ބަދަލާއެކު އީޕީއޭއަށް ވެރިއަކު ހޯދަން އިއުލާނުކުރިތާ އެއްދުވަސް، އެ މަގާމަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހައްސާން

އީއާރުއޭގެ ވެރިއަކަށް އައްޔަންކުރި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހައްސާން ---

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ނަން، އެންވަޔަރަންމަންޓަލް ރެޖިއުލޭޓަރީ އޮތޯރިޓީ(އީއާރުއޭ)އަށް ބަދަލުކުރުމަށް ފަހު، އެ އިދާރާއަށް ވެރިޔަކު ހޯދުމަށް އިއުލާނުކުރިތާ އެއް ދުވަސް ފަހުން އެ މަގާމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހައްސާން މުހައްމަދު މިއަދު އައްޔަންކޮށްފިއެވެ.

އީއާރުއޭއިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، ހައްސާން އެ މަގާމަށް އައްޔަން ކުރިކަން އިއުލާނުކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ. އަދި އެ އިދާރާއިން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތް އޭނާގެ ބެލުމުގެ ދަށުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް އުންމީދު ކުރާކަމަށް އެ ޕޯސްޓުގައި ވެއެވެ.

ކުރިން މިނިވަން އިދާރާއެއްގެ ގޮތުގައި އޮތް އީޕީއޭ ސީދާ އެންވަޔަރަމަންޓް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް ބަދަލުކޮށް އެ އިދަރާގެ ނަން އިއާރުއޭއަށް ބަދަލުކުރީ މިދިޔަ އަންގާރަދުވަހުއެވެ.

އެއަށްފަހު އީއާރުއޭއަށް ވެރިޔަކު ހޯދުމަށް އިއުލާނުކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. އެ އިއުލާނުގެ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު ފަހު 02:00ގައެވެ.

މި މަގާމުގެ އަސާސީ މުސާރައަކީ މަހަކު 20،500 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ދެއެވެ. އެހެންކަމުން އިނާޔަތްތަކާއެކު މުސާރައިގެ ގޮތުގައި ޖުމްލަ 35،500 ރުފިޔާ ލިބޭނެއެވެ.

ހައްސާނަކީ މީގެ ކުރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގައުމީ ޔުނިވާސިޓީގައި ލެކްޗަރާއެއްގެ ހައިސިއްޔަތުން އޭނާ މަސައްކަތް ކުރައްވާފައި ވެއެވެ.

އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ކުއީންސް ލޭންޑުން އިންޖިނިއަރިންގެ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައެވެ. އަދި ނެދަލޭންޑްސްގެ އައިއެޗްއީ ޑެލްފް އިންސްޓިޓިއުޓް ފޯ ވޯޓާ އެޑިއުކޭޝަން އިން އޭނާ ވަނީ ތައުލީމު ހާސިލްކުރައްވާފައެވެ.

އީޕީއޭ އީއާރުއޭއަށް ބަދަލުކުރުމުގެ ކުރިން އެ އިދާރާގެ ވެރިއެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ހުންނަނީ ޑިރެކްޓަރެކެވެ. އެ މަގާމުގައި ހުންނެވީ އިބްރާހިމް ނައީމެވެ.

އީޕީއޭއަށް ގެނައި ބަދަލުތަކާ ގުޅިގެން، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއި، ކުރީގެ ބައެއް، ވެރިންނާއި މިނިސްޓަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް