ޞިއްޙަތާއި ސާފުކަމާއި ތާހިރުކަމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވައިފައިވާ ކަންކަމެވެ.

ބައެއް ދީންތަކާއި ފަލްސަފާތަކުގައި ޠަހާރަތު ދޫކޮށްލައި އަމިއްލަ ނަފުސު ތާހިރުކުރުމުގެ ގޮތުން ކުރާ ކަންކަންނުކޮށް ބެހެއްޓުން އެއީ އީމާންކަން އިތުރުކޮށްދޭ މަކެއްގެ ގޮތުގައި ވަނީ ބަލައިގަނެފައެވެ. އެއީ އެ ދީންތަކުގައި ހުރި އުނި ސިފައެކެވެ. އިސްލާމްދީނުގައި ޠަހާރަތަށް އަހައްމިއްޔަތުކަން ދޭ ކަމުގެ އެންމެ ވަރުގަދަ އެއް ހެއްކަކީ ފަރުޟު ފަސްނަމާދަށް ވުޟޫކުރަން ޖެހޭ ކަމެވެ.

އަމިއްލަ ނަފުސާއި ވަށައިގެން ވާ މާހައުލުގެ ސާފުޠާހިރުކަމަކީ އިސްލާމްދީނުގައި ހަމައެކަނި އަޚުލާޤެއްގެ ގޮތުގައި ކަނޑައަޅުއްވައިފައި އޮތް ކަމެއް ނޫނެވެ. އޭގެ އިތުރަށް އެއީ އީމާންކަމާ ގުޅުވައިފައި މި ދީނުގެ އަޅުކަންތަކުގެ ތެރޭ ހިމަނައިފައި ވެސް އޮތް ކަމެއްމެއެވެ.

ކުރިން ވެސް ބުނިހެން ނަމާދަށް ޠާހިރުވުން ހިމެނެނީ މި ދަންނަވާ އަހަންމިއްޔަތުގެ ތެރެއިންނެވެ. ހަމައެކަނި ވުޟޫކުރުމެއް ވެސް ނޫނެވެ. ކުޑަ ހަދަސަކުން ހަދަސްވެރިވެއްޖެ މީހާ ވުޟޫކުރުމުގެ ކުރިން ދޮރުތައް ރަނގަޅަށް ސާފުކުރަން ޖެހެއެވެ. ބޮޑު ހަދަސްވެރިޔާ ހިނައިތާހިރުވާން ޖެހެއެވެ. الله سيحانه وتعالى ވަޙީކުރެއްވިއެވެ. ﴿وَإِن كُنتُمْ جُنُبًا فَاطَّهَّرُوا﴾ ‎(المائدة: ٦‏) މާނައީ: "ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން ޠާހިރުވެގަންނާށެވެ!"

ނަމާދުގެ ކުރިން ވުޟޫކުރާ މީހާއަށް އިތުރު ޠާހިރުކަމެއްގެ ގޮތުން ދަތްއުނގުޅުމަށް ވެސް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ވަނީ ހިތްވަރުދެއްވައިފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. »لَوْلَا أنْ أشُقَّ علَى أُمَّتي أوْ علَى النَّاسِ لَأَمَرْتُهُمْ بالسِّوَاكِ مع كُلِّ صَلَاةٍ. « (أخرجه البخاري: 887) މާނައީ: "ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންނަށް އުނދަގޫ ކަމެއް ކަމުގައި ނުވާނެންޏާ، ކޮންމެ ނަމާދަކަށް ދަތްއުނގުޅަން އަމުރުކުރީމުހެވެ."

ޠަހާރަތުގެ ތެރެއިން އަމިއްލަ ނަފުސު ސާފުކޮށް ބެލެހެއްޓުމަށް ޓަކައި ކުރަންވީ ފަސް ކަމެއް އަބޫ ހުރައިރާގެފާނުގެ އަރިހުން އިމާމު ބުޚާރީއާއި އިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. »الفِطْرَةُ خَمْسٌ -أَوْ خَمْسٌ مِنَ الفِطْرَةِ-: الخِتَانُ، وَالِاسْتِحْدَادُ، وَنَتْفُ الإبْطِ، وَتَقْلِيمُ الأظْفَارِ، وَقَصُّ الشَّارِبِ « (أخرجه البخاري: 5889) މާނައީ: "ފިޠުރަތުގެ ޠާހިރުކަމުގައި ފަސް ކަމެއް ވެއެވެ. އެއީ ޚިތާނުކުރުމާއި ޢާނާތް ބޭލުމާއި ނިޔަފަތި ކެނޑުމާއި ކިހިލިފަތީގެ އިސްތަށި އުފުރުމާއި މަތިމަސް ކޮށުމެވެ." (ނޯޓް: ޢާނާތް ބޭލުމަކީ ލަތުވެތިގުނަވަނުގެ ވަށާއިގެން ފަޅައިފައި ހުންނަ އިސްތަށީ ބޭލުމެވެ.)

سبحان الله! ކަލެއްގެ ކަށަކުޅަދުން ވަންތަ ކަމާއެވެ. އިސްލާމްދީނުގެ ފުރިހަމަކަމާއެވެ. ފިޠުރަތުގެ ޠާހިރުކަމުގެ ގޮތުގައި އިންސާއަށް ބާޔާންކޮށްދެވުނު ކަންކަމުގެ މުހިންމުކަމާއެވެ. އަޅުގަނޑުމެން މި ކަންކަމާ މެދު ވިސްނައި ސަމާލުވަނީ ކިހާ މިންވަރަކަށް ބާވައެވެ.

ލޮބުވެތި ކިޔުންތެރިންނެވެ! މި ލެޔެވުނީ މި ބާބުގައި ހުރި ޢިލްމަށް ބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ. ވަރަށް ކުޑަ މިންވަރެކެވެ. ތިމާގެ ޠަހާރަތަކީ މިއަށްވުރެ މާ ފުޅާ މައުޟޫޢެކެވެ. ޢަމަލީ ގޮތުން އަދާކުރުން މުހިންމު އެތައް ކަމެއް ހިމެނެއެވެ. ކޮންމެ މީހަކަށް ވެސް ވީ ވަރަކުން މި ކަންކަން ދަސްކޮށް ތިމާގެ އަމިއްލަ ނަފުސު ޠާހިރުކަމުގެ ރޭހުގައި ކުރިއަރައި ގެންދާށެވެ. މި ކަމަކީ ދެ ދުނިޔޭގެ ފަލާޙު އެކުލެވިގެންވާ ކަމެކެވެ.

comment ކޮމެންޓް