އާންމު ތަންތަނުގައި ފޯނު ބޭނުންކުރާއިރު ކޮނޑުމަތިން ނުވަތަ ކައިރިން އެހެން މީހަކު ތިބާގެ ސްކްރީނަށް ބަލާފާނެކަމުގެ ކަންބޮޑުވުން މިހާރު މިވަނީ ނިމުމަކަށް އައުމުގެ މަގުމަތީގައެވެ.
ސެމްސަންގްއިން އެ ކުންފުނީގެ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ފްލެގްޝިޕް ފޯނު، ގެލެކްސީ އެސް26 އަލްޓްރާއާ އެކު ތައާރަފުކުރާނެ ކަމަށް ބެލެވޭ "ފްލެކްސް މެޖިކް ޕިކްސެލް" ޓެކްނޮލޮޖީން މިކަން ހަގީގަތަކަށް ހަދައިދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ ސްމާޓްފޯނު ޑިސްޕްލޭގެ ޕްރައިވެސީއަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ފީޗާއެކެވެ.
ފްލެކްސް މެޖިކް ޕިކްސެލް ޓެކްނޮލޮޖީގެ މައިގަނޑު މަގުސަދަކީ ބޭނުންކުރާ މީހާއަށް ސާފުކޮށް ފެންނައިރު ކައިރީގައި ތިބޭ މީހުންނަށް ސްކްރީން ފެންނަ ދިމާ (ވިއުއިން އެންގަލް) ހަނިކޮށްލުމެވެ. މި ޓެކްނޮލޮޖީއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)އާ ގުޅިގެން މަސައްކަތްކުރާނެ އެއްޗެކެވެ. މިސާލަކަށް، ބޭންކިން އެޕްލިކޭޝަނެއް ފަދަ ސެންސިޓިވް އެޕެއް ހުޅުވާލުމުން ފޯނުގެ އޭއައި ސިސްޓަމުން ވަށައިގެންވާ މާހައުލު ދެނެގަނެ، އޮޓޮމެޓިކުން ޕްރައިވެސީ ފީޗާ އެކްޓިވޭޓްކޮށްލާނެއެވެ.
މި ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ޚާއްޞަކަމަކީ، މިހާރު ބާޒާރުގައި ލިބެން ހުންނަ ޕްރައިވެސީ ފިލްމުތަކާ ޚިލާފަށް، ސްކްރީންގެ އަލިކަމަށާއި ކުލަތަކުގެ ފެންވަރަށް އެއްވެސް އަސަރެއް ނުކުރުމެވެ. މިކަން ކަށަވަރުކުރުމަށްޓަކައި، ފްލެކްސް މެޖިކް ޕިކްސެލް ޓެކްނޮލޮޖީއާ އެކު "ކަލާ ފިލްޓާ އޮން އެންކެޕްސިއުލޭޝަން" (ސީއޯއީ) ޓެކްނޮލޮޖީ ވެސް ބޭނުންކުރާނެއެވެ. ސީއޯއީއަކީ ޑިސްޕްލޭގައި ހުންނަ ޕޮލަރައިޒާގެ ބަދަލުގައި ކުލަ ފިލްޓަރެއް ބޭނުންކުރާ ނިޒާމެއް ކަމުން ސްކްރީން އިތުރަށް ތުނިވެ، އަލިވެ އަދި ހަކަތަ ސޭވްކުރެއެވެ.
ސެމްސަންގް ޑިސްޕްލޭއިން މި ޓެކްނޮލޮޖީ އެންމެ ފުރަތަމަ ދައްކާލާފައިވަނީ މިދިޔަ އަހަރު ބޭއްވި މޮބައިލް ވޯލްޑް ކޮންގްރެސްގައެވެ.
ކޮރެއާގެ ނޫހެއް ކަމަށްވާ "ޑީލްސައިޓް"އިން ރިޕޯޓްކުރާ ގޮތުގައި، މި ޓެކްނޮލޮޖީ މިހާރު ގިނަ އަދަދަކަށް އުފެއްދުމުގެ މަރުހަލާގައިވާއިރު، އެންމެ ފުރަތަމަ ފެންނާނީ ގެލެކްސީ އެސް26 އަލްޓްރާއިންނެވެ. މީގެ އިތުރުން، ކުރިމަގުގައި ނެރޭނެ ގެލެކްސީ ޒެޑް ފޯލްޑް އަށެއް އަދި ޒެޑް ފްލިޕް އަށެއް ފަދަ ފޯނުތަކުގައި ވެސް މި ޓެކްނޮލޮޖީ ހިމެނުމަކީ އެކަށީގެންވާ ކަމެކެވެ.
ޑިސްޕްލޭގެ އިތުރުން، ގެލެކްސީ އެސް26 އަލްޓްރާގައި އެހެން ގިނަ އަޕްގްރޭޑްތަކެއް ވެސް ހިމެނޭނެ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި ދެ ނެނޯމީޓަރުގެ އެގްޒިނޯސް 2600 ޗިޕްސެޓް، 10.7 ޖީބީޕީއެސްގެ ހަލުވި ސްޕީޑެއް ލިބޭ އެލްޕީޑީޑީއާރްފައިވްއެކްސް ރެމް، އަދި 60 ވޮޓް ގެ ފާސްޓް ޗާޖިންއާ އެކު 5,500 މިލީއެމްޕެއަރުގެ ބެޓެރިއެއް ހިމެނެއެވެ.
ކެމެރާއަށް ބަލާއިރު 200 މެގަޕިކްސެލްގެ މައި ކެމެރާއަކާއި، 50 މެގަޕިކްސެލްގެ އަލްޓްރާވައިޑް ކެމެރާއަކާއި، 50 މެގަޕިކްސެލްގެ ޕެރިސްކޯޕް ޓެލެފޮޓޯ ކެމެރާއެއް ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
ކުރިއަށް އޮތް 2026ގެ މެދުތެރޭގައި މިފޯން ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާއިރު، މިއީ ސްމާޓްފޯން ސްކްރީން ޕްރައިވެސީއަށް އަންނަ ބޮޑު އިންގިލާބެއްކަމަށް ރިޕޯޓްތައް ބުނެއެވެ.