ޗައިނާއާއި އިންޑިއާއަކީ ވާދަވެރިންގެ ގޮތުގައި ނުބެލުމަށް ޗައިނާއިން ގޮވާލައިފި

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ (ކ) އާއި އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަހަމަންޔަމް ޖައިޝަންކަރް (ވ). ފޮޓޯ/އެމްއެސްއެން

ފާއިތުވެދިޔަ 75 އަހަރުން ފިލާވަޅު ނަގައި އިންޑިއާއާއި ޗައިނާއިން، އެއް ގައުމުން އަނެއް ގައުމާ މެދު ވާދަވެރިއެއްގެ ގޮތުގައި ނުބަލައި އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވިދާޅުވެއްޖެއެވެ.

ވަންގް އެގޮތަށް ގޮވާލެއްވީ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ނިއުދިއްލީގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ސުބްރަހަމަންޔަމް ޖައިޝަންކަރާ ބައްދަލުކުރެއްވުމަށްފަހުގައެވެ.

ވަންގް ވިދާޅުވީ ޗައިނާ އާއި އިންޑިއާގެ ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށްޓަކައި ދެ ގައުމުގެ އިތުބާރު ދަމަހައްޓައި، ހުރަސްތަކުން އަރައިގަނެ، އެއްބާރުލުން އިތުރުކޮށް، ރަނގަޅު ގުޅުމެއް ބިނާކުރަން ޖެހޭ ކަމަށެވެ.

ގާތްގަނޑަކަށް 2.8 ބިލިއަން މީހުންގެ ޖުމްލަ އާބާދީއެއް އޮންނަ ޗައިނާ އާއި އިންޑިއާއަކީ އެންމެ ބޮޑަށް ތަރައްގީވަމުން އަންނަ ދެ ގައުމެވެ.

އެހެންވެ، ދެ ގައުމަކީވެސް ޑިމޮކްރަސީ ކުރިއެރުވުމަށް އެހީތެރިވެދޭ، އެއްބައިވަންތަ ދެ ގައުމު ގޮތުގައި ނަމޫނާ ދައްކަން ޖެހޭ ކަމަށް ވަންގް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ދެ ގައުމު ހިއްސާވާ ބޯޑަރުގެ ސުލްހައާއި، ވިޔަފާރީގެ މައްސަލަތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން އިންޑިއާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވަނީ ޗައިނާއާއި އިންޑިއާގެ އިގުތިސާދީ އަދި ވިޔަފާރީގެ މައްސަލަތަކާއި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމަކީ އުފެއްދުންތެރި މަޝްވަރާތަކެއް ކުރި، ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ.

ދެ ދުވަހުގެ ދަތުރުފުޅެއްގައި ވަންގް އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެއެވެ. މި ދަތުރުފުޅުގައި އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ދޯވަލްއާ އެކު ބޯޑަރު މަޝްވަރާގެ 24 ވަނަ ބުރުވެސް ބާއްވަން ވަނީ ހަމަޖެހިފައެވެ.

ވަންގް އަކީ 2020 ވަނަ އަހަރު ދެ ގައުމުގެ ބޯޑަރުގައި ހިނގި ހަމަނުޖެހުމަށް ފަހު، މިދިޔަ އޮކްޓޯބަރު މަހު ދެ ގައުމުން އެއްބަސްވުމަކަށް އައި ފަހުން އިންޑިއާއަށް ވަޑައިގެންނެވި ޗައިނާގެ ފުރަތަމަ ވަޒީރެވެ.

ވަންގްގެ މި ދަތުރުފުޅަކީ ރަޝިޔާ ވެސް ހިމެނޭ ސަރަހައްދީ ސިޔާސީ އަދި ސަލާމަތީ ޖަމާއަތެއް ކަމަށްވާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓުގައި ބައިވެރިވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޗައިނާއަށް ވައިޑައިގެންނެވި ފަހުން މާ ގިނަ ދުވަސް ނުވަނީސް ކުރައްވާފައިވާ ދަތުރުފުޅެކެވެ. މޯދީ ޗައިނާއަށް ވަޑައިގެންފައި ވަނީ ހަތް އަހަރަށް ފަހެވެ.

comment ކޮމެންޓް