ތިން ދުވަހުގެ ދަތުރުފުޅެއްގައި އއ. އަތޮޅަށް ރައީސް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އއ. އަތޮޅަށް ވަޑައިގަތުން: 8 ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި --ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހާލު ބައްލަވައިލެއްވުމަށް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އއ. އަތޮޅަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ދަތުރުފުޅަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެމީހުންގެ ދިރިއުޅުމަށް ކުރިމަތިވާ ގޮންޖެހުންތަކާއި އުއްމީދުތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯއްދެވުމުގެ މަގުސަދުގައި ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ އަށް ރަށަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ.

މި ބައްދަލުވުންތަކުގައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. މީގެއިތުރުން މި ދަތުރުފުޅުގައި، އެ އަތޮޅު ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ތިން ދުވަހުގެ ދަތުރުފުޅުގައި، އއ. އަތޮޅުގައި މީހުން ދިރިއުޅޭ އަށް ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށްތަކަކީ:

  • އއ. ތޮއްޑޫ
  • އއ. ރަސްދޫ
  • އއ. އުކުޅަސް
  • އއ. މަތިވެރި
  • އއ. ބޮޑުފޮޅުދޫ
  • އއ. ފެރިދޫ
  • އއ. މާޅޮސް
  • އއ. ހިމަންދޫ

ރައީސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މަހުގެ 11 ވަނަ ދުވަހު ރައީސް ވަނީ ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ޒިޔާރާކުރައްވައިފައެވެ.

comment ކޮމެންޓް