މަޖިލީހުގެ މިދައުރުގައި ބޭއްވީ 27 ޖަލްސާ، ނުނިމޭ 396 މައްސަލަ

މަޖިލީހުގެ ޖަލްސާ ތެރެއިން: ދެވަނަ ދައުރުގެ ތެރޭގައި ބޭއްވީ 27 ޖަލްސާ --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ދައުރު ދަންމާލުމަށްފަހު ބާކީ ދެދުވަސް އޮއްވައި މި ދައުރު ކުރުކޮށްލިއިރު، މި ދައުރުގައި ބޭއްވުނީ 27ޖަލްސާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ނަމަ މި ނިމުނު ދެވަނަ ދައުރުގެ ޖަލްސާތައް ނިމޭނީ މިދިޔަ ހުކުރު ދުވަހެވެ. ނަމަވެސް، ދައުރު ނިމޭ ޖަލްސާ ބާއްވާނީ އެ ދައުރުގެ ތެރެއިން އަންނަ ފަހު ބުރާސްފަތި ނުވަތަ ހޯމަ ދުވަހުގައި ކަމަށް ގަވައިދުގައި ބަޔާންކޮށްފައި އޮތުމުން، ދައުރު ނިމޭ ގޮތަށް ފުރަތަމަ އޮތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މީގެ ހަފުތާއެއް ކުރިން މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުން ފާސްކުރީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުރު ދަންމާލުމަށެވެ. އެހެންކަމުން މި ދައުރު ނިމޭގޮތަށް އޮތީ އަންނަ ބުރާސްފަތި ދުވަހުއެވެ. ދައުރު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް މިއަދުގެ ޖަލްސާގައި މެންބަރުން ވަނީ ދައުރު ކުރުކޮށްލައްވައި، ޗުއްޓީއަށް ވަޑައިގެންފައެވެ.

https://sun.mv/210139

މަޖިލީހުން ވަނީ، ދެވަނަ ދައުރުގައި ކުރެވުނު މަސައްކަތްތަކުގެ ތަފުސީލު ހިއްސާކޮށްފައެވެ. އެގޮތުން، މި ދައުރުގައި ޖުމުލަ 27 ޖަލްސާ ބާއްވާފައިވާއިރު، އެ ޖަލްސާތަކަށް ހޭދަވީ 46 ގަޑިއިރެވެ.

އޭގެއިތުރަށް، 24 ބިލެއް ދައުރުގައި ހުށަހެޅުނު އިރު، އޭގެތެރެއިން ހަތް ބިލެއް ވަނީ ނިންމާފައެވެ.

އިތުރަށް ކުރި މަސައްކަތްތައް:

  • ހަ ގަރާރެއް ހުށަހެޅި، އެއްވެސް ގަރާރެއްގެ މައްސަލަ ނުނިންމޭ
  • ސަރުކާރުގެ ފަރާތުން 11 މައްސަލައެއް ހުށަހަޅާފައިވާއިރު، އަށް މައްސަލައެއް ނިންމި
  • ރިޔާސަތުން ފަސް މައްސަލައެއް ވަނީ ހުށަހަޅާފައި، އޭގެން ދެ މައްސަލަ މި ދައުރުގައި ނިންމި
  • މެންބަރަކު ހުށަހެޅި މައްސަލައަކާއި އެހެނިހެން މައްސަލަތަކާ ގުޅިގެން ހުށަހެޅި ދެ މައްސަލައެއް ނިންމި
  • ދައުރުގެ ތެރޭ 77 ސުވާލު ހުށަހެޅި، އެކަމަކު ނިމުނީ އަށް ސުވާލު
  • ހުށަހެޅި ހަ ކުއްލި މައްސަލަ ވެސް ވަނީ ނިންމާފައި

ހަމައެހެންމެ، މަޖިލީހުގެ ދެވަނަ ދައުރުގެ ތެރޭގައި އިމްތިޔާޒުގެ ދެ މައްސަލައެއް ހުށަހެޅިއިރު، އޭގެތެރެއިން މައްސަލައެއް ނިންމިއެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަޖިލީހުގެ މި ދައުރުގައި ނުނިންމި ޖުމުލަ 396 މައްސަލައެއް އެބަ އޮތެވެ.

ދައުރުގެ ތެރޭގައި ޖުމުލަ 127ކޮމިޓީ ބޭއްވިއެވެ. އެކޮމިޓީތަކުގައި މެންބަރުން ހޭދަކުރީ 91 ގަޑިއިރާއި 29 މިނެޓެވެ.

މި ދައުރުގައި 27 ޖަލްސާ ބާއްވާފައި ވާއިރު، މަގުބޫލު އުޒުރަކާ ނުލައި ޖަލްސާތައް ކެންސަލް ކުރާކަމުގެ ކަންބޮޑުވުން އިދިކޮޅު މެމްބަރުން ފާހަގަކުރެއެވެ. އަދި ޖަލްސާތައް ކުރުކުރާކަމުގެ ކަންބޮޑުވުމާއި ސުވާލުކުރުމަށް މަޖިލީހަށް ވަޒީރުން ހާޒިރު ނުކުރެވޭ ކަމުގެ ކަންބޮޑުވުންތައް ފާޅުކުރެއެވެ.

https://sun.mv/205711

މި ކަންބޮޑުވުންތައް ތަޅުމުގައި ވެސް އެތައް ފަހަރެއްގެ މަތިން ފާހަގަކޮށްފައިވާއިރު، މި ކަންބޮޑުވުންތަކަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މީގެ ކުރިން ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. އެގޮތުން، މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މަޖިލީހުގެ ގިނަ މަސައްކަތްތައް ކުރިއަށް ދަނީ ވެސް ކޮމިޓީ މަރުހަލާގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު ވެސް މަޖިލިސް މެންބަރުންނަށް ލިބޭ މުސާރައާ އެކަށީގެންވާ ވަރަށް މަސައްކަތްނުކުރާ ކަމަށް ބުނެ، ވަރަށް ގިނައިން ވާހަކަދެކެވެއެވެ. އެގޮތުން، މެންބަރުންނަށް ލިބޭ 82،500 ރުފިޔާގެ މުސާރަ މާ ބޮޑު ކަމަށް ބުނެ، އެ މުސާރަ ކުޑަކުރަން ގޮވާލައި ޕެޓިޝަނެއްގައި ވެސް ބައެއް މީހުން ސޮއިކުރިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ޗުއްޓީއަށް ފަހު މަޖިލީހުގެ ތިންވަނަ ދައުރު ފަށާނީ އަންނަ އޮކްޓޫބަރު މަހެވެ. ނަމަވެސް، ބައެއް މަސައްކަތްތައް ނިންމާލުމަށް ޓަކައި ދައުރުން ބޭރުން ދެ ޖަލްސާ ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ވަނީ ވިދާޅުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް