މުސާރަ ނުދޭ ކަމަށް ބުނެ ވައްކަން ކުރުމުގެ ތުހުމަތުގައި، އޮކްސިޖަން ކެފޭގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި

އޮކްސިޖަން ކެފޭ

މާލޭގެ މަޝްހޫރު އޮކްސިޖަން ކެފޭގެ ދެ މުވައްޒަފަކު، މުސާރަ ނުދޭ ކަމަށް ބުނެ އެ ކެފޭއިން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

އޮކްސިޖަން ކެފޭއިން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނޭޕާލަށް ނިސްބަތްވާ 31 އަހަރުގެ އަންހެން މުވައްޒަފަކާއި އިންޑިއާގެ 29 އަހަރުގެ ފިރިހެން މުވައްޒަފެކެވެ. އެ ދެ މުވައްޒަފުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ.

އެ ދެ މުވައްޒަފުންގެ މައްޗަށް ކުރަނީ، ވައްކަމާއި ޚިޔާނާތުގެ ތުހުމަތެވެ.

އެ ދެ މުވައްޒަފުންގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެކި ދުވަހުގެ މަތިން އެ މުވައްޒަފުންވަނީ އޮކްސިޖަން ކެފޭއިން ވައްކަންކޮށްފައި ކަމަށް ތުހުމަތު ކުރެވެއެވެ. އެގޮތުން ވެރިފަރާތުގެ ހުއްދަ ނެތި ކަސްޓަމަރުންގެ އަތުން ފައިސާ ނަގައި، ބިލްތައް ފޮރުވުމާއި ފައިސާ އަމިއްލަ ޖީބަށް ލާ ކަމަށްވަނީ ތުހުމަތުކޮށްފައެވެ.

އެ ދެ މީހުންވެސްވަނީ ދެ މީހުންގެ މައްޗަށް ކުރާ ތުހުމަތުތަކާ ދެކޮޅަށް ކޯޓުގައި ވާހަކަ ދައްކާފައެވެ. އެ މީހުންނާ ހަވާލަދީ ރިޕޯޓުގައި ވަނީ ދެ ދުވަހެއްގެ މަތިން 200 ރުފިޔާ ވަގަށް ނެގިނަމަވެސް، އެއްބަސްވީ ގޮތަށް މުސާރައާއި އިނާޔަތްތައް ނުދޭ ކަމަށެވެ. އަދި ޕޮކެޓް މަނީއާއި ސާވިސް ޗާޖު ނުދޭ ކަމަށްވެސް އެ މީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ބަލިވުމުން ބޭސްކޮށް ނުދޭ ކަމުގެ ޝަކުވާވެސް އެ އަންހެން މީހާވަނީ ކޮށްފައެވެ. ދެ މުވައްޒަފުންވެސް އެދިފައިވަނީ ބަންދުން ދޫކޮށްލައި އަނބުރާ ގައުމަށް ފޮނުވައި ދިނުމަށެވެ.

އެ މުވައްޒަފުން އެހެން ބުނި ނަމަވެސް އޮކްސިޖަން ހިންގާ ކުންފުނިން “ސަން” އަށް ބުނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ނުދީ ނޯންނާނެ ކަމަށެވެ. އަދި މިއީ އެތައް ދުވަހެއް ވަންދެން ކުރަމުން އައި ވައްކަން ފަޅާއެރުމުން ދައްކާ ބަހަނާއެއް ކަމަށް ބުންޏެވެ.

އޮކްސިޖަން ކެފޭއަކީ މާލޭގެ ބޮޑު ތަކުރުފާނު މަގު، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހުންނަ މަޝްހޫރު ކެފޭއެކެވެ. އެ ކެފޭގެ އިތުރު ބްރާންޗެއް ހާބަރު ފުޑްކޯޓުގައިވެސް ހުރެއެވެ.

ރާއްޖޭގެ އާބާދީގެ ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކަކީ ބިދޭސީއެއް ކަމަށް ބޯހިމެނުމުން ދައްކާއިރު، ބިދޭސީން ރާއްޖެ ގެނައުމަށް މުސާރަ ނުދީ، ހައްގުތަށް ކަށަވަރުކޮށްނުދިނުމުގެ ގިނަ މައްސަލަތަކެއް ފެންމަތިވެއެވެ.

comment ކޮމެންޓް