ތިބާގެ އަމިއްލަ ދިރިއުޅުން ދަތުރުކުރަމުންދާ ހަލުވިމިން ބަލައިލީމުހެއްޔެވެ؟ އަޅުގަނޑުމެން މި ތިބެނީ ދުވެލި އަވަސްވެފައި ނޫންތޯއެވެ؟ އަބަދުވެސް ކޮންމެސް ތަނަކަށް ދިޔުން ލަސްވެފައެވެ. އެއް ކަމެއް ނުނިމިގެން އަނެއް ކަމެއް ނުފެށިފައެވެ. އަވަސްއަވަސްވެގެން ހޭބޯނާރާ ކޮޅުކޮޅުމައްޗަށް ދުވަނީއެވެ.
އަވަސްވެ ލައިނުގަނެގެން އުޅުމަކީ ވަރަށް ގިނަ ފަހަރު ކަންކަން ގޯހުންގޯހަށް ދާ ކަމެކެވެ. އިސްލާމްދީން އިންސާނުންނަށް އަންގަވަނީ އަވަސްވެ ނުގަތުމަށެވެ. ހަމަހިމޭން ވުމަށެވެ. މަޑުމައިތިރިވެގެން އުޅުމަށެވެ. ތަދައްބުރުކުރުމަށެވެ. ކަންކަމާ މެދު ވިސްނާ ފިކުރުކުރުމަށެވެ.
އަޝައްޖު ޢަބްދުލް ޤައުސަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. »إنَّ فيك خُلَّتَينِ يُحِبُّهما اللهُ: الحِلْمَ والأَناةَ. « (أخرجه أبو داود: 5225) މާނައީ: "ހަމަކަށަވަރުން ކަލޭގެފާނުގެ ކިބައިގައި ﷲ ލޯބިވެވޮޑިގެންވާ ދެ ސިފައެއް އެބަހުއްޓެވެ. އެއީ އޯގާތެރިކަމާއި ކަންކަން ތަޙައްމަލުކުރުމުގެ ސިފައެވެ."
އަވަސް އަރުވައިނުލާ ފަހުން ނުކުމެދާނެ ނަތީޖާއަކަށް ބަލަން ކެތްރިކަމާ އެކު މި ވަގުތަށް ކަންކަން ތަޙައްމަލުކޮށްގެން ހުރުމަކީ ވަރަށް މަދު ބަޔަކަށް ނޫނީ ނުވާނެ ކަމެކެވެ. އަވަސްވެގެން އުޅުމަކީ އިންސާނުންގެ ކިބައިގައި ހުރި ސިފައެކެވެ. އެއީ ނޭދެވޭ ސިފައެކެވެ. އެއީ އެ ސިފައެއް ތިބާގެ ކިބައިން ކަނޑުވައިލަން ޖެހޭ ސިފައެކެވެ.
އިންސާނުން އޭގެ ޒާތުގައި އަވަސްވާ ބައެއްކަން ބަޔާންކުރައްވާއި الله سيحانه وتعالى ވަޙީކުރެއްވިއެވެ. ﴿وَكَانَ الْإِنسَانُ عَجُولًا﴾ (الإسراء: ١١) މާނައީ: "އަދި އިންސާނާއަކީ، އަވަސްވެގަންނަ މީހަކު ކަމުގައިވިއެވެ."
އިންސާނުން އެ މީހުންގެ އެންމެ ދުރު މުސްތަޤުބަލަށް ނުވިސްނައެވެ. އެދެނީ ވަގުތީ ހަމަޖެހުމަށެވެ. ކަންކަމާމެދު ވިސްނާ ފިކުރުހިންގާކަށް ބޭނުމެއް ނުވެއެވެ. ދުނިޔޭގައި އުޅެނީ އާޚިރަތައް ޓަކައިކަން ވެސް ގިނަފަހަރު ހަނދާނަކު ނުހުރެއެވެ. އެކަން ބަޔާންކުރައްވާއި الله سيحانه وتعالى ވަޙީކުރެއްވިއެވެ. ﴿كَلَّا بَلْ تُحِبُّونَ الْعَاجِلَةَ﴾ (القيامة: ٢٠) މާނައީ: "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ." ﴿وَتَذَرُونَ الْآخِرَةَ﴾ (القيامة: ٢١) މާނައީ: "އަދި ތިޔަބައިމީހުން އާޚިރަތް ދޫކޮށްލަމުއެވެ."
ނިކަން ވިސްނައި ފިކުރު ހިންގައިލަބަލާށެވެ. އަވަސްވެގެން، ނުވެގެން މި އުޅެވެނީ ކޮންކޮން ކަންތައްތަކެއް ހެއްޔެވެ؟ މުސްލިމެއްގެ ހައިޘިއްޔަތުން ތިބާ، ތިބާގެ އަމިއްލަ ނަފުސާމެދު ވިސްނައި ޚިޔާލުކޮށްލީމުހެއްޔެވެ؟ މާދަމާގެ މަންޒިލު ތައްޔާރުކޮށް އެ ތަނަށް ދޮންވެލިލާ ރީތި ކުރާށެވެ. އެއީ ސުވަރުގޭގެ ގޮވައްޗެވެ. އެ ތަނަށް ދާނެ މަގު މާތް ﷲ އެ ވަނީ ދައްކަވައިފައެވެ. ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުގައި ބަޔާންކޮށްދެއްވައިފައެވެ.
الله سيحانه وتعالى ވަޙީކުރެއްވިއެވެ. ﴿فَأَيْنَ تَذْهَبُونَ﴾ (التكوير: ٢٦) މާނައީ: "ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟" ﴿إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ﴾ (التكوير: ٢٧) މާނައީ: "ޢާލަމްތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ ޤުރުއާން ނުވެއެވެ." މި ހަނދާން ކޮށްދިނުން އޮތީ އެންމެންނަކަށް ނޫނެވެ. އެއީ ހަމައެކަނި ސީދާވެގެންވާ ތެދުމަގު އެދޭ މީހުންނަށް އެކަންޏެވެ. ﴿لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ﴾ (التكوير: ٢٨) މާނައީ: "ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށް ޓަކައެވެ."
ދަންނަވަންތޯއެވެ. ކަންކަމާ ކިތަންމެ އަވަސް ވިޔަސް އާޚިރަތް ދޫކޮށް ނުލާށެވެ. ދުނިޔޭގެ ކަންކަމަށް ދާން ލަސްވެގެން އާޚިރަތުގެ ސަވާބާއި އަޖުރުން މަހުރޫމު ނުވާށެވެ. ވަގުތު ނުވެގެން ނަމާދުނުކޮށް ނުތިބޭށެވެ. ފަހުން ހިތާމަކުރަން ޖެހިދާނެއެވެ.