މީޑިއާ ކައުންސިލުން ވެސް ނިންމީ ޚިޔާލު ނުދީ، ބިލު ބޭރުކުރަން އެދެން

މީޑިއާ ކައުންސިލް މެންބަރުންތަކެއް: މީޑިއާ ކޮންޓްރޯލް ކުރާ ބިލަށް ހިޔާލު ހުށަނާޅަން މީޑިއާ ކައުންސިލުން ނިންމައިފި --- ފޮޓޯ/ މީޑިއާ ކައުންސިލް

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލަށް ޚިޔާލު ހުށަނޭޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިއްޔެ ނިންމައިފިއެވެ.

ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން ވަނީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލެއް ހުށަހަޅާފައެވެ. އެ ބިލު ބޭރުކުރަން ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އާއި މީޑިއާ ކައުންސިލުން މީގެ ކުރިން ވެސް ވަނީ ގޮވާލާފައެވެ.

މޯލްޑިވްސް މީޑީއާ ކައުންސިލުން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ބިލާމެދު އެ ކައުންސިލުގެ ބައްދަލުވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

https://sun.mv/210214

އެ ކައުންސިލުގެ މެންބަރުންގެ ދެކޭ ގޮތުގައި، ބިލު ފަރުމާކޮށްފައި އޮތީ ގާނޫނުން ނޫސްވެރިންނަށް ލިބިފައިވާ ހައްގާއި އެއާ ގުޅިފައިވާ އެހެެން ހައްގުތައް ވަރަށް ހަނިކޮށް ކަމަށާއި އެ އިރެއްގައި އޮންނަ ސަރުކާރަކާއި މަޖިލީހަށް މީޑިއާގެ ކޮންޓްރޯލް ދާގޮތަށް ކަމަށް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އެ ބިލު ފަރުމާކޮށްފައި އޮތީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ގޮތަށް ނަމަވެސް، ބިލުގެ ތެރެއިން ބްރޯޑްކާސްޓަރުންނާ ގުޅޭ ހައްގުތަކާއި ނޫސްވެރިކަމުގެ ހައްގުތައް މަސްހުނިވެފައިވާ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެ ކަންބޮޑުވުންތަކަށް ބިނާކޮށް، އިއްޔެގެ މީޑިއާ ކައުންސިލް ޖަލްސާގައިވަނީ ނިންމުންތަކެއް ނިންމާފައެވެ. އެއީ:

  • އެއްވެސް ވަރަކަށް އެ ކައުންސިލާއި ނޫސްވެރިންނާ މަޝްވަރާނުކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އިތުރު ޚިޔާލުތައް ހުށަނާޅައި، ބިލު ބަލައިނުގަތުމަށް ކަމާ ބެހޭ ފަރާތްތަކަށް ދެންނެވުން
  • ބިލާ ދެކޮޅަށް ކުރެވެން ހުރި ކަންކަން ކުރުމަށާއި ކަމާ ގުޅުންހުރި ފަރާތްތަކާ އެކީ ގުޅިގެން މަސައްކަތްކުރަން ވޯކިން ގުރޫޕެއް އެކުލަވާލުން
  • ބިލުގައި ހުރި ކަންބޮޑުވުންތައް ރައީސް ޑރ. މުޙައްމަދު މުއިއްޒާ ހިއްސާކުރުމަށް އެޕޮއިންޓުމަންޓަކަށް އެދުމަށް
  • ސެލްޕް ރެގިއުލޭޓަރީ މެކޭނިޒަމާއި މިނިވަން ނޫސްވެރިކަމުގެ މުހިންމުކަމާ ގުޅޭ ޕޯސްޓުތައް ސޯޝަލްމީޑިއާގައި ހިއްސާކުރަން
  • މީޑިއާ ބިލު ބަލައިނުގަތުމަށް ޕީޖީ ގުރޫޕުތަކަށް ލިޔުމުން ފޮނުވުމަށް

https://sun.mv/210120

މީޑިއާ ކޮންޓްރޯލްކުރާ ބިލާ އެކު، އުފައްދާ ކޮމިޝަންގެ ތިން މެންބަރަކު އައްޔަންކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާތަކުން ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރި ނަމަވެސް އެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބެއެވެ. އަދި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބާރު ވެސް ގާނޫނުން އުފައްދާ އާ ކޮމިޝަނަށް ލިބޭނެއެވެ.

އެގޮތުން، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.

މީގެ އިތުރުން، ބިލު ފަރުމާކޮށްފައި އޮތީ މައްސަލައަކާ ގުޅިގެން އެއްކޮށް މައްސަލަ ނުނިމެނީސް މީޑިއާތައް އެއްކޮށް ހުއްޓުވާލުމުގެ ބާރު ވެސް ގާނޫނުން އުފައްދާ ކޮމިޝަނަށް ލިބޭ ގޮތަށެވެ.

އެ ބިލު ބޭރުކުރަން އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)އިން ވެސް ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް