އަލިމަސް ޔޫބީލް ފާހަގަކުރަން ކޮންމެ ރަށަކުން ފުޓުބޯޅަ ޝަހުސިއްޔަތެއް ހޮވަނީ

"ޑައިމަންޑް ޖޫބިލީ ކޮމިޓީ"އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މޫސާ ނަދީމް

ދިވެހި ފުޓުބޯޅައަށް 75 އަހަރުފުރުމުގެ މުނާސަބާގައި ބާއްވާ އަލިމަސް ޔޫބީލްގެ ހަރަކާތްތަކުގެ ތެރެއިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުޓުބޯޅައިގެ ޝަހުސިއްޔަތެއް ހޮވުމަށް ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އަލިމަސް ޔޫބީލްގެ ހަރަކާތްތަކަށް ހާއްސަކޮށް އުފައްދާފައިވާ "ޑައިމަންޑް ޖޫބިލީ ކޮމިޓީ"އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޑައިމަންޑް ޖުބިލީ ކޮމިޓީއަށް މެމްބަރުން ހޮވާފައިވަނީ ކުލަބުތަކުންނެވެ. މި ކޮމިޓީގެ ޗެއާމަނެއްގެ ގޮތުގައި އަލީ ސުޒެއިން ހަރަކާތްތެރިވާއިރު، ވައިސް ޗެއާމަނެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ނިއު ރޭޑިއަންޓުގެ ޗެއާމަން އަޙްމަދު މުބީނެވެ.

މި ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ދެން ހިމެނިވަޑައިގަންނަވަނީ ކްލަބް ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީން އާއި ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ލަތީފް މުހައްމަދެވެ.

"ޑައިމަންޑް ޖޫބިލީ ކޮމިޓީ" އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ: ސަން

ކޮމިޓީގެ މަސައްކަތްތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ކޮމިޓީން އިޢުލާނުކޮށްފައިވަނީ ރާއްޖޭގެ ކޮންމެ ރަށެއްގެ ތާރީޚުގައި ވެސް އެ ރަށަކުން އެންމެ ވަރުގަދަ ފުޓްބޯޅައިގެ ޝަހުސިއްޔަތު ހޮވުމަށެވެ. ފުޓުބޯޅަ ޝަހުސިއްޔަތު ހޮވުމުގެ މަސައްކަތް ހަވާލުކުރާނީ އެ ރަށެއްގެ ކައުންސިލާއި ކުލަބު ޖަމުއިއްޔާތަކަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޓީގެ ޗެއާމަން ސުޒެއިން ވިދާޅުވީ ރަށްރަށުގައި ފުޓްބޯޅަ ޝަހުސިއްޔަތަކަށް އެ ރަށެއްގެ ކުޅުންތެރިއަކަށް ނުވަތަ ރެފްރީއަކަށް ނުވަތަ ފުޓްބޯޅަ ނޫސްވެރިއަކަށް ވެސް ވެވިދާނެ ކަމަށެވެ.

"ވަރަށް މޮޅު ކުޅުންތެރިޔެއް ހުރީ. ވަރަށް މޮޅު ނޫސްވެރިއެއް ހުރީ. ވަރަށް މޮޅު ފުޓްބޯޅަ ކޮމަންޓޭޓަރެއް ވެސް ހުރެދާނެ. އެއީ މިކަންވާނެ ހޯދުމުގައި ވާދަވެރިވާނެ ކަމަކަށް ވެސް،" ސުޒެއިން ބުންޏެވެ.

ކޮމިޓީގެ ވައިސް ޗެއާމަން މުބީން ވިދާޅުވީ ރަށްރަށުގެ ފުޓްބޯޅަ ޝަހުސިއްޔަތުން ހޮވުމުގައި، ކްރައިޓީރިއާތައް ކަނޑައަޅާއިރު، އާންމުންގެ ވޯޓު ވެސް ހިމެނޭ ގޮތަށް ކަންކަން ހަމަޖެހިގެންދިއުމުގެ ވިސްނުން ވެގެންގުޅުއްވާ ކަމަށެވެ. އަދި މިދިޔަ 75 އަހަރުތެރޭ ފުޓްބޯޅައިގައި އެންމެ މުހިންމު ދައުރެއް އަދާކުރި ރަށްރަށް ވެސް ފާހަގަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް