ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ހުޅުވާލާފައިވާ ޕީއެޗްޑީ ކޯސްތަކަށް ހޮވޭ އިމާމުންނަށް ހުރިހާ ޚަރަދެއް އިސްލާމިކް މިނިސްޓްރީން ކޮށްދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެންޔޫއިން ވަނީ ޕީއެޗްޑީ އިން އިސްލާމިކް ސްޓަޑީޒް އަދި ޕީއެޗްޑީ އިން އިސްލާމިކް ޝަރީޢާ ކޯސްތަކަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެ ކަމާ ގުޅިގެން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އެ ކޯސްތަކަށް ހޮވޭ އިމާމުންނަށް ހުރިހާ ޚަރަދެއް މިނިސްޓްރީން ސްޕޮންސާކުރާނެ ކަމަށެވެ. އަދި، އެ އިމާމުންނަށް ބޭނުންވާ ޕޮކެޓްމަނީ ވެސް މިނިސްޓްރީގެ ފަރާތުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވީހާ ވެސް ގިނަ ބޭފުޅުން ކުރިމަތިލައްވާ، ފުރުސަތު ލިބޭތޯ މަސައްކަތްކުރައްވާ. އިމާމުންނަށް ޕީއެޗްޑީ ފެންވަރަށް ކިޔަވައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދެއް ވެސްމެ،" ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ އިސްލާމީ ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލުމުން ގައުމީ ޔުނިވާސިޓީއަށް ޝުކުރު ދަންނަވައިފައެވެ.
އެމްއެންޔޫގެ ދަރިވަރުންތަކެއް: އެމްއެންޔޫއިން ވަނީ އިސްލާމީ ދާއިރާއިން ޕީއެޗްޑީއަށް ކިޔަވަން ފުރުސަތު ހުޅުވާލާފައި -- ފޮޓޯ/ އެމްއެންޔޫ
މި ދެ ކޯހަކީ ވެސް އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ފެށުމަށް ހަމަޖެހިފައިވާ މަތީ ފެންވަރުގެ ކޯސްތަކެކެވެ. މި ކޯހުގައި ބައިވެރިވާން އަންނަ މަހުގެ 30ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން އޮންލައިން ޕޯޓަލް މެދުވެރިކޮށް ބައިވެރިވާން ޖެހޭނެއެވެ. އަދި، ކޯހުގެ ކޮންމެ ސެމިސްޓާއަކަށް 14،340 ރުފިޔާ ދައްކަންޖެހޭނެއެވެ.
ކޯހުގައި ބައިވެރިވާން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ލެވެލް ނުވައެއްގެ ސަނަދަކާއި ލެވެލް ހަތެއް ނުވަތަ އަށެއްގެ ސަނަދެއް ހާސިލުކޮށްފައިވުމާ އެކު ދިރާސީ މަސައްކަތްކުރުމުގެ ތަޖުރިބާ ހުންނަން ޖެހޭނެއެވެ. އަދި، ޕީއެޗްޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް އެޕްލިކޭޝަން ފޯމާ އެކު ހުށަހަޅަން ޖެހޭނެއެވެ.
މެއިލް ކުރެއްވުމުން ނުވަތަ 1445 ފޯނަށް ގުޅުއްވުމުން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.