާފަރުގެ އެވޯޑެވެ.

comment ކޮމެންޓް