ބޯހިޔާވަހިކަމުގެ ބަޖެޓުން ބޮޑު މަސައްކަތެއް ނުކުރެވި ވަނިކޮށް އަންނަ އަހަރުގެ ބަޖެޓު ވެސް އެކަމަށް

ރައީސް މުއިއްޒު ބޮޑުފޮޅުދޫއަށް ވަޑައިގަތުން: ގެދޮރުގެ މައްސަލަ ހައްލުކުރަން މާބޮޑު މަސައްކަތެއް ނުކުރެވި ވަނިކޮށް އަންނަ އަހަރުގެ ބަޖެޓަކީ ވެސް ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށް ވިދާޅުވެއްޖެ -- ފޮޓޯ/ ރައީސް އޮފީސް

އެއް ބިލިއަން ރުފިޔާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކަނޑައަޅައި، މިއަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއްގެ ގޮތުގައި އިއުލާނުކުރެއްވި ނަމަވެސް މިހާތަނަށް މި ބަޖެޓުން މާ ބޮޑު ކަމެއް ކުރެވިފައި ނެތްއިރު، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި ސަރުކާރުގެ ވައުދާ އެއްގޮތަށް ފަސް އިންސައްތައިގެ އިންޓްރެސްޓްގައި ދެ ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުން ވެސް ހިމަނައިފައިވެއެވެ.

އެއީ، މިހާތަނަށް ގެދޮރުވެރިކަމަށް ބަޖެޓުކުރި އެންމެ ބޮޑު އަދަދެވެ. އެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެއްސީ މުޅި ރާއްޖެއަށް ބަހާލައިގެންނެވެ.

އެކަމާ ގުޅިގެން އޭރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށެވެ.

ނަމަވެސް މި ބަޖެޓުން މިހާތަނަށް އަދި މާ ބޮޑު މަސައްކަތްތަކެއް ކުރެވިފައިވާތަން ފެންނާކަށް ނެތެވެ.

ރައީސް މުއިއްޒު ބޮޑުފޮޅުދޫއަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ކަން މިހެން އޮތްއިރު، މިވަގުތު އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ ބޯހިޔާވަހިކަމާ ގުޅިގެން ވާހަކަ ދައްކަވައިފައެވެ.

އެގޮތުން ބޮޑުފޮޅުދޫގައި ހައުސިން މަޝްރޫއެއް މިއަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތް ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި އެ މަޝްރޫއު ހިމަނައިދެއްވާނެ ކަމުގެ ވައުދާއެކު އެމަނިކުފާނު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ ވެސް ގެދޮރުވެރިކަމަށް ނުވަތަ ބޯހިޔާވަހިކަމަށް ޚާއްސަ ބަޖެޓެއް ކަމަށެވެ.

މިއަންނަ އަހަރު ވެސް އަޅުގަނޑުމެން ބަޖެޓުގައި އެންމެ އިސްކަމެއް ދޭނެ ދާއިރާއަކީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން. އެއީ އަޅުގަނޑު ކަނޑައަޅާފައި އޮތް ގޮތް. އަދި ކުރިން ވެސް އަޅުގަނޑު ބަޔާންކޮށްފައި އޮތް ސިޔާސަތު އެއީ،

ފާހަގަކޮށްލެވޭ ގޮތުގައި މި ވެރިކަމުގެ ދައުރު ނިމޭއިރު، މާލޭގައި ދިރިއުޅޭ 18 އަހަރު ފުރިފައިވާ ހުރިހާ އެންމެނަށް ވެސް ގެދޮރު ހަމަޖައްސައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ މީގެ ކުރިން ދެއްވައިފައެވެ. އަދި ރާއްޖޭގައި ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ރައްޔިތަކު އެހާތަނަށް ނުހުންނާނެ ކަމަށް ވެސް އެކިއެކި ޕޯޑިއަމްތަކުގައި ތަކުރާރުކޮށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ބޮޑުފޮޅުދޫއަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި ގުޅީފަޅުގެ އިތުރުން ގިރާވަރުފަޅު އަދި އުތުރުތިލަފަޅުން ވެސް ހައުސިން ޔުނިޓުތަކެއް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މީގެ އިތުރުން ރަސްމާލޭގައި ވެސް ހައުސިން ޔުނިޓުތައް އެޅުމަށް ވަނީ ނިންމައިފައެވެ.

ނަމަވެސް ރަސްމާލެ ހިއްކުން ވެސް އެކިފަހަރުމަތިން ހުއްޓާލާފައިވެއެވެ. މިފަހުން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ވަނީ އެ ތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލާލުމަށްޓަކައި ވޯކް ސައިޓަށް ޒިޔާރާތްކޮށްފައެވެ. އެ މެންބަރުން ވިދާޅުވަނީ ވެރިކަމުގެ ދެ ދައުރުގެ ތެރޭ ވެސް މަޝްރޫއު ނުނިމޭނެކަމަށެވެ.

https://sun.mv/203144

ނަމަވެސް މި މަޝްރޫއުގެ އިންޖިނިއަރިން މަސައްކަތްކުރާ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް މަގާމެއްގައި އަދައިކުރާ މަލްޝާ ޝަރީފު އާންމުކުރި ވީޑިއޯއަކާއެކުގައި ވަނީ، ރަސްމާލޭގެ ޖުމްލަ 1009 ހެކްޓަރުގެ ތެރެއިން 129 ހެކްޓަރު ހިއްކައިފައިވާކަމަށް ވިދާޅުވެފައެވެ. އެއީ ހުޅުމާލެ ފޭސް އެކެއްހައި މިންވަރުގެ ބިން ކަމަށް އޭނާ ވިދާޅުވި ވެއެވެ.

މި މަޝްރޫއު ކުރިއަށްދަނީ ރައީސް ވިދާޅުވި ވަރަށްވުރެ މާ ލަސް ދުވެއްޔެއްގައެވެ.

އެމްޑީޕީ ސަރުކާރުންގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓާ ގުޅިގެންވެސް ގިނަ ބަޔަކު ވަނީ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. ފުލެޓު ލިބޭ މީހުންގެ ލިސްޓު އާންމުނުކޮށް، ފުލެޓުތައް ދެމުން ދަނިކޮށް ނަންތަކެއް ހޯލްޑުކުރުމުން އެކަމުގައި 'ވާނުވާގައި' ތިބެން ޖެހުމުގެ ކަންބޮޑުވުން ވަނީ މިފަހުން ބޮޑުވެފައެވެ. އެ މައްސަލައިގައި 100 މީހުން ވެސް ހަމަނުވާ އެ ލިސްޓުގައި ހިމެނޭ މީހުންގެ ފުލެޓު އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް ވަނީ މެދުކަނޑައިލާފައެވެ.

comment ކޮމެންޓް